ވިކްޓަރީ

ވިކްޓަރީގެ ޗެއާމަނަކަށް ޑރ. ނާޝިދު، ނައިބަކަށް މާއްޓޭ!

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަން ކަމުގެ މަގާމަށް، ކުރިން ވިކްޓަރީގެ ސެކެޓްރީ ޖެނަރަލްގެ މަގާމު ފުރި ޑރ. އިބްރާހިމް ނާޝިދު އިންތިހާބު ކޮށްފި އެވެ.

މި އަހަރު މާޗް މަހު، 30 ވަނަ ދުވަހު އިންތިހާބުވި ބޯޑު އުވާލުމަށް ފަހު ވިކްޓަރީން އިންތިހާބަކަށް ދިޔައީ، މި އަހަރު ކުލަބު އަނދަވަޅަކަށް ވެއްޓި އޭރު ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަންކަމުގެ މަގާމުގައި ހުންނެވި، ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް އިސްތިއުފާ ދިނުމުންނެވެ. ބޯޑު އުވާލަން ނިންމީ ޗެއާމަން ކަމުގެ މަގާމަށް ވަޑައިގެންނެވި ޑރ. ނާޝްއަށް އާ ބޯޑެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގަލޮޅު މަދަރުސާގައި މިރޭ ބޭއްވި އިލެކްޝަންގައި، ކޮންމެ މަގާމަކަށްވެސް އެއްބޭފުޅަކު ކުރިމަތި ލެއްވުމުން އިންތިހާބަކާ ނުލައި ބޯޑު އިންތިހާބުވި އެވެ. ނަަމވެސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވި އަބްދުރަހީމް ވަނީ ތާއީދު އޮތްކަން ހާމަ ކުރުމަށް އަތް ނަގައިގެން ރަމްޒީ ވޯޓަކަށް އަހާފަ އެވެ.

އިންތިހާބު ވުމަށް ޑރ. ނާޝިދު ވިދާޅުވީ، ވިޔަފާރި މޮޑެލްއަށް ކުލަބު ހިންގުމުގެ ވާހަކައަކީ އަބަދުވެސް އޭނާ ދައްކާ ވާހަކައެއް ކަމަށާއި، މިއަދު ވިކްޓަރީން ފުރުސަތު ލިބުން އެ ސިސްޓަމަށް ވިކްޓަރީ ފައްތަން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރު ތެރޭ ވިކްޓަރީން އަލަށް އެއްވެސް ކުޅުންތެރިޔަކު އުފެދިފައި ނުވާ ކަމަށާއި، އެކަން ބަދަލު ކުރުމަކީ އޭނާގެ އަމާޒެއް ކަމަށެވެ.

ވިކްޓަރީގެ ލެޖެންޑަރީ ޗެއާމަން، ގ. ކެނެރިގޭ އަބްދު ސައްތާރުގެ ބޭފުޅެއް ކަމަށްވާ، ޑރ. ނާޝް ވިކްޓަރީގެ ޗެއާމަންކަމަށް އިންތިހާބު ކުރިއިރު ވައިސް ޗެއާމަން ކަމަށް ވަޑައިގެންނެވީ، ވިކްޓާރީގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗް މައުރޫފް އަހްމަދު 'މާއްޓޭ' އާއި ވިކްޓަރީގެ ޗެއާމަންކަން ކުރެއްވި މުހައްމަދު ހަމީދު 'އުމަރުބެ' އެވެ.

ބާސެލޯނާގައި ހުންނަ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން ފުޓްބޯލް މެނޭޖްމެންޓާއި ފުޓްބޯލް މެކެޓިންއިން މާސްޓާސް ހަދާފައިވާ މާއްޓޭ އިންތިހާބުވީ ވިކްޓަރީގެ ފިނޭންސް އެންޑް މާކެޓިންގެ ވައިސް ޗެއާމަން ކަމުގެ މަގާމަށެވެ. އުމަރުބެ އިންތިހާބުވީ ސްޕޯޓްސް އެންޑް ޓެކްނިލްގެ ވައިސް ޗެއާމަން ކަމަށެވެ.

މާއްޓޭ އަލުން ވިކްޓަރީގެ ތެރެއަށް ވަޑައިގެންނެވީ 11 އަހަރު ފަހުންނެވެ. އޭނާގެ ފޭސްބުކްގައި މާއްޓޭ ވިދާޅުވެފައި ވަނީ، ވިކްޓަރީގެ ރަން ދުވަސްތައް އަލުން ތަކުރާރު ކުރުމަށް އޭނާ އެހީތެރި ވެދޭނެ ކަމަށެވެ.

"ވިކްޓަރީގެ ގެއްލިފައިވާ މަގުބޫލު ކަމާއި ކާމިޔާބު އަލުން ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރާނަން،" މާއްޓޭ ވިދާޅުވެފައި ވެއެވެ. "ވިކްޓަރީ ސުޕޯޓްސް ކުލަބަކީ ބްރޭންޑެއް، މާޒީގައި އެ ކުލަބަކީ ވަރަށް ހައިބަވެތި ކާމިޔާބަކާއި ޝަރަފެއް ހޯސާފައިވާ ކުލަބެއް."

ބޯޑު މެންބަރުންގެ ގޮތުގައި، ކުރީގެ ކުޅުންތެރިން ކަމަށްވާ، ކުރީގެ ފޯވަޑް މުހައްމަދު ފާއިގް އާއި ގޯލްކީޕަރު އިސްމާއީލް ޒަރިއަންދުވެސް ވަނީ އިންތިހާބު ކޮށްފަ އެވެ. ޒަރިއަދު ވަނީ ވިކްޓަރީގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ކުރިން އަދާ ކޮށްފަ އެވެ. ބޯޑުގެ މެންބަރުންގެ ގޮތުގައި 10 މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު ކުރިމަތި ލައްވާފައި ވަނީ ނުވަ މެންބަރުންނެވެ. ބޯޑަށް ވަނީ ރެކޯޑް އަދަދަކަށް އަންހެން މެންބަރުން އިންތިހާބު ކޮށްފަ އެވެ. މިއީ ފުރަތަމަ ޑިވިޝަންގެ ކުލަބެއްގައި އެންމެ ގިނަ އަންހެން މެންބަރުން އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ. މަޝްހޫރު ޓީވީ ޕްރެޒެންޓާ މަރިޔަމް ވަހީދާ ވެސް ވަނީ ބޯޑަށް އިންތިހާބުވެފަ އެވެ.

ބޯޑަށް އިންތިހާބުވި މެންބަރުން:

އިސްމާއިލް ލަތީފް
އިބްރާހިމް ހިސާން ނަސީމް
އާމިނަތު ޝެހެނާޒް
އިބްރާހިމް މުހައްމަދު ފާއިގް
މަރިޔަމް ވަހީދާ
އަބްދުލް މާޖިދު
ފާތިމަތު ރިޒްމާ ވަލީދު
އަހްމަދު ރިޔާޒް 'ގާނާ'
އިސްމާއީލް ޒަރިއަންދު

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ އަޑިއަޅާލީ 2012 ވަނަ އަހަރަށް ފަހު އެވެ. ޖެހިގެން އައި 2013 ވަނަ އަހަރު އެ ކުލަބު ރެލިގޭޓުވާން ދަނިކޮށް، ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ވިކްޓަރީ ސަލާމަތްވީ ރެލިގޭޝަންގެ ޕްލޭއޮފްގައި ނައިޖީރިއާގެ މިޑްފީލްޑާ ޗިންޑަ ކަކާ ވީބީ އައްޑޫ އެފްސީ ކޮޅަށް ވައްދާލި ތާރީހީ ލަނޑުނެވެ.

މި އަހަރަކީ ވިކްޓަރީގެ ތާރީހްގައި އެ ޓީމަށް ކުރިމަތިވި އެންމެ ލަދުވެތި ސީޒަނެވެ. ލީގްގައި ކުޅެން އޮތް ދެ މެޗު އެ ޓީމުން ވަނީ ނުކުޅެ ދޫކޮށްލާފަ އެވެ. ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް، މުހައްމަދު އިސްމާއީލް އާއި އަލީ އާރިފް ވަޑައިގެންނެވި ސީޒަން ދެބައިވި ފަހުން ވިކްޓަރީއަށް އެ ދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށް ވިކްޓަރީން ބުނެފައިވެ އެވެ. ވިކްޓަރީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ވަގުތު ދެ ބޭފުޅުން ވަނީ ވިކްޓަރީގެ މާގަމުތަކުން އިސްތިއުފާ ދީފަ އެވެ.