އެފްއޭއެމް

ކޯޅުންގަނޑު ހިފައިގެން ދެފަރާތް ފީފާ އާއި އޭއެފްސީއަށް

ޔޫތު، ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯޅަ އިދާރާ އާ ދެމެދު އުފެދިފައިވާ ކޯޅުންތަކާއެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ އާ ބައްދަލު ކުރިއިރު، ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީއާ ބައްދަލު ކުރަން ވަޑައިގެންފި އެވެ.

އިއްޔަ ބައްސާމް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވެފައި ވަނީ އިންފެންޓިނޯ އާއެކު ގިނަ ވަގުތަތަކަށް ދެމިގެން ދިޔަ ކާމިޔާބު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. މިނިސްޓަރު މަހްލޫފް މިއަދު އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފީފާގެ ރައީސް އާއެކު، ބޭއްވި ބައްދަލުވުމުގައި، ބައްސާމް ވަނީ، އިންފެންޓިނޯ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރެއްވުމަށް ދައުވަތު ދީފަ އެވެ. އަދި އިންފެންޓިނޯވެސް ވަނީ ބައްސާމް ދެއްވި ދައުވަތު ގަބޫލު ކުރައްވާފަ އެވެ. ނަމަވެސް، ފީފާގެ ރައީސް މާލެ ވަޑައިގަންނަވާނެ ވަގުތެއް ހާމަކޮށްފައެއް ނުވެ އެވެ. އޭގެ އިތުރުން ފީފާގެ ކައުންސިލަށް ހޮވުމަށް އެފްއޭއެމްއިން އޭއެފްސީގެ ކޮންގްރެސްއަށް ނަން ފޮނުވާފައިވާ މަރްޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އިންފެންޓިނޯގެ އެއްބާރުލުން ދެއްވުމަށް އެދިފައި ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ލަފާ ކުރެވޭ ގޮތުގައި، މިހާރު އެފްއޭއެމް އާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ އާ ދެމެދު އުފެދިފައިވާ ކޯޅުންތަކުގެ މައުލޫމާތު ބައްސާމް، އިންފެޓިނޯ އާ ހިއްސާ ކުރައްވާނެ އެވެ. އެދި އެކަމުގައި އެފްއޭއެމްގެ ހިމާޔަތުގައި ފީފާ އޮތުމަށްވެސް އެދިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އާ މިނިސްޓަރު މަހްލޫފް މިއަދު ބައްދަލު ކުރައްވާއިރު، އޭނާ ފަށާފައިވާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ސަލްމާންގެ އަރިހުން މަހްލޫފް އެދި ވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

'އަވަސް' އަށް އެނގިފައިވާ ގޮތުގައި، މަހްލޫފް އާއި ޝައިހް ސަލްމާން އާ ދެމެދު ބައްދަލުވުން ހަމަޖެހުނީ ކުރިން ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި އުޅުއްވި ބޭފުޅެއް މެދުވެރިވެގެންނެވެ.

ފެންނަ މަންޒަރަށް ބަލާއިރު، އޭއެފްސީގެ ރައީސް އާ ރާއްޖޭގެ ފުޓްބޯޅަ އިދާރާއާ ދެމެދު މިހާރު އޮތް ގުޅުން ކުޑަ އެވެ. އެއީ ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި އޭޝިއާގެ ހުޅަނގާއި ދެކުނުގެ ފުޓްބޯޅަ ޖަމްއިއްޔާ 'ސުވާފް' ގައި ރާއްޖެ ބައިވެރި ވުމުންނެވެ. ސުވާފުގައި ބައިވެރިވި ގައުމުތަކަށް ފުރަތަމަ ސަލްމާން ރުހުން ދެއްވި އެވެ. އެހެންނަމަވެސް މައްސަލަ ގޯސްވީ އަންނަ އަހަރު ބާއްވާ އޭއެފްސީގެ އިންތިހާބުގައި ސަލްމާން އާ ވާދަ ކުރައްވާނެ ކަމަށް ސުވާފުގެ ރައީސް ސައުދީ އަރަބިއްޔާގެ އަދީލް ބިން އިއްޒަތު އިއުލާން ކުރުމުން، ސަލްމާން އަށް އަތުވެދާނެ ޗެލެންޖަކަށް ވުމުންނެވެ.

ސުވާފުގެ ހަރަކާތް ހުއްޓުނީ، އެ ފެޑްރޭޝަންގައި ބައިވެރިވި ދެކުނު އޭޝިއާގެ ބޭދެތި ގައުމުތަކުން ފެޑްރޭޝަނުން ވަކިވާން އިއުލާން ކުރުމުންނެވެ. އިންޑިއާ އާއި ޕާކިސްތާނުން އެގޮތަށް ނިންމި ނަމަވެސް ރާއްޖެއިން ވަނީ ސުވާފުން ވަކި ނުވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެހެންވެ އޭއެފްސީގެ ރައީސް އާ އެފްއޭއެމް އާ ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ކުރިން އެފްއޭއެމް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވީ، ފީފާއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނަމަ އެކަމަށް އޭއެފްސީގެ މަޝްވަރާ ހޯދާނެ ކަމަށެވެ. އެހެންވެ ރާއްޖެއަށް ފިޔަވަޅު އެޅުމަށް އޭއެފްސީން އެއްބަސް ނުވެއްޖަނަމަ ފިޔަވަޅު އެޅުމުގެ ފުރުސަތު ނާދިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ، ޕާކިސްތާނެވެ. ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އިންތިހާބު މި މަހު ބޭއްވި ސްޕްރީމް ކޯޓުގެ ބެލުމުންގެ ދަށުން، ސްޕްރީމް ކޯޓުގެ އިމާރާތުގަ އެވެ. އެހެންނަމަވެސް އަދި މިހާތަނަށް ޕާކިސްތާންގެ ފެޑްރޭޝަންގެ އިންތިހާބާ ބެހޭގޮތުން ފީފާ އިން ވެސް އަދި އޭއެފްސީން ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި އޭއެފްސީން ވަކި ގޮތެއް ނިންމާފައި ނުވަނީ އޭއެފްސީގެ އިންތިހާބު އަންނަ އަހަރު އޮތުމުން، ޕާކިސްތާނަށް އަލުން ފިޔަވަޅު އަޅައިފިނަމަ އޭއެފްސީގެ ކޮންގްރެސްގައިވެސް އެ ގައުމަށް ބައިވެރި ނުވެވޭނެ ތީ އެވެ.

އެފްއޭއެމް އާއި ޔޫތު، ސްޕޯޓްސް މިނިސްޓަރާ ދެމެދު ހުޅުގަނޑު ފަޅައިގެން ދިޔައީ، އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ އެއްވެސް ކުލަބަކަށް ފުރުސަތު ނުލިބުނު މައްސަލަ ހޯދައި ހައްލުން ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް، މިނިސްޓަރު މަހްލޫފް އިސްނަގައިގެން ކޮމީޓީއެއް އެކުލަވާލެއްވި ހިސާބުން އެފްއޭއެމުން އެކަމާ ހިތްހަމަ ނުޖެހުމުންނެވެ.

މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމުން ވަނީ އެކަން އޭއެފްސީގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭއެފްސީން އިން އެފްއޭއެމްއަށް އެޑްރެސް ކޮށްފައިވާ ސިޓީއަކާއެކު އެފްއޭއެމުން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެއްވެސް ފުޓްބޯޅަ އިދާރާއެއްގެ މައްސަލަހަތު ހިމެނޭ މައްސަލައެއް ބެލުމުގެ ބާރު ފީފާ އާއި އޭއެފްސީ ފިޔަވައި އެހެން ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

މައްސަލައިގެ ތެރެއަށް ކުލަބުތައް!

މިނިސްޓާރުގެ ކޮމިޓީ މެދުވެރިކޮށް މައްސަލަ ބަލާނެކަން އިއުލާން ކުރުމާއެކު، އެފްއޭއެމް އާއި ޔޫތު މިނިސްޓްރީއާ ދެމެދު އުފެދުނު މައްސަލަ ގަނޑުގެ ތެރެއިން މާޒިޔާއިން ވަނީ އެފްއޭއެމްގެ ކޮޅު އިހްތިޔާރު ކޮށްފަ އެވެ. މާޒިޔާއިން ބުނީ ކުލަބުތަކާ އެފްއޭއެމް އާ ދެމެދު ޖެހުނު މައްސަލައެއްގެ ތެރެއަށް ތިން ވަނަ ފަރާތެއް ވަނުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ކޮމިޓީން ބަލާނީ ފުޓްބޯޅައަށް ދައުލަތުން ހަރަދު ކުރި ގޮތް ކަމަށް މިނިސްޓަރު ފަހުން އިއުލާން ކުރުމުން މިނިސްޓަރުގެ މަގްސަދާ މެދު މާޒިޔާއިން ވަނީ ސުވާލު އުފައްދާފަ އެވެ. ރާއްޖޭގެ ކުލަބަކަށް އަންނަ އަހަރު އޭއެފްސީ ކުޅުމުގެ ފުރުސަތު ލިބޭނަމަ އެ ފުރުސަތާ އެންމެ ކައިރި ކުލަބަކީ މާޒިޔާ އެވެ. އެއީ އޭއެފްސީގެ ލައިސެންސަށް ޝަރުތު ހަމަވާ މިންވަރަށް ޑޮކިޔުމެންޓްތައް ހުށަހަޅާފައި ވަނީ މާޒިޔާއިން އެކަންޏެވެ.

އަންނަ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުނީ، އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސްގެ ކަންކަން ރާއްޖެއިން ފުރިހަމަ ކޮށްފައި ނުވުމުންވެ. އެފްއޭއެމުން ބުނީ، ރާއްޖެއަށް ޖާގަ ގެއްލުނީ ކުލަބު ލައިސެންސަށް އެދި ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް އެންމެ ފުރިހަމައަށް ހުށަހަޅާފައި ނުވުމުން ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ކުރިން ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ބަރާބަރަށް ހުށަހަޅާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ. އެހެން ނަމަވެސް އޭއެފްސީން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުގައި ވެސް އެކަން ކުރިއަށް ގޮސްފައެއް ނުވެ އެވެ.