ވާހަކަ

އީޝަލް

(20 ޑިސެމްބަރ 2018 އާ ގުޅޭ)

"އަހަންނަށް އީޝަލް..." ލުގަލްބަންދާ އެއްޗެއް ބުނަން އުޅެފައި ކުއްލިއަކަށް ފަސްއެނބުރި ބަލާލިއެވެ. އަދި އޭނާގެ ކިބައިން ފެނުނު އޯގާތެރިކަން ފިލައި އަޑު ބަދަލުވެ ޖަނަވާރެއް ފަދައިން އަޑު ލައްވާލިއެވެ. އަދި ހަތަރެސްފައި ޖަހައި ކޮޅަށް ތެދުވެ އޭނާ ސަމާލުވެލިއެވެ.

އީޝަލްމެންނާ ދިމާއަށް ބަލަން ދުރުގައި ހުރި ރައުލް ފެނުމުން ލުގަލްބަންދާގެ ޠާބީޢަތް މުޅިން ބަދަލުވި ކަހަލައެވެ. އިށީނދެ އިން އީޝަލް ތެދުވުމުން އޭނާގެ ކުރިމަތިން ހުރަހަށްވާގޮތަށް ލުގަލްބަންދާ މަޑުކޮށްލިއިރު ވެސް އޭނާގެ ނަޒަރު ހުރީ ރައުލްއަށް ހުއްޓިފައެވެ. ރައުލް ފެނުމުން އީޝަލް އެހާ ގަޔާނުވި ނަމަވެސް އޭނާ ހިސާބަކަށް ހައިރާންވިއެވެ. ރައުލްމެން އުޅޭ ސަރަޙައްދާ ދުރަށް އީޝަލް އައިސް އެ އިނީ އެ މީހުންނަށް އުނދަގުލެއް ނުކުރާނަންކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ބަހަށް ރައުލް އިތުބާރުނުކުރީއޭ އީޝަލްއަށް ހީވިއެވެ.

"އޭނާ އަހަރެންގެ ބަހަށް އިތުބާރުނުކުރީތާ... އެހެންނޫނީ އަހަރެންގެ ފަސްފަހަތުން އައުމުގެ ބޭނުމަކީ ކޮބާ؟ ދާރިއުސްއާ ބައްދަލުކޮށްފާނޭ އަދިވެސް އޭނާއަށް ހީވަނީތަ" ރައުލްއަށް ބަލަން ހުރި އީޝަލް އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ރައުލް ކުރިއަށް އަންނަން ނޫޅެ ހުރީއެވެ. އިރުކޮޅަކު އީޝަލް މަޑުކޮށްލައިގެން ހުރުމަށްފަހު ލުގަލްބަންދާއަށް އެންގީ ގޭދޮށަށް ދާންވީ ކަމުގައެވެ. އަދި އެނބުރި ރަށުތެރެއަށް ދިއުމަށް އެމީހުން ހިނގައިގަތެވެ. ވަކި ހިސާބަކަށް އާދެވުމުން އީޝަލް ފަސްއެނބުރި ރައުލް ހުރި ދިމާއަށް ބަލާލީ އޭނާ ހެދިގޮތެއް އެނގެން ބޭނުންވެފައި ހުރުމުންނެވެ. ނަމަވެސް އިތުރު ހައިރާންކަމެއް ލިބުނީ އޭރު ވެސް އޭނާ ހުރި ފިޔަވަޅުމަތީ ގުޑި ވެސް ނުލާ ހުރުމުންނެވެ. އޭނާގެ ނަޒަރު ހުރީ އީޝަލްއަށް ހުއްޓުނު ގޮތަށެވެ. އަވަސްއަވަހަށް އީޝަލް އެނބުރިލީ ދެ މީހުންގެ ހަތަރުކަޅި ބައްދަލުވުމުންނެވެ. އެހިނދު ރައުލް އެއްޗެއް ބުނަން އުޅުނުހެން ވެސް އީޝަލްއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ ބެލީ އަވަހަށް ރައުލްއާ ދުރަށް ދެވޭތޯއެވެ. އެނބުރި ގެއަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އީޝަލް ނިންމީ ރައިލްއާ ކުރިމަތިލާން ބޭނުންނުވާތީއެވެ.

އިރުއޮއްސި އަނދިރިކަން ވެރިވިއިރު ލުގަލްބަންދާއާއި އީޝަލް ހުރީ ޒިޔަޒެލްއާއެކު ގޭގައެވެ. މަޣްރިބު ނަމާދަށް ޒިޔަޒެލް ނުކުތުމުން އީޝަލްއާއި ލުގަލްބަންދާ ތިބީ އެ މީހުންގެ ގޭގައި އެކަންޏެވެ. ނަމަވެސް ޒިޔަޒެލް އެހެން ނުކުންނަ ފަހަރަކު ވެސް އޭނާ ދަނީ ގަހުގެ ވަށައިގެން ރައްކާތެރިކޮށްފައެވެ. އޭނާއަށް ނޭނގި އޭނާ ދިރިއުޅޭ ތަނަކަށް މީހަކަށް ނުވަދެވޭނެއެވެ. އެކަން އީޝަލްއަށް ވެސް އެނގެއެވެ.

އިޝާ ނަމާދަށް ފަހު އެނބުރި ޒިޔަޒެލް ގެއަށް އައިއިރު އީޝަލް ބަދިގޭގައި އުޅެއެވެ. އޭނާ ކާގެއަށް އެއްޗެހި ނެރެނީއެވެ. ގެއަށް އައީސުރެ އީޝަލް މާ މަޑުމަޑުން ހުންނަކަން ޒިޔަޒެލްއަށް ފާހަގަވިއެވެ. އެހެންނޫނި ކޮންމެވެސް އެއްޗެކޭ ކިޔަމުން ޒިޔަޒެލްގެ ފަހަތުގައި އީޝަލް އުޅޭނެއެވެ. މިރޭ މުޅިން ތަފާތުވުމުން ޒިޔަޒެލް އިރުކޮޅަކު މަޑުކޮށްލީ އީޝަލް ވާހަކައެއް ދައްކާތޯއެވެ. އޭނާ ފެންނަ ހިސާބުގައި ކާގޭގައި ޒިޔަޒެލް އިނެވެ. އީޝަލްގެ ހަރާކަތްތަކަށް ބަލާށެވެ. ލުގަލްބަންދާ ވެސް އޮތީ ކާގޭތެރޭގައެވެ. ބަދިގެއާ ދިމާއަށް އެނބުރިއެވެ. އޭނާ ވެސް ޝައުގުވެރިކަމާއެކު ބަލަން އޮތީ އީޝަލްއަށެވެ.

"ޒިޔަޒެލް... ކޮންއިރަކު އައީ؟" ޒިޔަޒެލް އިންކަން އީޝަލްއަށް ފާހަގަވީ ކާމޭޒުތައްޔާރުކޮށްފައި އެނބުރިލި ވަގުތެވެ.

"މިތާ އިންނަތާ ކޮންއިރެއް! މިއަދު ހަވީރު ކޮންތާކަށް ދިޔައީ؟" ޒިޔަޒެލް އަހާލިއެވެ. އަދި ތެދުވެގެން ކާމޭޒު ކައިރިއަށް އޭނާ އައެވެ.

"ތުނޑިކައިރިއަށް" އީޝަލް ނިކަން ކުރުކޮށް ޖަވާބުދިނެވެ.

ކެއުމުގެ ކަންކަން ނިމުނުއިރު ވެސް އީޝަލް ފެންނަނީ ބަސްމަދުވެފައި ހުންނަތަނެވެ. އެހެންވެ ޒިޔަޒެލް އިރުމަތީ ފެންޑާގައި މަޑުކޮށްލައިގެން އިނީ އީޝަލް ގާތު މަސައްކަތްތައް ނިންމާލާފައި އަންނައްޗޭ ބުނެފައެވެ. ކުޑަ މޭޒެއްގެ މަތީ ފޮތްތަކެއް ބަހައްޓައިގެން އޭނާ އެތަނުން ފޮތަކުން އެއްޗެއް ކިޔަން އިނެވެ. އީޝަލްއާއި ލުގަލްބަންދާ އެކުއެކީގައި އެތަނަށް އައީ ވަގުތުކޮޅެއް ފަހުންނެވެ.

"ކޮބާ ދިން ފޮތް؟" އީޝަލް އައުމުން ޒިޔަޒެލްގެ ކައިރީ ހުރި ގޮނޑިއެއްގައި އިށީނުމަށް އޭނާ އިޝާރާތްކޮށް ބުނެލިއެވެ.

"އަދި ނުކިޔޭ، އެކަމަކު މިރޭ ކޮންމެހެން ވެސް ކިޔާނަން" އީޝަލް ބުނެލިއެވެ.

"މީގެ ކުރިން އީޝަލްގެ ފަރާތުން ފެނުނުކަމެއްނޫން ބަހަނާ ދެއްކުމަކީ، ކޮއިފުޅަށް ބަދަލުތަކެއް އަތުވެއްޖެ، ކަމެއް ދިމާވީތަ؟ މީކާޢިލް ނެތީމައި އޭނާގެ މަތިން މާބޮޑަށް ހަނދާންވަނީތަ؟" ޒިޔަޒެލް އެއްސެވެ.

"ކުރިން ވެސް ބައްޕަ ދިގު ދަތުރުތައް ކުރެއެއްނު... ދެން އެހެނެއްނުވާނެ، މިރޭ އެ ފޮތް ކިޔާނަން" އީޝަލް ބުނެލިއެވެ.

"އެ ފޮތުގައިވާ ކަންކަން ދަސްކުރުމަކީ މުހިންމުކަމެއް، އެކަމަކު އިހަށް އީޝަލްގެ ޠާބީޢަތަށް ތި އައިސްގެން އުޅޭ ބަދަލު އަހަންނަށް އޮޅުންފިލުވައިދީބަލަ، އަހަރެން ހީކުރީ ލުގަލް އައުމުން އީޝަލް އުފާވާނެކަމުގައި، ލުގަލް، ކަލެއަށް އެނގޭތަ އަހަރެންގެ އީޝަލްއަށް ވީކީއްކަން" ޒިޔަޒެލް ވާހަކަދެއްކިއެވެ. އެވަގުތު ލުގަލްބަންދާއާ ދިމާއަށް އީޝަލް ބަލާލިއެވެ. ގެއަށް ވަދެގެން އައިއިރު ލުގަލްބަންދާގެ ފަރާތުން ދިމާވި ކަންކަން ސިއްރުކޮށްދޭން އެދުމުން އެކަމާ އީޝަލްވަނީ އެއްބަސްވެފައެވެ.

"ޒިޔަޒެލް، އަޅުގަނޑަށް ކަމެއް އޮޅުންފިލުވައިދީބަލަ، މި ވާހަކަތައް ބައްޕަ ގާތު ދައްކާކަށް ނުކެރޭނެ" އިރުކޮޅަކު އިނދެފައި އީޝަލް ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.

"ކޮންކަމެއް އެނގެން ބޭނުންވަނީ؟" ޒިޔަޒެލް ހިސާބަކަށް ހައިރާންވިއެވެ.

"އަޅުގަނޑުގެ މަންމަ... އަޅުގަނޑުގެ މަންމަ އެނގޭތަ ޒިޔަޒެލްއަށް" އީޝަލްގެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ. ޒިޔަޒެލްގެ މޫނުމަތިން ވެސް މާޔޫސްކަން ފާޅުވިއެވެ.

"ކުއްލިއަކަށް މަންމަގެ ވާހަކަ ތި އެހީ ކިހިނެއްވީ އީޝަލް، އަހަރެމެންގެ ތެރެއިން ޖިންނިއަކު އެއްޗެކޭ ބުނީތަ؟ ބަޔަކު ވާހަކައެއްދައްކަނިކޮށް އަޑުއިވުނީތަ؟" ޒިޔަޒެލް ފާޅުކުރަން ބޭނުންނުވިޔަސް އޭނާ ކަންބޮޑުވިއެވެ.

"އެއީ އަޅުގަނޑުގެ މަންމައެއްނު، ބައްޕަ ގާތުގައި އަހާކަށް ނުކެރޭނެ، އެހެންވެ ޒިޔަޒެލް ގާތު މި އެހީ... ބައްޕަ އެންމެ އިތުބާރުކުރާ މީހަކީ ތީއެންނު، ޒިޔަޒެލް ދުށިންތަ އަޅުގަނޑުގެ މަންމަ... އަޅުގަނޑު އިންސާނަކާ އެހާ ވައްތަރީ އަޅުގަނޑުގެ މަންމަ އިންސާނަކަށްވީމާކަން އެނގޭ، ޒިޔަޒެލް... ކިޔައިދީބަލަ... މަންމައަކީ ގޯސްމީހެއްތަ؟ މަންމައާއި ބައްޕައާ ބައްދަލުވީ ކިހިނެއް؟ އިންސާނުން ބާރުހޯދަން ޖިންނީންނާ ގުޅޭތަ؟ އިންސާނުންނަކީ ވަރަށް ގޯސްބައެއްތަ؟" އީޝަލްގެ ހިތުގައިވާ ސުވާލުތައް އޭނާ ހާމަކޮށްލީ ޒިޔަޒެލްއަށް ޖަވާބުދެވޭނޭކަން އޭނާގެ ހިތް ބުނާތީއެވެ.

"އަހަރެންގެ ދަރިފުޅާ... ތީ ހާދަ ބޮޑެތި ސުވާލުތަކެކޭ... އިންސާނުންނާ ބެހޭގޮތުން ބަޔަކު ވާހަކައެއް ދައްކަނިކޮށް އަޑުއިވިގެން ތިއުޅެނީ، ނޫންތަ؟ ކީކޭ އެބަޔަކުކީ؟" އީޝަލް އެ ދެއްކީ ޒިޔަޒެލް އެ މައުޟޫޢަކަށް ވާހަކަދައްކަން ބޭނުންނުވާ މައުޟޫޢުއެކެވެ. އެހެންވިޔަސް އީޝަލްއަށް ޖަވާބެއް ނުދީފިއްޔާ އީޝަލް އަމިއްލައަށް ކަންކަން ހޯދަން އުޅެދާނޭކަމުގެ ބިރު ޒިޔަޒެލްގެ ހިތަށްވަނެވެ.

"އިންސާނުންނަކީ ނަޖިސްބައެއްކަމަށް، އެއްވެސް ބާރެއްނެތް ބައެއްކަމުގައި... ޖިންނީން އިންސާނުންގެ ގާތަށް ގޮސް ހަދާކަމުގައި، އަޅުގަނޑަކީ އިންސާނަކާއި ޖިންނިއަކަށް ލިބިފައި ހުރި ދަރިއެއްނު، އަޅުގަނޑު މި ހުރީ ނަޖިސްވެފަތަ" ޒިޔަޒެލްއަށް އީޝަލް ބަލާލީ އޭނާގެ ވާހަކަތަކުގައި ހުރީ ކިހާ ބުރަދަނެއްކަން އޮޅުން ފިލުވައިދޭށޭ ބުނާ ފަދައިންނެވެ.

"އީޝަލް... ކޮއިފުޅާ..." ފިނިނޭވާއެއް ދޫކޮށްލި ޒިޔަޒެލްއަށް އިށީނދެ އިނުން އުނދަގޫވެ ކޮޅަށް ތެދުވިއެވެ. ދެއަތް އުރާލައިގެން ހުރެ ފެންޑާގައި ދެ ކޮޅަށް އޭނާ ހިނގާލިއެވެ. ކެތްތެރިކަން ކުޑަވެފައި އިން އީޝަލްގެ މޫނަށް ޒިޔަޒެލް ބަލާލީ ފިޔަވަޅު މަޑުޖައްސާލާފައެވެ. އަދި އަނެއްކާ ވެސް އައިސް އިހު އިން ގޮނޑީގައި އޭނާ އިށީނެވެ.

"މަގޭ ދަރިފުޅާ... އިވޭ ކޮންމެ އަޑަކީ ތެދެއްނޫން، އަހަރެމެންނަށްވުރެ އިންސާނުންވަނީ މާތްކުރައްވާފައި، އެކަމަކު އަހަރެމެންނަށް އިންސާނުންނަށް ލިބިފައިނުވާ އެތައް ބާރެއް ލިބިފައިވޭ، ނަމަވެސް އަހަރެމެން ދެބައި މީހުންގެ ފަރަގު ވަރަށް ބޮޑު، އަހަރެމެންގެ ދުނިޔެވަނީ އެ މީހުންގެ ލޯތަކަށް ފޮރުވިފައި، އެކަމަކު އެ މީހުންގެ ދުނިޔޭގެ ކަންކަން އަހަރެމެންނަށް ސިއްރެއްނުވޭ، އަދި އެ މީހުންގެ ތެރޭގައި އުޅުމަކީ އަހަރެމެންނަށް އުނދަގޫކަމެއްނޫން، އަހަރެމެންގެ ހުރިހާ ހަޤީޤަތެއް އިންސާނުންނަށް ވެސް ހޯދިފައެއްނުވޭ، އަދި އެއީ އެ މީހުންނަށް ވާނޭކަމެއްނޫން، އެ ސަބަބާ ހުރެ ޖިންނީންގެ ތެރޭގައި ވެސް ބޮޑާވެ ކިބުރުވެރިވާ ބަޔަކު އުޅޭ، އިންސާނުންނަށް އަހަރެމެންގެ ފަރާތުން ގޯނާއެއް ދިމާވެއްޖެނަމަ ރައްކާތެރިވާނޭ ގޮތް އެ މީހުންނަށް އެނގޭ، ހުރިހާ ވައްތަރެއްގެ ތަފާތު މިޒާޖުގެ ޖިންނީން އަހަރެމެންގެ ތެރޭގައި އުޅޭ ފަދައިން އިންސާނުންގެ ތެރޭގައި ވެސް އެފަދަ ބަޔަކު އުޅޭ، އެ މީހުންނަކީ ސިހުރުވެރީން، އެ މީހުންނަކީ އިންސާނުންނަށް ވިޔަސް އެމީހުންގެ އަޚުންނާއި އުޚުތުންގެ މައްޗަށް އަނިޔާވެރިވާބައެއް، އެއްބަނޑު އެއްބަފާ ގުޅުންތައް ކަނޑައި މީހުންގެ ދިރިއުޅުމަށް ވިހަލާ ބައެއް، އެމީހުންނާ ބައިވެރިވާ ބަޔަކު ޖިންނީންގެ ތެރޭގައިވޭ، އެއީ އަހަރެމެންގެ ތެރެއިންވާ ސައިތާނުން" ޒިޔަޒެލްގެ ވާހަކައިން ލުގަލްބަންދާ އަޑެއް ލައްވާލުމުން އީޝަލް ބަލާލިއެވެ.

"އަޅުގަނޑުގެ މަންމަ... މަންމައަކީ ވެސް ސިހުރުވެރިންގެ ތެރެއިންވާ މީހެއްތަ؟" އީޝަލް ސުވާލުކުރިއެވެ.

"ނޫން، ނޫން... މިޝަލްގެ ހިތް ވަރަށް ސާފު، އެހެންނޫންނަމަ މީކާޢިލްގެ ހިތް ފަތަޙައެއް ނުކުރެވުނީސް، ދަރިފުޅުގެ މަންމައަކީ ވަރަށް ސާދާ އަންހެންކުއްޖެއް، މީކާޢިލްއާއި މިޝަލް އެކަކުއަނެކަކުދެކެ ވަރަށް ލޯބިވޭ، މިޝަލްއަށް ހުރިހާ ކަމެއް މީކާޢިލް އޮޅުންފިލުވައިދިން، އޭގެ ފަހުގައި ވެސް އެ އަންހެންކުއްޖާ ޚިޔާރުކުރީ މީކާޢިލް، އޭނާގެ ފުރާނަ ވަކިވެގެން ދިޔައީ އެކަމުގައި، އެ ދެ މީހުންގެ ލޯބި އެތައް ގޮތަކަށް އިމްތިހާނު ކުރެވުނު، ފުރަތަމަ އަހަރެމެންގެ ތެރެއިން ރޫފަސް، އެއަށްފަހު އިންސާނުންގެ ތެރެއިން ސިހުރުވެރިއަކު... އަހަރެން އަދިވެސް ހަނދާން އެބަހުރި މިޝަލްގެ ކުރިމައްޗަށް އަހަރެން ފާޅުވުމުން އޭނާއަށް ވީގޮތް" ޒިޔަޒެލް އެ ހަނދާންތަކެއް ކުރަމުން ހިނިތުންވެލިއެވެ.

"ރޫފަސްއަކީ ކާކު؟ މަންމަ އަހަރެމެންގެ ތެރެއަށް ދިރިއުޅެން އައިތަ؟" އީޝަލް ކުރިއަށްވުރެ ބޮޑަށް ޝައުގުވެރިވިއެވެ.

"އޭނާ މިޝަލްއާ އަޅައިގަނެ މީކާޢިލްގެ އަތުން މިޝަލް ގެންދަން މަސައްކަތްކުރީ، އެކަމުގައި މީކާޢިލްއާއި ރޫފަސްއާ ދެމެދު ކުރިމަތިލުންތަކެއް ހިނގީ، މިޝަލްއަށް ގޯނާ ކުރާތީ މީކާޢިލް ބޭނުންވީ އެހެން ޖިންނީންނަށް މިޝަލް ފޮރުވާލަން، އެކަން އޭނާއަށް ކޮށްދިނީ އަހަރެން، އެ މަސައްކަތުގައި މީކާޢިލް އަހަރެންގެ ގާތުގައި ހުރިއިރު މިޝަލް ރައްކާތެރިކުރީ ދަރިފުޅުގެ ބޮޑުދައިތައާއި މިޒަރެން، ބަލްޤިސް އޭރު ވަރަށް ޅަ، އޭނާގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާ" ޒިޔަޒެލް ބުންޏެވެ.

"މިހާރު ކޮބާ ރޫފަސް" ޒިޔަޒެލްގެ ވާހަކަ ނުނިމެނީސް އީޝަލް އެއްސެވެ.

"އެކަން ނިމުމަކަށް ގެންނަން ޖެހުނީ ރޫފަސްގެ ދުވަސް ދުއްވާލައިގެން، އެ ދެމެދުގައި ހިނގި ކުރިމަތިލުމުގައި ރޫފަސް ގަދަވެއްޖެނަމަ އޭނާ މީކާޢިލްގެ އަތުން މިޝަލް ގެންދާނޭކަން އެނގޭ، އެހެންވެ އެ ކުރިމަތިލުން ކާމިޔާބުކުރުން މީކާޢިލްއަށް މަޖުބޫރު" ޒިޔަޒެލް ކިޔައިދިނެވެ.

"އޭނާގެ ޢާއިލާއެއްނެތްތަ، އޭނާ ނިސްބަތްވާ ޤަބީލާގެ މީހުން ނާދޭތަ؟" އީޝަލް އެއްސެވެ.

"އޭނާއަކީ ޤަބީލާއަކަށް ނިސްބަތްވާ ޖިންނިއެއްނޫން، އެކަނިއުޅެން ޚިޔާރުކުރާ ޖިންނީން ވެސް އަހަރެމެންގެ ތެރޭގައި ވެއެއްނު، އެހެންވެ އޭނާގެ މަރަށްފަހު އެކަމާ ގުޅިގެން އޭނާގެ ފަރާތުން ބަޔަކު ނާދޭ، އެ ހަނގުރާމަ ނިމުނުފަހުން އެނގުނީ މިޝަލް އިނީ ބަލިވެކަން، ދަރިފުޅު އުފަންކުރުމަށް މިޝަލް ތަކުލީފުތަކެއް އުފުލި، ނަސީބު އޭނާއަށް ފުރުޞަތު ނުދިނީ، ދުނިޔޭގެ ޤާނޫނާ ޚިލާފު ޢަމަލަށް ފުރުޞަތުނެތީ، މީކާޢިލްއަކީ ޖިންނިއަކަށްވާއިރު އިންސާނަކާ ގުޅިގެން އުޅުމަކީ ފަސޭހަކަމަކަށްނުވީ، މިޝަލްގެ ފުރާނަ ދުއްވާލި މީހަކީ މަނިކު، އެމީހުންގެ ތެރޭގައި ހުރި ނުބައި ނުލަފާ ސިހުރުވެރިއެއް، އޭނާ ހިތުން އުޅުނީ މީކާޢިލް ކިޔަމަން ކުރަން، އޭނާއަށް އަޅުވަތިކުރަން، އަހަރެން ޤަބޫލުކުރަން އޭނާއަށް އަހަރެމެންނަށް ގޯނާ ކުރާނޭ ޢިލްމު ލިބިފައި ހުރިކަން، މިޝަލް އެފަދަ ގުރުބާނީއެއްނުވިނަމަ މީކާޢިލް ސަލާމަތެއްނުވާނެ، އެހެންވިނަމަ ދަރިފުޅަށް ވާނޭ ގޮތެއް ވެސް ނޭނގެ... މިޝަލްއާ އޭނާއާއެކު އުޅުނު އިންސާނުންނަކީ ގޯސްބައެއްނޫން، އެކަމަކު މިޝަލްގެ ގާތް މީހުންނަށް ރޫފަސް އަނިޔާވެރިވި، އެ މީހުންގެ ތެރެއިން އިންސާނެއްގެ ފުރާނަ އޭނާ ގެންދިޔަ، މަނިކު ބެހެއްޓި އެތިފަހަރު ގޯހުން ގޯހަށް ދިޔައިރު މިޝަލްގެ ދުވަސް ހިނގައްޖެ، ހަމަބުއްދި ފިލައިފައި ތިބި މީކާޢިލްއާއި ބަލްޤިސްއަށް މިޝަލްގެ ވަކިވެދިއުމަށް ކެތްކުރަން ދަތިވީ، މަނިކުގެ ދުވަސް ދުއްވާލީ ބަލްޤިސް، އަހަންނާއި އައިޒަންގެ ކުރިމަތީ ހުރިހާކަމެއް ހިނގައިދިޔައީ، ދަރިފުޅު ގޮވައިގެން މީކާޢިލް އައީ އަހަރެމެންގެ ތެރެއަށް، ދަރިފުޅުގެ މަންމަދެކެ ބޮޑުދައިތަ ވަރަށް ލޯބިވާނެ، އިންސާނަކަށްވެ ހުރެ ޖިންނިއަކު ސަލާމަތްކުރީ، އެފަދަ މީހަކީ ނުބައިނުލަފާ މީހެކޭ ބުނެވިދާނެތަ... ލޯތްބަކީ ނަޖިސްއެއްޗެއްނޫން" ޒިޔަޒެލް ކުރިއަށް ޖެހިލައި އީޝަލްއަށް ދެއަތް ދިއްކޮށްލިއެވެ. އެއާއެކު އެ ދެއަތުގެ ތެރެއަށް އީޝަލްގެ އަތްތިލަ ލައްވާލިއެވެ.

"މަންމައަކީ އިންސާނެއްވީމަތަ އަޅުގަނޑުގެ ބާރެއްނެތީ، އެހެންވެތަ އަޅުގަނޑު ގެއިން ބޭރުގައި ރޭގަނޑު ނޫޅެން އެންމެން ބުނަނީ" އީޝަލް އަހާލިއެވެ. އޭނާގެ ދެއަތުގައި ހިފާލައިގެން އިން ޒިޔަޒެލް ލުއިހިނިތުންވުމެއް ދިނެވެ.

"ކާކުބުނީ އީޝަލްގެ މަންމައަކީ އިންސާނަކަށްވީމައޭ ބާރެއްނެތީ، މަގޭ ދަރިފުޅާ... ބާރަކީ އެކަމުގެ ޢިލްމު ލިބުމުން އަށަގަންނަ އެއްޗެއް، އިންސާނަކަށް މި ގަހުގެ ތެރެއަށް ވަދެވިދާނެތަ، އަހަރެމެންގެ ތެރޭގައި އުޅޭ ޖިންނީން ފެނި އެ މީހުންނާ ވާހަކަދެއްކިދާނެތަ، އިންސާނަކަށް ވައިގެ ތެރޭ ދަތުރުކުރެވިދާނެތަ... މި ކިޔައިދިނީ މިހާރު ވެސް އީޝަލްއަށް ކުރެވޭ ބައެއްކަންތައްތަކުގެ ވާހަކަ، އެހެންވީމަ ކޮބާތަ އީޝަލް ބަލިކަށިވެފައި، އީޝަލް... އަމިއްލަ ނަފްސަށް ފާޑުކިޔައި ތިމާގެ ހުންނަ އުނި ސިފަތަކާމެދު ކަންބޮޑުވެ އެކަމުގައި ވަގުތު ބޭކާރުނުކުރޭ، އެކަކު ވެސް އެންމެ ފުރިހަމައެއްނުވާނެ، ތީ އަހަރެމެންގެ ތެރޭގައި ހުރި ޚާއްޞަ ކުއްޖެއް، ކަލޭގެ އެދުރަކީ އަހަންނާއި މީކާޢިލް، ވީއިރު އާދައިގެ ޖިންނިއަކަށް ތިކުއްޖާފުޅުނުވާނޭކަން ޤަބޫލުކުރޭ، ރަށުތެރޭން އިވޭ އަޑުތަކާމެދު އެއްގޮތަކަށް ވެސް ކަންބޮޑުވާނޭކަމެއްނޫން، ތަފާތުވުމަކީ ބައެއް ޖިންނީންނަށް ބަލައިގަންނަން އުނދަގޫކަމެއް، އެމީހުން އިސްކަން ދޭނީ ހަމައެކަނި އެމީހުންގެ ނަސްލުގެ ޖިންނީނަން، އެފަދަ ޖިންނީން އެ މީހުންގެ ގޮތުގައި ހިފަހައްޓާނެ، މަސްހުނިވުމަކީ އެއްގޮތަކަށް ވެސް އެބައިމީހުން ޤަބޫލުވާނޭކަމެއްނޫން" ޒިޔަޒެލް އެންމެ ފަހުން އެ ދެއްކި ވާހަކަތަކާމެދު އީޝަލްއަށް މާބޮޑަށް ވިސްނާލެވުނެވެ. ރައުލްއަކީ ޒިޔަޒެލް އެބުނާ ފަދަ ގޮތްދޫނުކުރާ ޖިންނިއެކޭ އީޝަލްގެ ހިތަށް އެރީ އެވަގުތެވެ.

"އަހަރެން މި ވާހަކަތައް ކިޔައިދިނުމުން މީކާޢިލް ހިތްހަމަޖެހޭނެކަމެއް ނޭނގެ، އެކަމަކު ދަރިފުޅަށް މަންމައާ ބެހޭގޮތުން އެނގެންވެއްޖެކަން އަހަރެން ޤަބޫލުކުރަން، އަހަރެމެންގެ ތެރޭގައި އުޅުމަށްވުރެ ނުރައްކާތެރިކަން ބޮޑު އިންސާނުންގެ ތެރޭގައި އުޅެން، އީޝަލް، އެ މީހުންގެ ތެރެއަށް ދާކަށް އަދި ކަލޭ އެއްވެސް ވަރަކަށް ތައްޔާރެއްނޫން، މަންމަގެ ވާހަކަތައް ކުއްޖަފުޅަށް ކިޔައިދޭން މީކާޢިލް ފަސްޖެހެނީ އެހެންވެގެން" ޒިޔަޒެލް ބުންޏެވެ.

"ކަންބޮޑުނުވޭ ޒިޔަޒެލް، އަހަރެން އެވަރުގެ މޮޔަކަމެއްނުކުރާނަން، އަދި އެ މީހުންގެ ތެރެއަށް ދިއުމުގެ ޝައުގެއްނެތް" އީޝަލް ބުންޏެވެ.

(ނުނިމޭ)