ރިޕޯޓް

ސަރުކާރުގެ ބައެއް ވައުދުތަށް ފުއްދިފައި ހުރީ ނަމަކަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ބޮޑެތި ވައުދުތަކެއް އެ މަނިކުފާނު ވެވަޑައިގެންފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކާއި، 30 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކެއް ވެސް ހިމެނެއެވެ.

ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން 159 ވައުދެއް ވެ ވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން މިއަދާ ހަމައަށް ވަނީ 27 ވައުދު ވަނީ ފުރިހަމަކޮށްފަ އެވެ. ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ވެފައިވަނީ އެ ވައުދުތައް ފުއްދަން ނިންމާފައިވާ ތާރީހުތަކަށް ބަލާއިރު އެންމެ އެދެވޭ، އަދި އެކަށީގެންވާ ވަރަށް ކަންކަން ބަލާ ހޯދާ ދިރާސާ ކުރުމަށްފަހު ކަމަށް ބުނެވޭނެ ޖާގަ ކުޑަ އެވެ.

"ސަރުކާރެއްގެ ވަސީލަތްތަކާއި، ހަކަތަ ބޭނުން ކުރެވޭނެ މިންވަރާއި، ހަރަދުތަށް ހިނގާނެ ވަރަކާއި، އެކަހަލަ ކަންކަމަށް ވައުދުތަށްވީ އިރު ބެލިފައި އޮތް ކަމަށް ނުބެލެވޭ. ބައެއް ވައުދުތަކަކީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ވެސް ގުޅިފައިވާ ކަންކަން ކަމަށްވާއިރު، އެކަން ކަން ކުރުމުގައި އެ ކުންފުނިތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރުވެސް ބަލާލެވުނު ނަމަ އެ ވިދާޅުވެފައިވާ ތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ފެނޭ،" ވައުދުތަކާ ގުޅޭ ގޮތުން މީހަކު އޭނާގެ ހިޔާކެއް ފޭސްބުކްގައި ލިޔެފައި ވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމަން ހަމަޖައްސާފައިވާ އެންމެ ގިނަ ވައުދުތައް ކުރަންޖެހިފައި އޮތީ ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާއަށެވެ. މިހާތަނަށް އެންމެ ގިނަ ވައުދު ފުއްދީވެސް އެކަމަނާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިންނެވެ.

އެހެން ނަމަވެސް އެ ވައުދުތަށް އިތުރަށް ފުރިހަމަ ކުރުމުގައި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ލަސްތަކެއް މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވައުދު ފުއްދާނެ ތާރީހުތަށް ކަނޑައެޅުމުގައި އެކަންކަންވެސް އަންދާޒާކުރަންޖެހެ އެވެ.

ސަރުކާރުގެ ވައުދުތައް ފުއްދޭ މިންވަރު ބެލުމަށް "އަވަސް" އިން ތައްޔާރުކޮށްފައިވާ ހާއްސަ އެޑިޝަން

މިސާލަކަށް "މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދޭނެ" މިއީވެސް ސަރުކާރުގެ ފުރަަތަމަ 30 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ވައުދެކެވެ. އެ ވައުދު ފުއްދިކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެ ކަމުގެ ހަގީގަތަށް ބަލާއިރު، އެ ވައުދުގައި ފުއްދިފައި އޮތީ ވަރަށް ކުޑަ މިންވަރެކެވެ. ހަމަ އެކަނި ހަރުކޮށްލެވުނީ "ބަސް ހުއްޓި" ޖަހާފައިވާ ބޯޑު ތަކެކެވެ.

އެއްގަމު ދަތުރު ފަތުރު ކުރުމާއި ބެހޭ ގަވައިދުތަކުގެ ތެރޭގައި ހިމެނޭ "ބަހުގެ ގަވައިދު" ގެ 7 ވަނަ މާއްދާގައި ބަސްހުއްޓިތައް ހަދައި ބެލެހެއްޓުމާއި ބެހޭ ގޮތުންވާ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުގައި ބަސްހުއްޓިތައް ހުންނަންވާނީ ފަސިންޖަރުން ވާރެއާ އަވިން ނިވާވާނެ ގޮތަށް އެކަށީގެންވާ މިންގަނޑެއްގައި ހަދައި، ރޭގަނޑު ގަޑީގައި އަލިކޮށްފަ އެވެ.

ނަމަވެސް މިވަގުތު މާލެ އާއި ހުޅުމާލޭގައި ހަދާފައިވާ ބަސް ސްޓޮޕްތަކުގައި އިށީންނާނެ ގޮތެވެސް، ވާރެއާއި އަވިން ހިޔާވާނެ ގޮތެއްވެސް ނެތެވެ. އެހެން ކަމުން އެ ބަސް ސްޓޮޕްތަށް މި ގަވައިދުގެ ތެރެއަކަށް ނުފެތެ އެވެ. އަދި އެއީ މިހާރުގެ ގޮތަށް ނަމަ "މުއިއްޒު"ވުމެކެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ބަސް ސްޓޮޕްތައް ހަދައި އެތަންތަން ބަލަހައްޓަން ވާނީ ބަހުގެ ހިދުމަތްދޭ ފަރާތުންނެވެ. އެހެން ކަމުން މިނިސްޓަރުގެ ނަހުލާގެ ބައި މިއޮތީ އެކަމަނާއާ ހަމައިން ނިމިފަ އެވެ. އެ ވައުދު އެކީ ފުރިހަމަ ކުރުމަކީ ހިދުމަތްދޭ ކުންފުނިތަކުން ކުރަންޖެހޭނެ ކަމެކެވެ. މިވަގތު އެ ހިދުމަތް ދެނީ އެމްޕީއެލް އިންނެވެ.

ސަރުކާރުން ދުވަސް ގުނާ ކަލަންޑަރަށް ބަލާއިރު 30 ދުވަސް ވާނީ މިމަހުގެ 31 ވަނަ ދުވަހަށެވެ. އެދުވަސް އަންނަން ކައިރިވެފައިވާ އިރުވެސް ބަސް ސްޓޮޕްތައް ގަވައިދަށް ފެއްތުމަށް އަމަލީ މަސައްކަތް ފަށާފައިވާ ތަނެއް ނުފެނެއެވެ. އެކަން އެހެން މެދުވެރިވުމުގައި އެކުންފުނިތަކުން ކުރިން ވިސްނާފައިނުވާ ހަރަދެއް ކުރަން ޖެހުމުގެ ސަބަބުން އެކަންކަމަށް ބަޖެޓް ހަމަޖެއްސުމުގައި ދަތިތަކެއް އުޅެނީ ކަމަށްވުންވެސް އެކަށީގެންވެ އެވެ. ސަރުކާރުން ވައުދުވުމުގެ ކުރިން އެ ކުންފުނިތަކާއި ވާހަކަ ދެކެވުނު ނަަމަ އެކަންކަން އިތުރަށް ފުރިހަމަވެ، މަސައްކަތުގެ ސްޕީޑް އަވަސް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ވައުދު ފުއްދުމަށް ގާއިމު ކުރި ބަސް ސްޓޮޕްތަކަކީ މީހުން ވަރަށް ބޮޮޑަށް ފާޑު ކިޔައި ޖޯކް ޖަހަމުންދާ ގޮތަށް ފުރިހަމަ ކޮށްފައިވާ މަސައްކަތަކެވެ.

ސަރުކާރުން ވެފައިވާ ވައުދުތަކަށް ބަލާއިރު، އެ ވައުދުތަކަކީ ވުޒާރާތަކާއި، އެކަންކަން ކުރަންޖެހޭ ކުންފުނިތަކާއި، އިދާރާތަކާއި ދުރާލާ މަޝްވަރާކުރެވި ވެފައިވާ ވައުދުތަކަކަށް ނުވުމުގެ ސަބަބުން އެ ވައުދުތަށް ފުއްދުމުގެ ތަކުލީފު އެ ފަރާތްތަކުން މިވަނީ ނަގަންޖެހިފަ އެވެ. އެކަން އެގޮތަށް ހިނގާފައިވުމުން ގިނަ ކަންކަން މިދަނީ ހަމަ އެކަނި ނަމެއްގައި ވަމުންދާ ކަންތައްތަކެއްގެ ގޮތުގަ އެވެ.

ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ނިންމާފައިވާ ވައުދުތަކަކީ ރައްޔިތުންނަށް ނުހަނު ބޭނުން ޖެހިފައިވާ ކަންކަމެވެ. އަދި އެކަންކަމަށް ޝުކުރުވެރިވެސް ވާނެ ކަންކަމެވެ. އެކަމަކު އެކަން ކަމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް ލިބޭކަަށް އެއްވެސް މީހަކު ނޭދޭނެ އެވެ. އެހެން ކަމުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވާން އޮންނަ އެންމެ ފުރިހަމައަކަށް އެކަންކަން ކުރަން ޖެހޭނެ އެވެ.

"ސަރުކާރުން ވިޔަސް ސިޔާސީ އެހެން ފަރާތަކުންވިޔަސް ވައުދެއްވާ އިރު، އެކަންކަން ފުއްދާނެ ގޮތާއި، ރައްޔިތުންގެ އުމްމީދުތައް އެކަމަކާ ގުޅިފައިވާ މިންވަރާއި، އެ ވައުދު ފުއްދުމުގައި ޝާމިލްވާންޖެހޭ ހުރިހާ ފަރާތްތަކުގެ ބަސްވެސް ހޯދައިގެން އެކަން ކުރުން މުހިންމު،" ބޭފުޅަކު ވިދާޅުވި އެވެ. .

ނަމަމަކަށް ކަންކަން ކުރުމަށްވުރެ ބުއްދިވެރި ގޮތަކީ އެކަމެއް އެންމެ ފުރިހަމައަށް ދެވަނަ ފަހަރަށް ކުރަން ނުޖެހޭ ގޮތަށް ކުރުމެވެ. އެހެން ނޫން ނަމަ ތަކުރާރު ވާނީ ކުރީ ސަރުކާރުގައި ފެނިގެން ދިޔަ އެއް ކަމެއް އެތަކެއް ފަހަރު ކުރަން ޖެހުމުގެ "މުއިއްޒު" ވުމެކެވެ.