އޮފްބީޓް

އޮއިސްޓާ ކާން ދިއުމުން ކެވުނީ މުތެއް!

Dec 22, 2018

ނިއުޔޯކުގެ ރެސްޓޯރަންޓަކަށް މެންދުރު ކާން ދިޔަ މީހަކަށް އޮއިސްޓާ އާއެކު އަގު ބޮޑު މުތެއް ކެވިއްޖެ އެވެ. ނިއު ޖާޒީގެ ރިކް އަންތޯޝް 66، ގްރޭންޑް ސެންޓްރަލް އޮއިސްޓާ ބާ އިން އޯޑަރު ކުރީ "އޮއިސްޓާ ޕޭސް ރޯސްޓް" އަކަށެވެ. އެ ޑިޝް އާއެކު އޭނާއަށް އަގު ބޮޑު މުތެއްވެސް ހިލޭ ލިބުނެވެ.

އަންތޯޝް ބުނި ގޮތުގައި އެންމެ ފުރަތަމަ އަނގައިގައި ހަރު އެއްޗެއް ޖެހުނު ހެން ހީވީ އެވެ. އަދި ދަތެއް ކަމަށް ހީކޮށްގެން ހުރެ ބަލާލިއިރު އޮތީ އަގުހުރި މުތެކެވެ. މުތް ނެގުމަށްފަހު އަވަހަށް ޖީބަށް ލައިގެން ގެޔަށް ދިޔައީ ކަމަށް އޭނާއަށް ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އެ ގެޔަށް ދިޔުމަށްފަހު ރެސްޓޯރަންޓުގެ މީހަކަށް ގުޅައި އެއީ އަބަދުވެސްވާ ކަމެއްތޯ އެހުމުން ރެސްޓޯރަންޓުން ބުނީ އެއީ އަދި ދުވަހަކުވެސް ވީކަމެއް ނޫން ކަމަށެވެ.

ނިއު ޔޯކު ޕޯސްޓުން ބުނެފައިވާ ގޮތުގައި، ގްރޭންޑް ސެންޓްރަލް އޮއިސްޓާ ބާ އެންޑް ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޗީފް ބުނި ގޮތުގައި އޭނާ އެ ރެސްޓޯރަންޓުގައި 28 އަހަރު ހޭދަކުރި އިރު އެފަދަ ކަމެއް ދިމާވި މިއީ ދެވަނަ ފަހަަރެވެ.

އެ ރެސްޓޯރަންޓުން އަންތޯޝް އޯޑަރު ކުރީ 14 ޑޮަލަރުގެ ކެއުމަކަށެވެ. އެ ކެއުމާއެކު އޭނާއަށް ރެސްޓޯރަންޓުން ހަދިޔާ ކުރީ މުތީގެ އަގު 2000 އާއި 4000 ޑޮަލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އަންތޯޝް އަށް ކެވުނު މުތުގެ މާބޮޑު ތަފްސީލެއް ހިއްސާ ކޮށްފައި ނުވިއަސް އެއީ އޭނާއަށް ކެވުނު އެންމެ ރަނގަޅު ކެއުން ކަމަށް އޭނާ ބުންޏެވެ.