ހަބަރު

އަދުރޭގެ ހިސާބު ފިލާވަަޅު: އެއް އަހަރު ފުރޭ ދެވަނަ އުފަން ދުވަސް

Dec 21, 2018
16

ޕީޕީއެމްގެ އަހަރީ ދުވަސް ހޯދުމަށް ސޯޝަލް މީޑިއާގައި ޖެއްސެވި ހިސާބު ދިމާ ނުވުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެ ހިސާބުތައް ޖެއްސެވި ގޮތް ތަފްސީލުކޮށްދެއްވައިފި އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އަށް އަހަރު ފުރުން ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ފާޑު ކިޔުން އަމާޒުވި ނަމަވެސް އެއީ ރަނގަޅު ހިސާބެއް ކަމަށް އަދިވެސް ގަބޫލު ކުރާ ކަމަށެވެ. މިސާލެއް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު އުފަންވާ ކުއްޖަކު މީގެ އެއް އަހަރު ފަހުން ފުރޭނީ ކިތައް އަހަރު ހެއްޔެވެ. މިއަދު އުފަންވާ ކުއްޖަކަށް އެއް އަހަރު ފަހުން އެ ކުއްޖާގެ އުމުރަކީ އެއް އަހަރު ކަމަށް އަވަސްގެ ނޫސްވެރިޔާ ވިދާޅުވި ނަމަވެސް އެކަން ގަބޫލެއް ނުކުރެއްވި އެވެ. އަދި ކުއްޖަކު އުފަންވާ ދުވަހަކީ އެ ކުއްޖާގެ އެއް އަހަރު ފުރޭ ދުވަސް ކަމަށާއި އެހެންވެ އެއް އަހަރު ފަހުން އެ ކުއްޖާއަށް ދެ އަހަރު ފުރޭނެ ކަމަށެވެ.

"މިއަދު އުފަންވާ ކުއްޖާ މީގެ އެއް އަހަރު ފަހުން އަންނާނީ އޭނަގެ ކިތަށްވަނަ އުފަން ދުވަސްތޯ، މިއަދު އުފަންވީ އެހެންވެ މިއަދު ވާނީ ފުރަތަމަ އުފަން ދުވަހަށް، އެހެންވެ އެއް އަހަރު ފުރޭ ދުވަސް ވާނީ ދެވަނަ އުފަން ދުވަަހަށް، އޭގެ މާނައަކީ އެއީ އެއް އަހަރު ފުރޭ ދެވަނަ އުފަން ދުވަސް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑު ހީވަނީ އެ ބޭފުޅުން [ފާޑު ކިޔާ ފަރާތްތަކަށް] އެނގިވަޑައި ނުގަންނަވަނީ ހެން، ވާ ގޮތަކީ ހަގީގަތް ހޯދުމަށް ވުރެ ޒާތީ ވަނީ،"

ފަންސާސް ހަތަރަކާ ގުނަ ކުރުމުން ދެ ލައްކަ ވާނެ ކަމަށް މީގެ ކުރިން ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާއެއްގައި ވިދާޅުވުމުން އެކަމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އެކަން ސާފުކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާ 50 އޭ ވިދާޅުވީ 50،000 ކަމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑު ދެންނެވީ މިތަނުގައި ފުރަތަމަ ޖެހީ 35،000 އޭ ދެން އިތުރު ކުރީ 15،000 އޭ އެވީ 50،000 ދެން 50 ގުނަ ކުރައްވާށޭ ހަތަރަކާ، އެއީ އަޅުގަނޑު ދެންނެވި ވާހަކައަކީ، އެއްގޮތަކަށް ވެސް އެބޭފުޅުން އެ ދައްކަވަނީ ރަނގަޅު ވާހަކައެއް ނޫން ހަމަ ފާޑު ކިޔާ ހިތް ވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.