ހަބަރު

ރީކޯ މޫސަ އަމިއްލަ ގޮތުން ގަމު ދާއިރާއަށް ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިިހާބުގައި ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މޫސަ "އަވަސް" އަށް ވިދާޅުވީ، ގަމު ދާއިރާއަށް ކުރިމަތިލާން ނިންމަވާފައިވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށާއި، އެދާއިރާ އިހުތިޔާރު ކުރެއްވީ ސިޔާސީ މަސައްކަތް މަޖިލީހުގެ ތެރެއިން ފުރަތަމަ ފެއްޓީވެސް ހައްދުންމަތިން ކަމަށްވާތީ ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހައްދުންމަތީ މެމްބަރުކަން 5 އަހަރު އަދާކުރެއްވި އިރު ގިނަ ކަންކަން ކޮށްދެވިފައިވަނީވެސް ގަމު ދާއިރާއަށްކަން މޫސަ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މޫސަ ވިދާޅުވީ، ބަޔަކު ވެރިކަން ބޭނުންވެގެން ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރާ ކަމުގެ އަޑުތަށް ފެތުރިފައިވާ ކަމަށާއި، ކުރިން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރެއްވި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުކޮށް ރިޔާސީ ނިޒާމާއެކީ ކުރިޔަށް ވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ ރައްޔިތުންވެސް މިހާރު ރިޔާސީ ނިޒާމް ބަލައިގަނެ އެ ނިޒާމާ އެކީ ކުރިޔަށްދާން ބޭނުންވާތީ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ކަންކަން ކޮށްދީފައިވަނީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރަކު ހުރުމުން ފޮނަދޫއަށް ކަމަށާއި، އިދިކޮޅު މެމްބަރަކު ހުރުމުން ގަމަށް މާގިނަ ކަންކަން ކޮށްދީފައިިނުވާކަން މޫސަ ވަނީ ފާހަގަކުރައްވާފަ އެވެ. މޫސަ ވަނީ އެދާއިރާއަށް އިންތިހާބު ވެއްޖެ ނަމަ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އަށް ތާއިދު ކުރައްވައި ގަމު ދާއިރާ އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރައީސް ސޯލިހުއަށް ތާއިދު ކުރެއްވި ކަމުގައިވީނަމަވެސް ވަކި ޕާޓީއަކާއި ނުގުޅޭނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.