ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑް، ކުލަބު ވޯލްޑްކަޕު ޗެމްޕިއަން

ފައިނަލުގައި، އަރަބި އެމިރޭޓްސްގެ އަލް އައިން ކުލަބުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކުލަބު ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ކޮންމެ ބައްރަކުންވެސް، އެއްބަރުގެ ލީގްގެ ޗެމްޕިއަން ޓީމަށް ފުރުސަތު ދޭ، ކުލަބު ވޯލްޑްކަޕް، މި އަހަރުވެސް ބާއްވާފައި ވަނީ، އަރަބި އެމިރޭޓްސްގަ އެވެ. ރެއާލް މެޑްރިޑް ފައިނަލަށް ދަތުރު ކުރީ، އޭއެފްސީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ޖަޕާންގެ ކަށިމާ އެންޓްލާސް ބަލި ކުރުމަށް ފަހު އެވެ. މުބާރާތް ބާއްވާ ގައުމުގެ ޓީމަކަށް ފުރުސަތު ދިނުމުގެ ގޮތުން، އަރަބި އެމިރޭޓްސްއިން ވާދަ ކުރި އެ ގައުމުގެ ޗެމްޕިއަން އަލް އައިން ސެމީ ފައިނަލަށް ދަތުރު ކުރީ، ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާގެ ރިވާޕްލޭޓް ބަލި ކުރުމަށް ފަހު އެވެ.

މިރޭ ކުޅުނު ފައިނަލު މެޗުގައި ލަނޑު ޖަހަން އެންމެ ފުރތަމަ ލިބުނު ފުރުސަތު ލިބުނީ އަލް އައިން އަށެވެ. އެޓީމުން ރެއާލްގެ ކީޕަރު ތިބޯޓް ކޯޓްއާވެސް ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރެއާލްގެ ފުރަތަމަ ލަނޑު، މެޗުުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލުކަ މޮޑްރިޗެވެ. އަލް އައިންގެ ޕެނަލްޓީ އޭރިއާ ތެރެއިން، ރެއާލްގެ ކަރިމް ބެންޒެމާއަށް ލިބުނު ބޯޅަ އޭނާ ދިނީ އޭރިއާގެ ބޭރުގައި ހުރި މޮޑްރިޗަށެވެ. އޭނާ ވަނީ އޭރިއާގެ ބޭރުގައ ހުރެފައި އަލްއައިންގެ ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ. އޭގެ ފަހުން ރެއާލްގެ ލޫކަސް ވަޒްކްއޭޒްއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.

ރެއާލްގެ ދެ ވަނަ ލަނޑު، މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސޮލާރީގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ 11 ގައި ކުޅެން ފެށި މާކޯސް ޔޮރެންޓޭ އެވެ. އޭނާ ދަނީ ރެއާލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލުން ފޮނުވާލި ބޯޅަ އަލްއައިންގެ އޭރިއާގެ ތެރޭގައި ތިބި ޑިފެންޑަރުން ދިފާއު ކުރުމުން އެ ބޯޅަ ރީބައުންސްވެގެން ނިކުތީ އޭރިއާ ބޭރަށެވެ. ޔޮރެންޓޭ ވަނީ އަލް އައިންގެ ޑިފެންޑަރުގެ ފައި ދޭތެރެއިން ބޯޅަ ފޮނުވާލާފަ އެވެ.

ރެއާލްގެ ތިން ވަނަ ލަނޑު، ރާމޯސް ކާމިޔާބު ކުރީ، މޮޑްރިޗް ނަގައިދިން ކޯނަރު، ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެއީ މެޗުގެ 78 ވަނަ މިނެޓްގަ އެވެ. އަލްއިންގެ ހަމައެކަނި ލަނޑު ޖަޕާންގެ ޝިއޮޓަނީ ކާމިޔާބު ކުރީ 86 ވަނަ މިނެޓްގަ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްގެ ތެރެއަށް ވަނީ މަތިން އޮއްސިގެން ގޮހެވެ.

ރެއާލްގެ ހަތަރު ވަނަ ލަނޑަކީ، އަލްއައިންގެ ޔަހިއާ ނަދެރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރެއާލްގެ ޒުވާން ފޯވަޑް ވިނީޝިއުސް ޖޫނިއާ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ، އޭނާ ފޮނުވާލަން އުޅުނު ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ނަދެރު އަތުން ވަނީ ބައިކޮޅަށެވެ.

މިފަހަރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެމީ ފައިނަލުގައި ކަށިމާ އެންޓްލާސްއާ ދެކޮޅަށް ހެޓްރިކު ހެދި ރެއާލްގެ ގެރެތު ބޭލް އެވެ.