ރިޕޯޓް

ސަމާލު ކަމެއްވެސް ނުދިން، ނިޔަތްވެސް ސާފެއް ނުވި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ބޮޑު ބައެއް ވޯޓު ދިނީ ހަމަ އެންމެ ބޭނުމެއްގަ އެވެ. އެންމެ އުއްމީދެއްގަ އެވެ. ދައުލަތުގައި އަށަގަންނަމުންދިޔަ ކޮރަޕްޝަނާއި ފަސާދައިގެ މޫތައް ލުހެލައި، ގޮތް ނޭނގޭ ގޮތަށް ހިނގާފައި ގޮސްފައިވާ ގިނަ މަރުތަކެއްގެ ހަގީގަތް ހޯދުމަށެވެ. އެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާތީ އެވެ. އެކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ޖެހޭ ކަމަށް އެންމެންވެސް އޭރު ބުންޏެވެ.

ވައުދުވެވަޑައިގެންނެވި ގޮތަށް ރައީސް ސޯލިހު، ރައީސް އޮފީހަށް އެންމެ ފުރަތަމަ ވަދެވަޑައިގެންނެވި ދުވަހު ގަރާރަކުން ދެ ރިޔާސީ ކޮމިޝަން އުފެއްދެވި އެވެ. މަރުތަކުގެ ހަގީގަތް ހޯދުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށެވެ. ފުރަތަމަ ދުވަހުގެ އެމަނިކުފާނު ވައުދުގެ ބައެއް ފުއްދެވި އެވެ. ދެން އޮތީ ދެ ކޮމިޝަންގެ ޒިންމާތަކެވެ.

ކޮމިޝަންތައް އުފައްދަން ޖެހުނީ ކަމާ ގުޅޭ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތި، ނިމިގެންދިޔަ ފަސް އަހަރު ތެރޭގައި އެ މުއައްސަސާތައް ފެއިލްވެ ކިލަނބުވެފައިވާތީ އެވެ. ނިޒާމްގެ ތެރެއިން އެ މުއައްސަސާތަކަށް އެކަށީގެންވާ މަސައްކަތެއް ދެން ވެސް ކުރެވޭނެ ކަމަށް ރައްޔިތުންނަށް ގަބޫލު ނުކުރެވޭތީ އެވެ. ބޮޑު ޒިންމާއެއް ބޮލުގައި އެޅުނު ރިޔާސީ ދެ ކޮމިޝަނަށް އެހެން މުއައްސަސާތަކަށް ލިބިފައިވާ ފަދަ ބާރުތަކެއް ނެތުމަކީ އެ ކޮމިޝަންތަކުގެ މަސައްކަތަށް ހުއްޓުމެއް އަތުވެދާނެ ކަމަށް ފެންނާތީ ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ފޮނުވާފަ އެވެ. ދެ ކޮމިޝަނަށް ވެސް ގިނަ ބޮޑެތި ބާރުތަކެއް ދިނުމަށެވެ.

ދެ ކޮމިޝަނަށް ބާރުދޭ ބިލް މަޖިލީހަށް ހުށަހެޅުމާއެކު އިދިކޮޅު މެންބަރުން ވަރަށް ހޫނު ބަހުސް ކުރެއްވި އެވެ. ބާރު ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވަމުންދިޔަ އެވެ. ނަމަވެސް އެއީ މުޅިން އެހެން ބަހުސެކެވެ. އެ ބަހުސް މީގެ ކުރިން ވެސް ވަނީ ކޮށްފަ އެވެ. މިހާރުގެ ބަހުސަކީ އެ ބިލަށް ސަރުކާރުގެ ކޯލިޝަންގެ މެންބަރުން އިސްކަން ނުދިނުމެވެ. މާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުކޮށް އެންމެ ފަހު ދުވަހަށް އެ ބިލް ފާސްކުރުމަށް ތާވަލުކުރި އެވެ. ނަމަވެސް ބިލް ފާސްކުރަން ބޭނުންވާ 43 މެންބަރުން ކޯލިޝަނަށް ހަމަވާ ވަރެއް ނުވި އެވެ. އެ ދުވަހު މަޖިލީހަށް ވަޑައިގެންނެވީ 39 މެންބަރުންނެވެ. ކޯލިޝަނަށް ނިސްބަތްވާ ނުވަ މެންބަރަކު ވަޑައިނުގަންނަވަ އެވެ. އޭގެ ތެރެއިން ބައެއް މެންބަރުން ރަސްމީ ދަތުރުގައި ތިއްބެވިއިރު އަނެއް މެންބަރުން ޗުއްޓީގައި ވެސް ތިއްބެވެ. އެހެން ބައެއް މެންބަރުން ވަޑައިނުގެންނެވީ އެވެ.

އެ ދުވަހު ބިލް ފާސް ނުވުމަކީ ކޮމިޝަނަށް ބާރުތައް ލިބުން ލަސްވި ކަމެކެވެ. ދެ ކޮމިޝަންގެ ވެސް ތަހުގީގަށް އެޅުނު ހުރަހެކެވެ. ލަސްވުމެކެވެ. މިފަދަ ކަންކަމުގައި ލަސްވާ އެންމެ މިނެޓަކީ ވެސް އެހާމެ އަގުހުރި ވަގުތުތަކެވެ. ކޮމިޝަންތަކުން ވެސް ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސް ސޯލިހު ވެސް ވަނީ މެޖޯރިޓީ އޮވެމެ، އެ ބިލް ފާސްނުވުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމުގެ ވާހަކައަކީ ކެމްޕެއިން ދުވަސްވަރު މަޖިލީހުގެ މެންބަރުން ވެސް ވަރަށް ބޮޑަށް ދެއްކެވި ވާހަކައެކެވެ. ރައީސް ޔާމީންގެ ސަރުކާރު "ތަޅައި ތިރިކުރީ" އެ ވާހަކަތައް ދައްކައިގެންނެވެ. ރައްޔިތުންނަށް އެ އުއްމީދު ދީގެންނެވެ. އެހެން ނަމަވެސް އަމަލީ ގޮތުން އެކަން ދައްކަންވީ ދުވަހު މެންބަރުންގެ ސަމާލު ކަމަށް އެކަމަށް ނުލިބުމަކީ އޭރު ދެއްކެވި ވާހަކަ، ހުސް ވާހަކައަށްވުން ނޫން ހެއްޔެވެ؟

ކޯލިޝަންގެ މަސްލަހަތަށްޓަކައި ނަން ހާމަ ނުކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި، މަޖިލީހުގައި އެހާ މުހިންމު ވޯޓަކަށް މެންބަރުން ސަމާލުކަން ނުދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ.

"އެއީ ދައުރު ދިގުކޮށް ބޭއްވި ޖަލްސާއެއް، އެހެން ނަމަވެސް އެނގެންވާނެ އެ ޖަލްސާގެ މުހިންމުކަން، އެހެން ކަންކަން އެއް ފަރާތްކޮށް އެ ޖަލްސާއަށް ސަމާލުކަން ދޭން ވާނެ، ނުދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް، އެ ޖަލްސާއަށްފަހު ވެސް މެންބަރުންނަށް ޗުއްޓީއަށް ވެސް ވަޑައިގެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.

މެންބަރު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ދެއްވި އެންމެ މުހިންމު މަގުސަދު ހާސިލް ކުރުމުގައި އެމަނިކުފާނަށް މެންބަރުން ވީ އެންމެ ބޮަޑަކަށް އެއްބާރުލުން ދޭން ޖެހޭނެ އެވެ. އެއީ މެންބަރުންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށާއި އެއީ ޒިންމާއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މައްސަލަތައް މަޑު ޖެހޭތީ ކޯލިޝަންގެ ހަތަރު ލީޑަރުން މިހާރު ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހަޅަން ނިންމަވާފަ އެވެ.

އެއީ މުހިންމު ކަމެކެވެ. އެ ޖަލްސާއަށް ޕީޕީއެމްގެ މެންބަރުން ވަޑައިގަންނަވާނެ ކަމަށް ލަފާ ނުކުރެވޭއިރު ކޯލިޝަންގެ ހުރިހާ މެންބަރުން ވެސް އެ ޖަލްސާއަށް ވަޑައިގެންނެވުމަކީ ދެއްކި ވާހަކަ ވަށާ ޖައްސަން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ، އެ ޖަލްސާގެ އެއްވެސް ބޭނުމެއް ނޯންނާނެ އެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މިހާ ހިސާބަށް މިކަން ދާން ޖެހުމުގެ ޒިންމާ އެ ދުވަހު ޖަލްސާއަށް ވަޑައިނުގެންނެވި މެންބަރުން ނަގަންޖެހޭނެ އެވެ.

އެކަމަކު، އެ ދުވަހު ޖަލްސާއަށް ވަޑައިނުގެންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އެކަމާ ހިޔާލު އެއް ގޮތެއް ނޫނެވެ. އަމީތު އެ ޖަލްސާއަށް ވަޑައިނުގެންނެވުނީ މަޖިލިސް ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވީމަ އެވެ. އޭނާ އިތުރު ދެ މެންބަރަކާއެކު ހުންނެވީ ޔޫތް ޕާލިމެންޓޭރިއަން ކޮންފަރެންސްގަ އެވެ.

އަމީތު ވިދާޅުވި ގޮތުގައި އާންމުކޮށް އެފަދަ މުހިންމު ބިލްތަކާ ގުޅިގެން ޕީޖީ ގުރޫޕްގައި ވިޕް ނެރެ އެވެ. އަދި އަދަދު ހަމަނުވާނެ ކަމަށް ބެލެވޭނަމަ، ބޭރުގައި މެންބަރުން ތިއްބެވިނަމަ އެ މެންބަރުން ޖަލްސާއަށް ވަޑައިގެންނެވުމަށް ވެސް އަންގަ އެވެ. އަދަދު ހަމަވާނެކަން ކުރިން ކަށަވަރު ކުރެ އެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާއާ ގުޅިގެން އެފަދަ ކަމެއް ޕީޖީ ގުރޫޕްގައި ކޮށްފައެެއް ނުވެ އެވެ.

ބައެއް މެންބަރުން އެ ދުވަހު ރާއްޖެއިން ބޭރުގައި ތިއްބެވީ ބޭސްފަރުވާއަށާއި އެހެން ބޭނުންތަކަށް ކުރިން ޓިކެޓް ނަގާފައި އޮތުމުންކަން އެ ފަރާތްތަކުން ވަނީ ފަހުން ސަމާލު ކަމަށް ގެނެސްފަ އެވެ.

"ބިލް ފާސް ނުކުރުމުގެ ނިޔަތަކު ނޫން މެންބަރުން ޖަލްސާއަށް ނުދިޔައީ، އަޅުގަނޑު ނުދެކެން މިއީ މާބޮޑު ކަމެއް ކަމަށް، މިއީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަންކަން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފަ މިކަންކަން ފާސް ކުރެވިދާނެ، އެ ޖަލްސާގައި ފާސް ކުރެވޭނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ބިލް ފާސްކުރަން ޖެހުމުގެ ޒިންމާ ވަކި މެންބަރުންތަކެއް ނަގާކަށް ނުޖެހެ އެވެ. އަދި ޕީޖީ ގުރޫޕްގެ ލީޑަޝިޕުން ވެސް އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އަމީތު ވިދާޅުވީ އެއީ ހުރިހާ މެންބަރުންގެ ބޮލުގައި ވެސް ހަމަހަމަކަމާއެކު އެޅިފައިވާ ޒިންމާއެއް ކަމަށާއި އެކަން އެހެން ވެގެން ދިޔުމުގެ ޒިންމާ ވެސް ހުރިހާ މެންބަރުން ނަގަން ޖެހޭނެ ކަމަށެވެ.

ދެން މިހާރު އޮތް ސުވާލަކީ ދައުރުން ބޭރު ޖަލްސާއަށް މެންބަރުންގެ ސަމާލުކަން ލިބިދާނެބާވަ އެވެ؟ މިހާރު ވެސް ބައެއް މެންބަރުން ގެންދަވަނީ ދައުރުން ބޭރު ޖަލްސާއަށް ތާއީދު ނެތްކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވި ގޮތުގައި ދައުރު މެދު ތެރެއިން ޖަލްސާއެއް ބާއްވަން އޭނާގެ ތާއީދެއް ނެތެވެ. ސަބަބަކީ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދިވެސް އެޖެންޑާކޮށްފައި ނެތުމެވެ.

"12 މެންބަރުންނަށް ބޭއިންސާފުން ނިންމުންތައް ނިންމި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ނޯ ކޮންފިޑެންސް ވޯޓަކަށް ދާން މިދަނީ ތައްޔާރުވަމުން، ހުށަހެޅިފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ ނޯ ކޮންފިޑެންސް ވޯޓު ކުރިއަށް ނުގެން ގޮސް ދައުރުގެ މެދު ތެރެއިން، އެއްވެސް ޖަލްސާއެއް ބާއްވަން ތާއީދެއް ނުކުރަން،" އަލީ ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވާ އެ ވާހަކައަކީ ވެސް ރަނގަޅު ވާހަކައެކެވެ. އެކަމުގައި އެންމެ މަސްލަހަތު ބޮޑީ އޭނާ ވެސް ފާހަގަ ކުރައްވާފައިވާ ގޮތުން ގޮނޑީގެ މައްސަލަ ބޮޑުވި 12 މެންބަރުންނެެވެ. ނަމަވެސް ރިޔާސީ ކޮމިޝަންގެ ކޮންމެ ފިޔަވަޅެއް ވެސް ގުޅިފައިވަނީ އާންމު ރައްޔިތުންގެ އެތައް އާއިލާއެއްގެ ޖަޒުބާތުތަކާއެވެ. މުޅި މުޖުތަމައުގެ މަސްލަހަތާ އެވެ. އެކަން މުހިންމު ނުވެ އެހެން ކަމެއް މުހިންމުވާ ކަމަށް ބައެއް މެންބަރުންގެ ވިސްނުން ހުރުމަކީ ހަމަ ސުވާލު އުފެދޭ ކަމެކެވެ.

އެ ދުވަހު ރައްޔިތުންގެ ކުރިމަތީގައި ވެރިކަމަށް އައުމަށް ދެއްކެވި ވާހަކަތަކަކީ ހަމައެކަނި ވޯޓަށް ނޫނީ ފަހުން އަމިއްލަ މަސްލަހަތު އިސްކުރުމަށް ދެއްކި ވާހަކައެއްތޯ ކޯލިޝަންގައި ތިއްބެވި މެންބަރުންނަށް ސުވާލު އަމާޒު ކުރަމެވެ. އެ ސުވާލަށް މެންބަރުން ޖަވާބު ދެއްވާނެ ކަމަށް އުއްމީދު ކުރަމެވެ. އެ ޖަވާބު ދައުރުން ބޭރުގައި ބާއްވާ ޖަލްސާއިން ލިބޭނެ އެވެ.