ގައުމީ ފުޓްބޯޅް ޓީމް

ކާމިޔާބަށްފަހު ގައުމީ ޓީމަށް ޖޯޝާއި ބުންވަރު ބޭނުން

ސާފް ޗެމްޕިއަންޝިޕް މި އަހަރު ކާމިޔާބުވުމާއެކު، އަންނަ އަހަރު އޭނާގެ އެންމެ ބޮޑު ޓާގެޓެއް އޮތީ ކާމިޔާބު ހޯދި ޓީމަށް އާ ކުޅުންތެރިން ގެނެސް އާ ބުންވަރު ހޯދައި ދިނުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ފުރަތަމަ ފަހަރަށް އަވަސް އާ ވާހަކަ ދައްކަމުން، ކުރިން އަފްޣާނިސްތާނަށް ކޯޗު ކޮށްދިން ޝެގަޓް ބުނީ، 10 އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ހޯދުމަށް ފަހު މިދިޔަ ދިހަ އަހަރު ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އޭނާއަށް އަޑު އިވިފައިވާ ކަމަށާއި އެ ހާލަތު ތަކުރާރު ވިޔަ ނުދިނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

"ކާމިޔާބަށް ފަހު މި ޓީމަށް އާ ކުޅުންތެރިން އަންނަން ޖެހޭނެ،" ޝެގަޓް ބުންޏެވެ. އެކަން ނުކޮށްފިއްޔާ، މިއަހަރު ވޯލްޑްކަޕުގައި ޖަރުމަންނަށް ވީހެން ވާނީ، ޖަރުމަން ވެސް ވޯލްޑްކަޕަށް އައީ ޗެމްޕިއަނުންގެ ގޮތުގައި، ޓީމަށް މާބޮޑު ބަދަލުތަކެއް ނުގެނޭ، އެހެންވެ މިފަހަރު ޖަރުމަނަށް އެހާ ބޮޑު ނާކާމިޔާބެއް ކުރިމަތި އެވީ،" ޝެގަޓް ބުންޏެވެ. "އަހަރުން އަހަރަށް ފުޓްބޯޅަ މި އަންނަނީ ބަދަލު ވަމުން، ދެ އަހަރު ފަހު ސާފް ޗެމްޕިއަންޝިޕަށް ދާއިރު މިއަހަރު އޮތް ގޮތަކަށް ނޫން އޮންނާނީއަކީ، ޓީމަށް ބަދަލު ގެންނަން ޖެހޭނެ އާ ކުޅުންތެރިން ޓީމަށް ނަގަން ޖެހޭނެ އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ވާން ޖެހޭނެ،"

"އަހަންނަށް ހީވަނީ 2008 ވަނަ އަހަރަށް ފަހު އަހަރެމެންނަށް [ރާއްޖެއަށް] ވީ އެގޮތަށް އެހެން ހެން، އޭރު އޮތް ޓީމަށް މާބޮޑު ބަދަލެއް ނުގެނެސް އަހަރެމެން ދެން ޖެހިގެން އައި [2009 ވަނަ އަހަރު ގެ] މުބާރާތަށް ވެސް ކުރިމަތިލީ، ކާމިޔާބަށް ފަހު ޓީމަށް އާ ކުޅުންތެރިން ގެނެސް އާ ރޫހެއް އަންނަން ޖެހޭނެ."

އާ ޖީލަށް ފުރުސަތު ދިނުމުގައި އެފްއޭއެމްގެ ކިބައިގައި ހަގީގަތުގައި ވެސް އެ ހިތްވަރާއި ކެތްތެރިކަން ހުރިތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ، އޭނާ އާއެކު އަބަދުވެސް އެފްއޭއެމުން ދައްކަނީ އެ ވާހަކަ ކަމަށާއި އޭނާ އާއެކު އެއްބަސްވުން ހެދީ އެ ސަބަބަށް ކަަމަށެވެ.

"ބައްސާމް އާއި ޖަވާ އަދި ސާންތީ އަހަރެން އަބަދުވެސް ވާހަކަ ދައްކަން، ގައުމީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމާ ބެހޭގޮތުން،" ކުރިން ޖޯޖިއާ އާއި އަފްގާނިސްތާނަށް ކޯޗް ކޮށްދިން ޝެގަޓް ބުންޏެވެ. "އެފްއޭއެމް ވަރަށް ޕޮޒެޓިވް، އަންނަ އަހަރަކީ ގިނަ މެޗުތަކެއް ކުޅެވޭނެ އަހަރެން އަދި ފްރެންޑްލީ މެޗުތަކެއް ކުޅުމަށްވެސް އެފްއޭއެމުން ދަނީ ރާވަމުން."

ޝެގަޓް ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނާ ކޯޗު ކަމުގެ ދަށުން ގައުމީ ޓީމަށް ކުޅެން ފެށި ކުޅުންތެރިން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަށްވެ އެ ކުޅުންތެރިން ޓީމުގައި ޑޮމިނޭޓް ކުރަމުން ދިއުން ކަމަށެވެ.

"ގައުމީ ސްކޮޑުން 23 އަހަރުން ދަށުގެ 16 ކުޅުންތެރިންނަށް އަހަރެން ފުރުސަތު ދިނިން، މިއަދަދު އިތުރުވެގެން ދާން އަހަރެން ބޭނުން، މިއަންނަ އަހަރަކީ 23 އަހަރުން ދަށުގެ ޓީމަށް ވެސް މުބާރާތްތަކެއް އޮތް އަހަރެއް، އެހެންވީމަ އެކަމަށްވެސް ތައްޔާރުވުމަށްޓަކައި އާ ކުޅުންތެރިން އަހަރެން މިދަނީ ފާހަގަ ކުރަމުން."