މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ކުރިމަތިލާން އެމްޑީޕީން ނިންމި ނިންމުމަކީ ކޯލިޝަންގެ ހުރިހާ ފަރާތްތައް އެންމެ ހިތްހަމަޖެހޭ ގޮތް ކަމަށް ނުވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އިއްތިހާދުގެ އެއް ބައިވެރިއެއް ކަމަށާއި އެޕާޓީން އެދޭ ގޮތަކީ ކޯލިޝަންގައި ބާކީ ތިބި ފަރާތްތައް އެންމެ ހިތްހަމަޖެހޭ ގޮތް ކަމުގައި ނުވެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެދޭ ގޮތަކީ އެއީކީއެއް އިއްތިހާދުގެ ހުރިހާ ޕާޓީތަކުން އެދިވަޑައިގަންނަވާ ގޮތަކީ، އެދޭ ގޮތް ކަމުގައިނުވެދާނެ، އިއްތިހާދެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ސޯލިހް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީ މެންބަރުން ވަނީ 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައި ކަމަށާއި ޕްރައިމަރީގައި ބައިވެރިވުމަށް 280 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މަޖިލިސް ޕްރައިމަރީއަށް ހުޅުވާލުމާއެކު ޕާޓީއަށް ވަރަށް ގިނަ މެންބަރުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިތުރަށް 30،000 އަށްވުރެ ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅިފައިވާ ކަމަށާއި އޭގެ ތެރޭގައި 11،000 ބޭފުޅުންނަކީ ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި މެންބަރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ގޮނޑިތައް ބެހުމާއި ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ތެރެއިން އިންތިހާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"ދެން ވާހަކަ މި ފެށުނީ އަދި ކިރިޔާ އިނގޭތޯ، މިއަދަކު ނިންމުމަކަށް ނާދެވެ، އެހެންވިޔަސް ކުރިއެރުންތައް އެބަހުރި، އެހެންވީމަ އިތުރު ބައްދަލުވުންތައް އެކަމުގައި ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ މައްސަލާގައި އަވަހަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އުންމީދަކީ މިކަމުގައި ކޯލިޝަންގެ ހުރިހާ ފަރާތްތަކުން އެއްބަސްވާ ގޮތަކަށް މައްސަލަ ހައްލުވެގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން 87 ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލާފައިވަނީ 86 ދާއިރާއަށެވެ. އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާނެކަމަށް އިއުލާން ކުރުމާއެކު ކޯލިޝަންގެ ތެރޭގައިވަނީ ވަރަށް ބޮޑު ކޯޅުމަކަށް ގޮސްފަ އެވެ. ޖުމްހޫރީ ޕާޓީންވެސް ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ކެރޭނެ ކަމަށާއި އެކަން ނުކުރަނީ ކޯލިޝަނަށް އަސަރު ކޮށްފާނެތީ ކަމަށް ބުނެފަ އެވެ.
އަދާލަތު ޕާޓީ އިން ވަނީ މަޖިލިސް އިންތިހާބުގައި 13 ދާއިރާއަކަށް ވާދަކުރައްވަން ނިންމައި އެކަން އެދާއިރާތައްވެސް އިއުލާން ކުރައްވާފަ އެވެ. ނަމަވެސް މައުމޫން ރިފޯމް މޫވްމަންޓް، އެމްއާރުއެމް އިން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކޮށްފައެއް ނުވެ އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.