ހަބަރު

ސްކޫލް "ނާސްތާ" ތައްޔާރުކޮށްދޭނެ މީހުން ހޯދަނީ

Dec 22, 2018
2

އާ ދިރާސީ އަހަރުގެ ކިޔެވުމާއެކު ސްކޫލްތަކުގެ ހެނދުނު ދަންފަޅީގައި ކިޔަވާ ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށަން ހަމަޖައްސާފައިވާތީ ސްކޫލްތަކުން ކުދިންނަށް ނާސްތާ ތައްޔާރުކޮށްދޭނެ މީހުން ހޯދަން ބިޑަށް ހުޅުވާލައިފި އެވެ.

ހެނދުނުގެ ނާސްތާ ކުދިންނަށް ދޭން ސަރުކާރުން ފަށާ "ޓެސްޓް" ޕްރޮގްރާމްގައި ހިމެނެނީ 25 ސްކޫލެކެވެ. އެއީ ކޮންމެ އަތޮޅަކުން އެއް ސްކޫލް، މާލެއިން ތިން ސްކޫލް އަދި ވިލިމާލެ އާއި ހުޅުމާލެއިން އެއް ސްކޫލެވެ. މީގެ ތެރެއިން ގިނަ ސްކޫލްތަކުން ވަކިވަކީން މިހާރު ވަނީ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދަން ބީލަމަށް ހުޅުވާލާފަ އެވެ.

ނާސްތާ ޕްރޮގްރާމް އަންނަ އަހަރު ހިންގާ ބައެއް ސްކޫލްތައް

ރ ރަސްމާދޫ ސްކޫލް، ވ އަތޮޅު މަދަރުސާ
އދ އަތޮޅު މަދަރުސާ، ޏ އަތޮޅު ތައުލީމީ މަރުކަޒު
އއ މާޅޮހު ސްކޫލް، އިސްކަންދަރް ސްކޫލް
ގދ އަތޮޅު ތައުލީމީ މަރުކަޒް، ލ އަތޮޅު މަދަރުސާ
ޝަރަފުއްދީން ސްކޫލް، ލ އަތޮޅު މަދަރުސާ
ތަކަންދޫ ސްކޫލް

މި ސްކޫލްތަކުން މިމަހުގެ ނިޔަލަށް ނާސްތާ ތައްޔާރުކޮށްދޭނެ ކޮންޓްރެކްޓަރެއް ހަމަޖައްސަން ވަނީ ނިންމާފަ އެވެ.

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ފަށާއިރު 25 ސްކޫލެއްގައި ހިމެނުނު ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ހިންގަން ވަނީ ނިންމާފަ އެވެ.