އަވަސް ހުކުރު

މައުމޫންއާ އެކުވާންޖެހިއްޖެނަމަ އަދުރޭ ސިޔާސީ މައިދާނާ ދުރަށް ދާނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު ސިޔާސީ މަސައްކަތް ކުރަން ޖެހިއްޖެނަމަ، ސިޔާސީ މަސައްކަތް ކުރެއްވުން ހުއްޓާލައްވައި ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންއާއެކު ސިޔާސީ މަސައްކަތް ފެއްޓެވި އަދުރޭ ފަހުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަރަށް އަރިހުގައި މަސައްކަތް ކުރައްވައި އެމަނިކުފާނަށް ވަރަށް ގިނަގިނަ ސަނާ އާއި ތައުރީފް ކުރައްވާފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އަދުރޭ ގެންނެވީ ވެސް ރައީސް މައުމޫން ކަމަށް ބުނެ އެވެ.

ނަމަވެސް ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލު ތަފާތުވި ފަހުން އަދުރޭ ގެންދަވަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުންނެވެ.

ކޮންމެ ހުކުރު ދުވަހަކު "އަަވަސް"އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް އަދުރޭ ދެއްވި އިންޓަވިއުގައި ވިދާޅުވީ، ނައިބު ރައީސް ކަމަށް އޭނާ ގެންނެވީ ރައީސް މައުމޫން ނޫން ކަމަށެވެ. އެ މަގާމަށް އާދެވުނީ ޕީޕީއެމްގައި އޭނާ ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. ޕީޕީއެމް އުފައްދަން އޭނާއަށްވުރެ ބުރަކޮށް މަސައްކަތް ކުރި އެހެން މީހަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންގިގާލީ މަރުހަލާގައި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވިއިރު ވެސް ރައީސް މައުމޫން އެކަމާ ދެކޮޅު ކަމަށާއި ނަމަވެސް ވޯޓުން އޭނާއަށް އެ މަގާމު ލިބުނީ ކަމަށް އަދުރޭ ވިދާޅުވި އެވެ. އެ ވޯޓަށްފަހު ރައީސް މައުމޫން ދެން ނައިބު ރައީސްއަކަށް އިންތިހާބުވި އުމަރު ނަސީރަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައި ހިތްވަރު ދެއްވި ކަމަށާއި ނަމަވެސް ރައީސް މައުމޫން އޭނާއަށް ނުގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ދެ ދުވަސް ފަހުން އަޅުގަނޑަށް މެސެޖެއް ކުރެއްވި، ހަމައެކަނި މަރުހަބާ ޖަހާފަ، އޭގެ އަޅުގަނޑަށް އެނގުނީ އެ ރޭ ރައީސް މައުމޫން ބޭނުންފުޅެއް ނުވެއޭ އަޅުގަނޑު އެ މަގާމަށް ހޮވޭކަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިިކަމުގައި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވި ކަމަށާއި އެކަމާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މަސައްކަތުން ރައީސް މައުމޫންގެ ކޮއްކޯފުޅު، ރައީސް ޔާމީނަށް ވެރިކަން ލިބުނު ހިސާބުން ރައީސް މައުމޫން އަމަލު ކުރެއްވީ އެންމެ ރަނގަޅަށް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރައީސް މައުމޫނަށްވުރެ ޒާތީ ބޭފުޅެއް ނެދެކެން، އެއަށްވުރެ ބޮޑަށް ހިތުގަ ފިތުނައާއެކު މަސައްކަތް ކުރައްވާ އެއަށްވުރެ ޒާތީ ބޭފުޅެއް ނުދެކެން،
ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ސަރުކާރު ހިންގެވީ ރައީސް މައުމޫންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެންނެވެ. ކެބިނެޓް އެކުލަވާލުމުގައި ވެސް އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ ރައީސް މައުމޫންއާ ކަމަށާއި އެކަމުގެ މެދުވެރިއަކަށްވީ އޭނާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އެކަމަކު އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ ކަމެއް ސަރުކާރުގެ ތެރެއިން ނުވެ، ކަމެއްގަ ހިތްހަމަނުޖެހިވަޑައިގެންނެވި ވަގުތު ނުކުމެވަޑައިގެން ގައުމު މިހާ ބޮޑު އަނދަވަޅަކަށް ވައްޓާލުމުގައި އެމަނިކުފާނު ފާޅުގައި އެ ކުރެެއްވި މަސައްކަތަކީ އެމަނިކުފާނު ޒާތީވެގެން ކުރެއްވި ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތް ކުރި މީހެއް، 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ރައީސް މައުމޫންއާ އެހާ އަރިހުން ސިޔާސީ މަސައްކަތް ކުރި އެހެން މީހެއް ނުހުންނާނެ، ވަރަށް ރަނގަޅަށް އެމަނިކުފާނުގެ މިޖާޖު އަޅުގަނޑަށް ދަސްވި، އެ ދަސްވެފަ ހުރީމަ މިއަދު މިތާ އަޅުގަނޑަށް ދަންނަވަން ކެރެނީ ރައީސް މައުމޫނަށްވުރެ ވަކިން ބޮޑަށް ޒާތީ ބޭފުޅަކު ނުހުންނާނެއޭ،"

ޕީޕީއެމްގެ ބާރުތައް ހަވާލުކުރުމުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ރައީސް ޔާމީންގެ އަތުން ޕީޕީއެމް ނަގައި ރައީސް މައުމޫންއާ ހަވާލުކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ދަނީ ބެލެވެމުންނެވެ. އަދުރޭ ވިދާޅުވީ އެކަން ކުރާނެ ހަމައެއް ނެތް ކަމަށާއި ނަމަވެސް އެއީ ހިނގުން އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރައީސް މައުމޫނަށް ލިބުނަސް ލިބޭނީ ނަން، ޕީޕީއެމްގަ މިއަދު ތިއްބެވި މެންބަރުންނަކީ ރައީސް ޔާމީނަށް ތާއިދުކޮށްގެން ތިބި މެންބަރުން، ރައީސް ޔާމީން ސިޔާސީ އާ ޕާޓީއެއް އުފައްދަވައިފި ކަމަށް ވަންޏާ އެ ބޭފުޅުން ތިއްބަވާނީ އެ ޕާޓީއެއްގަ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވޭނެ އެވެ. ރައްޔިތުންގެ އިހްސާސްތައް އެނގޭ ކަމަށާއި އެ ތާއިދެއް މިހާރަކު ރައީސް މައުމޫނަށް ނެތް ކަމަށް ވިދާޅުވި އެވެ. ރައީސް މައުމޫންއަށް ތާއިދު ކުރާ މީހަރު އުޅެނީ ވިއްސަކަށް މީހުން ކަމަށާއި އެއީ ސިޔާސީ ގޮތުން މިހާރު ޗެލެންޖަކަށްވާވަރުގެ ބޭފުޅެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ރައީސް މައުމޫންއާއެކު ސިޔާސީ މަސައްކަތް ކުރަން ޖެހިއްޖެޔާ އަޅުގަނޑު ސިޔާސީ މަސައްކަތް ހުއްޓާލާނަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އޭނާ ސިޔާސީ މަސައްކަތް ކުރައްވާނީ ރައީސް ޔާމީނާއެކު ކަމަށާއި ރައީސް ޔާމީން ސިޔާސީ ހަޔާތް ނިންމަވާލައްވައިފިނަމަ އޭނާ ވެސް ސިޔާސީ މައިދާނާ ދުރަށް ވަޑައިިގަންނަވާނެ ކަމަށެވެ.