ރިޕޯޓް

ކޮމިޝަންތަކަށް ދޭ ހިފެހެއްޓުމެއް ނެތް ބާރުގެ ބަހުސް!

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އަދި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމުގެ ބިލެއް މަޖިލީހަށް ވެއްދުމާ އެކު، އިދިކޮޅުގައި ތިބި ޕީޕީއެމްގެ ރުޅިގަނޑު ފަޅައިގެން ދިޔައިރު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް އެކަން ވަރިހަމަ އެވެ. ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ ބޭފުޅުންގެ ނަޒަރުގައި ބޮޑެތި ބާރުތަކެއް ކޮމިޝަންތަކަށް ދީގެން ނަމަވެސް، މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ޖެހެ އެވެ. އަދި ދައުލަތުގެ ގެއްލިފައިވާ ފައިސާ ހުރިތަނަކުން ހޯދައިގެން ދައުލަތަށް އަނބުރާ ޖަމާކުރަން ޖެހެ އެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ ނަޒަރުގައި، އެ ބިލަކީ ސިޔާސީ ބިލެކެވެ. ވަކި ބަޔަކު ހައްޔަރުކޮށް ހުރަގެއަށް ލުމުގެ ދަންތުރައެކެވެ. ޕީޕީއެމްގެ މެންބަރު، ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވާ ގޮތުގައި އެ ބިލަކީ ހަމަ ސީދާ ގާނޫނު އަސާސީއާ ވެސް ހިލާފު ބިލެކެވެ. ސަބަބަކަށް ވަނީ، އެ ބިލްގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ ބާރު މުޅިންހެން ނެތި ގޮސް ބޮޑެތި ބާރުތަކެއް ރައީސް އުފައްދަވާ ފަސް މެންބަރުންގެ ކޮމިޝަނަށް ލިބިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ. ހަލީލް ދެކެވަޑައިގަންނަވާ ގޮތުގައި އެ ބިލްގައި މަދީ ހައްޔަރުކުރަން މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަމެވެ.

"އަނިޔާވެރިކަން ނުގެންނާނެ ކަމަށް ބުނެ، ކޮރަޕްޝަން ނުހިންގާނެ ކަމަށް ބުނެ އައި ކަމަށް ބުނާ ސަރުކާރުން އިންތިހާ އަށް އަނިޔާވެރިކަން އިސް ކުރާ މަންޒަރު ފެންނަނީ. ފެނިގެން މި ދަނީ މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ އަޑު ފަނޑުކޮށްލުމަށް ކުރާ މަސައްކަތެއް،" ބިލްގެ ބަހުސް މަރުހަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެމްޑީޕީގެ މެންބަރުންގެ ވިސްނުމުގައި، ރައީސް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ނަތީޖާ ނުނެރެވެނީ ބާރުތަކެއް ލިބިފައި ނެތިގެން އެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވާ ގޮތުގައި ބާރުތަކެއް ދީގެން ވިޔަސް، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ މައްސަލަތައް މި ސަރުކާރުން ބަލަން ޖެހެ އެވެ. އެހެން ނޫން ނަމަ ޑިމޮކްރަޓިކް ވެރިކަމަކަށް ރައްޔިތުންގެ އިތުބާރު ދެން ދުވަހަކުވެސް ނުކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަނެއް ހަދައިގެން މައްސަލަތައް ބަލަން ޖެހެނީވެސް މުއައްސަސާތައް ފެއިލްވުމުންނެވެ. އެހެން ކަމުން ރިޔާސީ ކޮމިޝަނަކަށް ބާރުތަކެއް ދޭން ޖެހިލުންވެގެން އުޅެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އީވާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ފްލެޓްތަކާއި އަޅުގަނޑުމެން ރަށްތަކާއި ފަޅުތައް އެ ދޫކޮށްލީ ވެރިން ނޫޓު ބަދަލުކޮށްލައިގެން. އެއީ އަޅުގަނޑުމެން ދަރިންގެ ތަރިކަ މުދާ އެ ދޫކޮށްލީ. މީހުންގެ ޅަދަރިން މަރާލައި ގެއްލުވާލާ އެ ހެދީ ކަހަރުވަކެކޭ ވެސް މިވެރިން ހިތަށް ނާރާ! އަޅުގަނޑުމެން މިއަދު މި އޮތީ އެ ކަންކަމަށް އިންސާފު ހޯދައިދޭން ޖެހިފައި. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވިއްޔާ އެ އަނބުރާ ހޯދަން ޖެހޭނެ. ރައްޔިތުންގެ މުދަލުން ވައްކަން ކޮށްފައި އޮތިއްޔާ އެ އަނބުރާ ހޯދައިދޭން ޖެހޭނެ. އެންމެ ރައްޔިތަކަށް އަނިޔާވެރިވެފައި އޮތަސް އެކަމަށް ވެސް އިންސާފު ހޯދައިދޭން ޖެހޭނެ. މިއީ ވަރަށް އަސާސީ ވާހަކައެއް. މިއީ އަޅުގަނޑުމެންގެ ޒިންމާ. މި ކޮމިޝަންތަކަށް ބާރުދީގެން ވެސް މިކަން ކުރަން އަޅުގަނޑު ސާބަސް ދެން،" އީވާ ވިދާޅުވި އެވެ.

މި މައްސަލައިގައި ވެސް މެންބަރުންގެ ހިޔާލުތައް ދެކަފިވެފައި ހުރި އިރު، މިއީ ހަގީގަތުގައި ވެސް ބޮޑު ގާނޫނީ ބަހުސަކަށް ވެސް ހުޅުވިފައި އޮތް މައްސަލައެކެވެ. ދެ ކޮމިޝަން ތަހުގީގީ އިދާރާތަކަކަށް ބަދަލުކޮށް ބޮޑެތި ބާރުތަކެއް ކޮމިޝަންތަކަށް ދިނުމުގެ ބޭރުން، އެ ބިލް ފާސްވެއްޖެ ނަމަ މައްސަލަތަކުގައި ޝަރީއަތް ކުރުމަށް އޮތް މުއްދަތު ކުރުވުމަކީ ވެސް ކަންބޮޑުވުމެކެވެ.

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު އޭނާގެ ކަންބޮޑުވުންތައް ބިލާ މެދު ހާމަކުރައްވަމުން ވިދާޅުވީ، ބައެއް ބާރުތައް ކޮމިޝަނަށް ދޭން ހިމަނާފައި ވަނީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން، އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެކައުންޓް ފްރީޒް ކުރުމުގެ ބާރު، ކޮމިޝަނަށް ދީފައިވާ އިރު އެކަން ކުރަން ޖެހޭނީ ކޯޓަށް ގޮސް ކޯޓް އަމުރެއް ހޯދައިގެން ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ޝަރީއަތް ހިންގަން ދީފައިވާ މުއްދަތު ބިލްގައި ވަރަށް ހަރުކަށިކޮށް 60 ދުވަހަށް ކަނޑައަޅާފައި އޮތުމުން، އިޖުރާއަތްތަކުގެ ތެރެއިން އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިޔުމަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެ އެވެ.

"ބާރުތަކެއް ދީފައި ދެ ކޮމިޝަން އުފެއްދުމާ މެދު އަޅުގަނޑުގެ ތާއީދު. އެކަމަކު ބިލް މިހާރު އެ އޮތް ގޮތުން އިޖުރާއަތްތަކުގެ ތެރެއިން އިންސާފު ހޯދުމަށް އޮންނަ މަގު ބަންދުވެގެން އެބަދޭ. އިސްލާހުތަކަކާ އެކު ބިލް ފާސްކުރުން މުހިންމު،" ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އެދުމުގެ މަތިން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ބިލް ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީއަށް ދެއްވި ގާނޫނީ ލަފާގައި ވެސް ވިދާޅުވީ، ކޮމިޝަނަށް ދޭ ބޮޑެތި ބާރުތައް މިހާރު ހުރި ބައެއް މުއައްސަސާތަކުގެ ބާރުތަކާ ފުށުއެރާ ކަމަށެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ކޮމިޝަނަށް ވަދެވުމުގެ ބާރު އޮތުމަކީ ވެސް މައްސަލައެކެވެ. އޭނާ ވެސް ވިދާޅުވާ ގޮތުގައި ޝަރީއަތުގައި މައްސަލަތައް ނިންމުމަށް ދީފައިވާ މުުއްދަތު އެންމެ އެކަށީގެންވާ ކަމާ މެދު ސުވާލު އުފެދެ އެވެ.

"ކޮމިޝަނުން ތަހުގީގުކޮށް ފޮނުވާ މައްސަލަތައް ޕީޖީއަށް ފޮނުވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަވާނެކަން ބަޔާންކޮށްފައިވަ އިރު ދައުވާ ކުރުމަށް ކަމާ ބެހޭ ކޯޓަށް ފޮނުވަން ޖެހޭނީ ވެސް 15 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަން ބިލުން ސާފު ނުވެ، މައްސަލަތައް އިސްތިއުނާފް ކުރުމަށް ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ ވެސް އެކަމަށް އެކަށީގެންވާ މުއްދަތެއް ކަމާ މެދު ސުވާލު އުފެދޭ، އިންސާފުވެރި ޝަރީއަތެއް ކުރުމަށް އަދި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ދައުވާ ލިބޭ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ހައްގަކަށް ވާއިރު ޝަރީއަތަށް ހުށަހަޅަން ޖެހޭ މައްސަލަތައް ބަލާ ނިމޭނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަން ކަށަވަރު ކުރަން ޖެހޭ،" ފިލްޒާގެ ލަފާގައިވެ އެވެ.

މިއީ ގާނޫނީ ބޭފުޅުން ވެސް މި ބިލާ މެދު އުފައްދަވާ ކަންބޮޑުވުންތަކެވެ. ޔަގީންވާ ކަމަކީ، ރައީސް އުފެއްދެވި ކޮމިޝަނަށް އިތުރު ބާރުތަކެއް ލިބެން ޖެހޭ ކަމެވެ. ސަބަބަކަށް ވަނީ އެ ކޮމިޝަންތަކާ ހަވާލުވެފައި ހުރީ ކުދި މައްސަލަތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކޮމިޝަންތަކުން ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި ނަތީޖާ ނެރެން ޖެހެ އެވެ. އެހެން ނޫންނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމުގައި ރައްޔިތުންގެ އޮތް ބޮޑު އުންމީދު ފަނޑުވެގެން ދާނެ އެވެ. ރައްޔިތުން ބޭނުންވަނީ މަރުތަކުގެ ހަގީގަތް އެނގުމެވެ. ދައުލަތަށް ހިޔާނާތްވި އެންމެންނަށް އަދަބު ދިނުމެވެ. އެހެން ނޫންނަމަ، އީވާ ވިދާޅުވާ ގޮތަށް، ސިޔާސީ ބާގަނޑުތަކުގެ ތެރެއިން ހޯދާ ފުރުސަތު ތަކުގައި ސިޔާސީ ވަގުން އަނެއްކާ ވެސް ރައްޔިތުންގެ މައްޗަށް އަތްގަދަކުރާނެ އެވެ. އެކަމަކު މި ހުތުރު ސިޔާސީ ސޮފްހާއަށް ނިމުމެއް އަންނަން ވެއްޖެ އެވެ.