ވާހަކަ

ބޭނުންވަނީ ޔާރާ

(19 ޑިސެމްބަރ 2018 އާ ގުޅޭ) -- ދާއިންގެ އަތުގައި އޮތް ސިޓީ އުރަ ކަނޑާލިއެވެ. އޭގައި ލިޔެފައިވި ޖުމްލަތަކަށް ނަޒަރު ހިންގާލިއެވެ. އެއީ އިނގިރޭސި ބަހުން ލިޔެފައިވާ ލޯބީގެ ސިޓީއެކެވެ. ދާއިންއަށް އެފަދަ ލޯބީގެ ސިޓީތައް ލިބިފައިވަނީ އޭނަ ޔުނިވާރސިޓީގައި އުޅުނު ދުވަސްވަރުއެވެ. ދާއިން ގޮނޑީގައި ހަމަޖެހިލަމުން އެސިޓީ ކިޔަންފެއްޓިއެވެ. މިނޫނީ ދާއިން އެސިޓީތަކެއް ނުކިޔައެވެ. އެއީ ކާކު ފޮނުވާ ސިޓީއެއްކަން ނޭގުމާއި އަދި އެސިޓީގެ ބަސްތަކަށް ދާއިން އަވަސް ނަޒަރެއް ދިނުމުން އެއީ ލޯބީގެ ސިޓީއެއްކަން އެނގުނު ދުވަހުން ފެށިގެން އެކިއުމުގެ ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އެހެންނަމަވެސް މިރޭ އޭނަގެ ހިތަށް އެސިޓީތައް ކިޔާލުމުގެ ހިޔާލުވަނީ ކީއްވެކަމެއް ނޭގެއެވެ.

"އެންމެ ފުރަތަމަ ކަލާ ފެނުނު ދުވަހުވެސް ހީވިއެވެ. އަހަރެންގެ ވަށައިގެން އިވެމުންދިޔަ އަޑުތައްކެނޑި މުޅި ކާއިނާތުގެ ހިނގުންވެސް އެވަގުތުކޮޅަށް މަޑުޖެހުނުހެންނެވެ. އަހަރުމެން ދެމީހުންނަށް އަހަރުމެންގެ ހިތުގެ ހިނގުން އަޑުއިއްވާލުމަށެވެ. އެވަގުތުން ފެށިގެން އަހަރެންގެ ހިތަކީ އަހަރެންގެ ބާރު ފޯރާ އެއްޗެއް ނޫނެވެ. އޭ ފުރިހަމަ ވެގެންވާ އަހަރެންގެ ރާޖާއެވެ. ކަލާގެ ތިޔަ ގަދަ ޗޮކުލެޓު ކުލައިގެ ދެލޮލުން އަހަންނަށް ބަލާލާ ކޮންމެ ފަހަރަކު، ތިޔަ ދެފައިތިލާގައި ބޮސްދީ އާދޭސް ކުރަން ބޭނުންވެއެވެ. އެހެނީ ތިޔަ ބާރުގަދަ ދެއަތުގެ ތެރެއަށް އަހަރެން ލާދިނުމަށް އެދިއެވެ.، ހާދަ ދުވަހަކު މިހުތުގައި ކަލާއަށްޓަކައި ލޯބި ފޮރުވައިގެން ހުރެފީމެވެ. އެކަމަކު ދެން އިތުރަށް އެންމެ ދުވަހެއް ކީއްކުރަން އެންމެ ފަޅި ސިކުންތަކަށްވެސް މިހިތަށް ކެތެއްނުކުރެވޭނެއެވެ. އެތަކެއް ހާސް ކިލޯމީޓަރެއްގެ ދުރުގައި ކަލާވިޔަސް ތިޔަ ދޭ ރީތި ހިނިތުންވުން އަހަންނަށް އޮޅުވައެއް ނުލެވޭނެއެވެ. ތިރީތި ސޫރަ ވަނީ މިހިތުގައި ކަނޑާނެގިފައެވެ. މުޅި އުމުރަށެވެ." ދާއިން ސިޓީ ކިޔަމުން ދިޔަވަރަކަށް ކުޑަކޮށް ހިނިވެސް އާދެއެވެ. އޭނަ ސިޓީއަކަށްފަހު ސިޓީއެއް ކިޔަމުން ދިޔައީ ނުހަނު ޝައުގުވެރިކަމާއިއެކުއެވެ. ލޯބީގެ ވާހަކަތަކަށް ޝައުގުވެރިނުވާނެ މީހެއްނުހުންނާނެކަން ގައިމެވެ. އެސިޓީތަކުގައި ލިޔެފައިވާ ފަށުވި އިބާރާތްތައް އެހާވެސް ފުރިހަމައެވެ.

"ދާއިން، އަހަރެންގެ ހިތުގެ ހަމަޖެހުމާއެވެ. އަހަންނަކީ ސިކުނޑި ހަމަނުޖެހޭ މޮޔެއެއް ނޫނެވެ. އަހަންނަށް ލޯބިވެވުނީއެވެ. މި ސިޓީތަކުގެ އެހީގައި އަހަރެންގެ ހިތުގެ ހާލު ދާއިންއަށް އަންގާލެވުމުން ކުޑަނަމަވެސް ހަމަޖެހުމެއް ހިތަށް ލިބެއެވެ. އަހަންނާއި އެކު ދާއިންނުވިއެއްކަމަކު ތިމޫނު ފެންނަ ކޮންމެދުވަހަކު އަހަރެންގެ ހިތް ބަހާރު މޫސުމުގެ މަލެއްހެން ފޮޅި ތާޒާވެލައެވެ. އަހަރެން އިންތިޒާރު ކުރަމެވެ. ކާލާޔާ ބައްދަލުވާނެ ދުވަހަކަށެވެ. ކަލާގެ ފަރާތުން އަހަންނަށް ލޯބިލިބޭނެ ދުވަހަކަށެވެ. ގައިމުވެސް އެދުވަހުން އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާޞިލްވީފަދައެވެ. ކަލާ ދެކެ އަބަދުގެ އަބަދަށް ބަދަލުވުމެއްނެތި ލޯބިވާ އޭންޖެލް........" ދާއިން އެހެން ސިޓީއެއް ކިޔާލިއެވެ. ކޮންމެ ސިޓީއެއްގައިވެސް ހަމަ އެއްނަމަކެވެ.

"އޭންޖެލް......ހެ ހެ ހެ......." މިނަން ކިޔާ ކުއްޖެއް ނުހުންނާނެކަން ގައިމެވެ. ބަސްމަގު ހުރި ގޮތުންނާއި އޭނަ އަހަންނަށް އެމުހާތަނުކުރާ ގޮތުން އެއީ އަންހެން ކުއްޖެއްކަން ޔަގީނެވެ. އެކަމަކު އޭނަ އެކުރަނީ މޮޔަ ހިޔާލެކެވެ. އަހަރެން އޭނަދެކެ ލޯބިވާނީ ކިހެއްޔެވެ. އަހަރެން ލޯބިވަނީ އެހެން އަންހެން ކުއްޖެއް ދެކެއެވެ. އޭންޖެލް އަހަރެންދެކެ ތިވަރަށް ލޯބިވާންވީ ކީއްވެހެއްޔެވެ. އަހަންނަށް ހަމައެކަނި އޭންޖެލްއަށް ބަލާލެވުމުންހެއްޔެވެ. ތީ މޮޔަ ކުއްޖެއް......އެކަމަކު ލޯބި، އަހަރެން ލޯބި އެނަމަށް ވަރަށް ގަދަރުކުރަން، ވީއިރު އެއަންހެން ކުއްޖާގެ ވާހަކައިންވެސް އިނގޭ އޭނަވެސް ވަރަށް ލޯބިވާކަން، ދެން އަހަރެން ހަދަންވީ ކިހިނެތްބާއެވެ. މިކަންތައް މާމައްޗަށް ނުދަނިސް މީ ޒާރާގެ ރޭވުމެއްތޯ އޭނަ އާއި ސުވާލުކުރަންވީބާއެވެ. މިފަދަ ސަކަރާތަކީ މަޖަލަށް ކުރާވަރުގެ ކަންތައްތަކެއް ނޫނެވެ. މިސިޓީ އަކީ ޒާރާ ލިޔާ ސިޓީއަކަށް ނުވެއްޖެނަމަ ދެން އަހަރެން ހަދާނީ ކިހިނެތްހެއްޔެވެ. އެހެންވެއްޖެ ނަމަ ޒާރާ އަހަންނާ ވަރަށް ސުވާލުކުރާނެއެވެ. މިސިޓީތަކުގެ އަސްލު ހޯދަން އޭނަ ބޭނުންވާނެއެވެ.

ދާއިންގެ ސިކުނޑީގައި އުފެދެން ފެށި ތަފާތު ސުވާލުތަކަށް އޭނައަށް ޖަވާބުދޭކަށް ނޭގުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަގެ ނިންމުމަކަށް ބަދަލެއް ނާންނާނެއެވެ. ދާއިންއަށްވެސް ހަގީގީ ލޯބިވަނީ ވެވިއެވެ. އޭނަގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އެއަންހެން ކުއްޖާދެކެ އޭނަ ލޯބިވެއެވެ. ކިތަންމެ ކުޑަ ކުޑަ ކަމަކާއި ގުޅިގެންވެސް ދާއިންއާއިމެދު ޝައްކު ކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ވޭތުކުރަމުން ދަނީ އުފާވެރި ހަޔާތެކެވެ.

އަދިވެސް އެއްފަހަރު ދާއިންއަށް ކިޔަމުންދިޔަ ސިޓީގައި ވަސްގަނެވުނެވެ. ދުވާ މަޑުމަޑު މީރުވަހުން ސިކުނޑި މަސްތުކުރުވާހާވެއެވެ. ހަމަ ކޮންމެ ސިޓީއަކުން އެވަސް ދުވައެވެ. އެވަހަކީ ދާއިންއަށް ހިތްގައިމުވަހެކެވެ. އެސިޓީތައް ކިޔާލުމުން އޭގައި ކިޔާހިތްވާ ގޮތެއް ހުރެއެވެ. އެހެންނަމަވެސް ލޯބި.........ލޯބިވާނީ ކިހިނެތްހެއްޔެވެ.

* * * * *

ރޭގަނޑުގެ ނިދިން މަހްރޫމް ވެފައި މަންހާ އެނދުގައި ފުރޮޅިލަ ފުރޮލިއޮތެވެ. ހަވީރު ގާތް ރަޙުމަތްތެރިންނާއި އެކު ބޭރަށް ނުކުމެވުނަތީ ދާއިން މެންގޭ ކުރިމަތިން ދެތިން ފަހަރު ކުރި ކަނޑާލިއެވެ. ދާއިންގެ ކާރު އެގޭ ދޮށުގައި އޮތުމުން އޭނަ ގޭގައި އެބައުޅޭކަން އެނގި މަންހާގެ ހިތްއަވަސްވިއެވެ. އެހެންނަމަވެސް ދާއިން ދެކެލުމުގެ ނަސީބެއް އަދި އޭނައަކަށް ނުލިބެއެވެ. މަންހާއަށް މިހާރު އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އެދެވެނީ ދާއިން އާއިއެކުވުމަށެވެ. އޭނަގެ ހިތުގެ ދުޢާއަކީވެސް އެއީއެވެ. ކޮންމެވެސް ދުވަހަކުން އޭނައަކީ ދާއިންގެ މީހަކަށްވުމަށެވެ.

ފަތިސް ނަމާދަށް ގޮވަން ހަފްސާ އައިއިރުވެސް މަންހާއަށް ނިންޖަކަށް ވާކަހަލަގެ ނިންޖެއް ނުލިބުނެވެ. އެއަށްވުރެ އޭނަގެ ސިކުނޑިވަނީ ފިކުރުތަކުން ފުރިބާރުވެފައެވެ. ވަސީމާގެ އަޑާއިއެކު މަންހާ އެނދުންތެދުވެ ފަތިސް ނަމާދަށް ތައްޔާރުވިއެވެ.

އާދުވަހަށް އިރުއަރައިގެން އައިއިރު މަންހާގެ ހިތުގެ ހާލު ރަނގަޅެއްނޫނެވެ. ކުރިއަށް އޮތް ބޮޑު ޗުއްޓީއަކީ އޭނަ އާއި ދާއިންއާއި ދެމެދަށް އެޅުނު ކަޅު ހިޏަންޔަކަށްވެގެން ދިޔައެވެ. މަންހާ މިހާރު ބޭނުންވަނީ އަވަހަށް ސްކޫލްގެ ކިޔެވުންފެށޭށެވެ. ބަންދުދުވަހެއް މަންހާ ބޭނުމެއްނޫނެއެވެ. އޭނަގެ ކޮޓަރިން ނުކުމެ ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. އެތަނުގައި އޭނަ ހުއްޓާ ސިއްސުވާލީ ޝީމާދުއެވެ.

"ކިހިނެތްވެފަ މަންކޮ ތިހިރީ؟ ސައިބޯން ނުދާނަންތަ ތިރިއަކަށް؟" ޝިމާދު މަންހާގެ ކައިރިއަށް އައިސް ބެލްކަނީގައި އަތްއަޅުވާލިއެވެ.

"ކަމެއްނުވޭ، އިރުކޮޅަކުން ދާނަން...." މަންހާ ޝިމާދުއަށް ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ޝިމާދުވެސް ހިނިތުންވެލީއެވެ. އޭނައަށް މަންހާއަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މާބޮޑަށް ބަސްމަދުވެފަ ބައެއް ފަހަރު އަމިއްލަ ހިޔާލީ ދުނިޏެއެއްގައި އުޅޭހެން ހީވެއެވެ. ކުރިން މަންހާ އަންނަ ވަރަށް މިހާރު ޝިމާދުގެ ކޮޓަރިއަކަށްވެސް ނާދެއެވެ. އެހެންނޫނީ ޝިމާދު އަތުން ފިލްމެއް ބޭނުންވެގެން ނޫނީ އޭނަ އާއިއެކު ދުއްވާލަން ދާން ބޭނުންވެގެން މަންހާ އަންނާނެއެވެ. ވެދާނެއެވެ. މަންހާވެސް މިހާރު ބޮޑު ކުއްޖަކަށްވަނީއެވެ. ޅަހިޔާލުތައް ދޫކޮއްލާ ހަރުދަނާވާން މަސައްކަތް ކުރަނީކަންނޭގެއެވެ. ޝިމާދުގެ ހިތަށް ވަރަށް ގިނަ އެއްޗެހި އެރިއެވެ. އެހެންނަމަވެސް އޭނައަށް ކުރެވޭނެ ކަމެއް ނެތެވެ. އެސުވާލުތައް މަންހާއާއި ކުރިޔަސް ވާނީ ބޭކާރު ކަމަކަށެވެ. އޭނަ އަކަށް މަންހާ ނުކިޔާދޭނެއެވެ. ކޮންމެ ގޮތެއްވިޔަސް މަންހާ ކަމަކާ ދެރަވަންޏާ އެކަމާ ޝިމާދުވެސް ވަރަށް ދެރަވާނެއެވެ.

"ތިއްތޭއަށް ރޭގަ ދޮންބެ ގުޅީމޭ، ވަރަށް އުފާވެފަ ހުރީ، ރޭގަ އޮންލައިން ވެސް ވީމޯ، އެކަމަކު މަންކޮއާއި ދިމާނުވީމަ ދިޔައީ އޯ" ޝިމާދު ޝަރަފުގެ ވާހަކަ ދައްކަންފެށީ މަންހާގެ އެމަޑުމައިތިރިކަމަށް ބަދަލެއް ގެނައުމަށެވެ.

"ތިއްތޭ އަންނަނީ ކޮންއިރަކުން" މަންހާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

"އައި މިސް ހިމް ސޯމަޗް............އައި ރިއަލީ މިސް ހިމް" މަންހާގެ ބަސްތަކުގައި ފޮރުވިފައިވާ މާނައެއް ވިއެވެ. ހަގީގަތީ އޭނަގެ ދުލުން އެހެން ބުނިއެއްކަމަކު އޭނަ އެއުޅެނީ ދާއިން ހަނދާންވާވަރުންނެވެ. އަދި މަންހާ އެހެން ބުނެލިއިރު އެއަޑުގައިވާ މާޔޫސްކަން ޝިމާދުއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. މަންހާއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޝިމާދުއަށް ޔަގީނެވެ. އެކަމަކު މަންހާއަށްވަނީ ކީއްހެއްޔެވެ. އޭނަގެ ކިޔެވުމަކަށް ބަދަލެއް ނާދެއެވެ. މިފަހަރުވެސް ރަންވަނަތަކެއް ހާޞިލްކޮއްފިއެވެ. ދެން އޭނަ ހާސްވެ ކަންބޮޑުވަނީ ކޮންކަމަކާ ބާއެވެ. އަނެއްކާ އެއީ ގާރލްސް އިޝޫއެއް ބާއެވެ. ޝިމާދު ހިތައް އެރި އެއްޗެހިން ބޮލުގައި އަތްހާކާލެވުނެވެ.

"ހިނގާ ތިއްތޭ ކައިރިއަށް އަހަރުމެން ދަމާ........" ޝިމާދު ހިޔާލު ދިނެވެ.

"ކިހިނެތް؟ ބައްޕަ އާއި ދޮންބެއަށް މިހާލަސްވީމަ ޗުއްޓީއެއްވެސް ހަމައެއްނުޖެއްސޭނެއެއްނު" މަންހާ ޝިމާދުއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"އެހެންވީމަ މަންކޮ ދާންބޭނުން ދޯ، މަންކޮ އޯކޭ ދީފިއްޔާ އޮފީސް ހަމަޖައްސާލެވިދާނެ.........ބުނެބަލަ ދާހިތްވޭތަ" ޝިމާދު ހެވިލާފައި އަހާލިއެވެ. އޭނަގެ ހިތްބުނީ މަންހާ އުޅޭ މާހައުލު ކުޑަ ދުވަސްކޮޅަކަށްވިޔަސް ބަދަލު ކޮއްލަނިކޮށް މަންހާ ހަމައަކަށް އެޅިދާނެކަމަށެވެ. އެހިޔާލު ދިނުމުގެ އެންމެ ބޮޑު މަގަޞަދަކީވެސް އެއީއެވެ.

"ދެކުދިން ކޮންކަމަކާތަ ތިމަޝްވަރާ ކުރަނީ، މަންމަ ހާދަ ހޯދައިފީމޭ، ހުކުރު ދުވަހު މިއޮށް ހެދުނާ މިތާ ތިބޭނެ ކަމަކަށް ހިޔެއް ނުކުރަންވިއްޔަ" ޝިމާދު އާއި މަންހާގެ ފަހަތުން ވަސީމާގެ އަޑުއިވުނެވެ. އޭނަ ހުރީ ކޮންމެވެސް ވަރަކަށް ނޭވާ ކުރުވާގޮތްވެފައެވެ. ހީވަނީ ވަރަށް ބުރަކޮށް އުޅެލާފަ އައިހެންނެވެ.

"މި ހަމަ މިތާ ތިބީ ދޯ" ޝިމާދު ވާހަކަ ދެއްކިއެވެ. ވަސީމާ އައީ ޝިމާދުއަށް ކޮފީތަށި ހެދުނު ވާހަކަ ބުނަންށެވެ.

ޝިމާދު ވަސީމާ އާއި އެކު ދާން ހިނގައި ގަނެފަވެސް މަންހާ ދާން ނޫޅުމުން އޭނަ ގާތު އައުމަށް އެދުނެވެ. އެހެންނަމަވެސް މަންހާ ބަހަނާ ދައްކަން ފެށިއެވެ. މިފަހަރު ޝިމާދު ގަބޫލެއްނުކުރިއެވެ. އަދި މަންހާގެ އަތުގައި ހިފާ ދަމާލިއެވެ. މަންހާ އިތުރަށް ދެކޮޅުހަދާކަށް ނޫޅުނެވެ. ކަންނެތް ގޮތަކަށް ޝިމާދު އާއިއެކު ހިނގައިގަތެވެ.

ސޯފާގައި ކޮފީ ތަށި ހިފައިގެން ޝިމާދު އިށިންއިރު ސަޢީދުވެސް ކޮފީބޯން އިނެވެ. އެހެންނަމަވެސް މަންހާގެ އަތަށް ވަސީމާ ގެނެސް ދިއްކޮއްލީ ކިރުތައްޓެކެވެ. އެކަމާ މަންހާ ވަރަށް މައްސަލަޖެއްސިއެވެ. އޭނަވެސް ބޭނުންވަނީ ކޮފީ ބޯށެވެ.

"މަންމާ، މިފަހަރު ކިހިނެތްވާނީ އަހަރުމެން އެކޮޅަށް ޝަރަޕް ކައިރިއަށް ދިއުން، އޭރުން ޗުއްޓީވެސް ހޭދަކޮއްލެވުނީނު......މިހާރު ދެއަހަރު މިވީ ޗުއްޓީއަކަށް ތަނަކަށް ނުދާތާ" ޝިމާދުގެ ހިޔާލު މަންމަ އާއި ބައްޕަ އާއި ހިއްސާކޮއްލިއެވެ.

"ތެދެއް ވަސީމާ ކިހިނެތްވާނެ އެގޮތް، މަށަށް އެސޮރުދިން ހިޔާލު ވަރަށް ކަމުދޭ" ސަޢީދު ކޮފީތަށި ތުނބުގައި ޖަހަންއުޅެލާފަ ބުނެލިއެވެ.

"އަހަންނާ މަންހާއަށް ދެވިދާނެ، އެކަމަކު ކުރީބައިގަ ޗުއްޓީ ހަމަޖައްސަން އޮންނަނީ ތިދެބަފައިންނަށް، ދެން އަނެއްކާ ކޮންތާކު ގޮއްސަ ހުންނާނީވެސް........ޝަރަފްވެސް އަންނާނެ އެއްނު އަހަރުމެން ކައިރިއަށް ޗުއްޓީވީމަ" ވަސީމާގެ ނަޒަރުގައި އޭނައަށް ފާހަގަ ކުރެވުނު ކުދިކުދި މައްސަލަތައް ބުނެލިއެވެ.

"އަހަރެންގެ ޗުއްޓީ އޮންނާނެ، އެކަންތައް ހަމަ ޖައްސާލެވިދާނެ، ދަރިފުޅަށް ޗުއްޓީ ލިބޭނެތަ" ސަޢީދު ޝިމާދުއަށް ބަލާލަމުން އަހާލިއެވެ. ޝިމާދު އަވަސް އަވަހަށް ބޯޖަހާލިއެވެ.

"އެ ސޮރު އެބުނީ އެސޮރުގެ ޗުއްޓީވެސް ހަމަޖެހޭނެ ވާހަކަ، ދެން އޮތީ ހުންނާނެ ތަނެއްދޯ، އެކަންވެސް ހަމަޖެހޭނެ، މޫސަމެންގެ ދެމަފިރިން މެލޭޝިޔާއަށް ބަދަލުވިތާ އަދި ތިންމަސްވަނީ، މޫސަ އަންހެނުން ނާޒިޔާ ކިހާވަރަކަށް ކިޔަނީ ވަސީ ކައިރީ އެކޮޅަށް ބަދަލު ވާން، މީރަނގަޅު ފުރުޞަތެއްނު އެމީހުންގެ ގާތަށް ދާން، އެދެމަފިރިން އުފަލުން ހޭހުއްޓޭވަރުވާނެ ވަސީ ފެނިއްޖެޔާ......." ސަޢީދުމެން ދެމަފިރިންގެ ދުވަސްވީ ގާތް ރަޙުމަތްތެރިއާގެ ވާހަކަބުނެލިއެވެ.

"ހޫމް....ހޫމް، މަ އެއްގޮތަކަށްވެސް ހަދާނެއްނެތޭ އެމީހުން މެލޭޝިޔާއަށް ބަދަލުވިކަމެއް.......ނާޒިޔާއަކީ ވަރަށް ހެޔޮ އަންހެނެއް، އަނެއްކޮޅުން މޫސަވެސް އެއީ އެކަހަލަ މީހެއް، އެހެންވިޔަސް ސަޢީދު އެމީހުން ގާތު ކުރީބައިގަ ބުނަންވާނެއެއްނު.........." ވަސީމާ ބުނެލިއެވެ.

ޗުއްޓީގެ ވާހަކަ ދެކެވެމުން ދިޔައިރުވެސް މަންހާ އިނީ ހަމަބަހެއްވެސް ކިޔާނުލައެވެ. އޭނަ މާލެ ދޫކޮއްލާފަ ދާކަށް ބޭނުމެއްނޫނެވެ. އެކަމަކު ދާއިންގެ ހަނދާނުގައި އާވާރާވެގެން އުޅޭކަށްވެސް ބޭނުމެއްނޫނެވެ. އެހެންވެއްޖެ ނަމަ އޭނަ ބަލިވެދާނެއެވެ. އޭރުން މަންމަ އާއި ބައްޕަގެ ސުވާލުތަށް ކުރިމަތިވާނެކަން ޔަގީނެވެ. މަންހާއަށް އޭނަގެ ހިތުގެ އިޙްސާސްތައް އޮއްބާލައިގެން ހުރެވޭނީ ކިހާ ދުވަހަކު ބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ދުވަހަކުވެސް ދާއިން ލިބޭނެބާއޭ އޭނަގެ ހިތަށް އަރައެވެ.

* * * * *

"މަންމަ އެއުޅެނީ އަހަރުމެން މިސްވެގެން، ހާއްޞަކޮށް ދާއިން މަތިން ހަނދާންވާތީ.....ދެން ބުނެބަލަ ދާނަމޭ......ޕްލީޒް....ޕްލީޒް" ޒާރާ އާދޭސް ކުރަންފެށިއެވެ.

"ޒާ، އަހަރެންގެ ވޯކް ކުރާނީ ކާކު، އަދި ހަމަ މިފަށައިގަނެވުނީ، މިފަހަރު ނުދިޔަޔަސް މަންމައަށް އަންޑަސްޓޭންޑް ވާނެ، ޒާ ދާހިތްވަންޏާ އެކޮޅަށް ދިޔަޔަސް އެންމެ ރަނގަޅު........" ސައިބޯން އިން ދާއިން ބުނެލިއެވެ.

"މަންމަ ހިތްހަމައެއް ނުޖެހޭނެ ޒާ އެކަނި ދިޔާމަ........އެހެންނޫނަސް ދެމަފިރިން އެއްކޮނު ދާން ޖެހޭނީ......ލޯބި ނުދަންޏާ ޒާއެއްވެސް ނޫޅޭން ދާކަށް........." ޒާރާ ހިތްހަމަ ނުޖެހުނެވެ.

ދާއިން ސައިބޮއެ ނިމުނުއިރުވެސް ޒާރާއިނީ ހިތްހަމަ ނުޖެހި ވާހަކަ ނުދައްކަންށެވެ. އެހެންނަމަވެސް ދާއިންގެ ހިތަކަށް ކުޅަދާނައެއްނުވިއެވެ. ޒާރާ އިށީނދެގެން އިން ގޮނޑީގެ ފަހަތުގައި ހުއްޓިލަމުން ޒާރާގެ މޫނުގައި ދެއަތުން ހިފާ މައްޗަށް އުފުލާލިއެވެ. ދާއިންގެ މޫނު ފެންނަގޮތަށެވެ. ދާއިން އެރީތި ދޮން މޫނުގެ ނިތުގައި ބޮސްދިނެވެ.

"ދެން ތިހެން ނީނދެބަލަ، ޒާ ނިކަން އަހަންނަށް ހިނިތުންވުމެއް ދީބަލަ......" ދާއިން ޒާރާގެ ކޮނޑުގައި އޭނަގެ ދަތްދޮޅިއަޅުވާލަމުން ބުނެލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ޒާރާ ތެދުވެގެން ގޮސް ސޯފާގައި އިށީނދެ ކުރިމަތީ އިން ކުޑަ ބިއްލޫރި މޭޒުމަތީގައި އޮތް ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. އެވަރަކުން ދާއިން ދުލެއްނުކުރިއެވެ. އޭނައަށް ޒާރާ މަސަލަސްކުރާނެ ގޮތް ނިކަން ރަނގަޅަށް އެނގެއެވެ. އެހެނީ އިނދެގެން އަދި އަހަރުނުވިއެއްކަމަކު ދާއިން ޒާރާއާއި ރައްޓެހިވެގެން ތިންއަހަރު އުޅުނެވެ.

އެންމެ ފުރަތަމަ ދާއިންއަށް ޒާރާ ފެނުނުދުވަހަކީވެސް ވަރަށް އާދަޔާހިލާފު އަސަރުތަކެއް ކުރުވި ދުވަހަކެވެ. ފުރަތަމަ ނަޒަރުން ލޯބި ނުވެވުނެއްކަމަކު އަބަދުހެން ލޯމަތިން ފެންނަން ފެށުމުން އެރީތި ސޫރައަށް ލޯބި ކުރެވެން ފެށުނީއެވެ. ގިނަދުވަސްތަކެއް ނުވެ އެހިތުގައި އުފެދެމުންދިޔަ އީޙްސާސްތައް ވަރަށް ވެސް ފުން ޖަޒުބާތުން ފުރިގެންވި ލޯތްބަކަށް ބަދަލުވެގެން ދިޔައެވެ. ޒާރާއަކީ ދާއިން ދިރިހުރުމަށް ނޭފަތުން ބޭރުކޮއްލުމާއިއެކު އެތެރެހައްޓަށް ދަމާލާ ނޭވާއެވެ. ދުޅަހެޔޮ ސިއްޙަތަކަށްޓަކާ ދާއިންގެ ހަށިގަނޑަށް ބޭނުންވާ ކާނާއެވެ. ކިތަންމެ ބުރަކޮށް އުޅެފައި ގެއަށް އަޔަސް، ޒާރާގެ އެރީތި ދޮންމޫނު ފެނުމާއެކީ ދާއިންގެ ހުރިހާ ވަރުބަލި ކަމަކާއި ކަންނެތްކަމެއް ފިލުވާލައެވެ. ހިތަށާ ސިކުނޑިއަށް އެލިބޭ ހިތްހަމަޖެހުން ސިފަކޮއްދޭކަށް ދާއިންއަކަށް ނޭގެއެވެ. ދުނިޔެމަތީ އޭނަ އެންމެ ލޯބިވާ އަންހެން ކުއްޖަކީ އެއީއެވެ. އެލޯތްބަށް ދެގޮތެއްނުވާނޭ ޒާރާއެވެ.

ޒާރާގެ ގާތުގައި އިށިން ދާއިން މަޑުމަޑުން ޒާރާގެ ގައިގާ އަތްބީއްސާލަމުންދިޔައެވެ. އެއިން ކޮންމެ ފަހަރަކު ޒާރާގެ އެރީތި މަޑުފިޔާތޮށި ކުލައިގެ ތުންފަތުންހިތްހަމަނުޖެހުމުގެ އަޑެއް ލައްވާލުމާއިއެކު ދާއިންގެ އަތްފޮޅުވާލައެވެ. ދާއިންއަށް އެކަންތައްތައް ފާހަގަ ކުރެވޭ ކަމަކަށްނުވިއެވެ. އޭނަ ޒާރާގެ މަޑުމަޑު ކޯތާފަތުގައި ބޮސްދިނެވެ. އަދި ކަޅުރަތް ކުލައިގެ ހަތަރެސްކަން އެހެއްޖަހާފައިވާ ކަންފަތުލާ އެތީގައި އިނގިލި ހާކާލަމުން ކަންފަތު ފޫޅުގަނޑާ ކުޅެލިއެވެ. ޒާރާ ހޫ އަޅުވާލަމުން ތެދުވެގެން ނިކުތީ ސިޓިން ރޫމު ބެލްކަންޏަށެވެ. ހަވީރުގެ ގަޑިއަށް ވުމާއިއެކު މަގުމަތީ ވަރަށް މީހުންގިނަކަން ފާހަގަ ކުރެވެއެވެ. ޚާއްޞަގޮތެއްގައި ހުކުރު ދުވަހަށްވުމާއިއެކު ކުޑަކުދިންގޮވައިގެން އުޅޭމީހުން ގިނަކަން ފާހަގަވެއެވެ.

ދާއިން ޒާރާގެ ފަހަތުން އައިސް ބައްދާލިއެވެ. އަދި ބަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. ޒާރާއަށް ނުހީ ރުޅިމޫނު ދައްކައިގެން ހުންނާކަށް ކެތެއްނުވިއެވެ. އޭނަ ކުއްލިއަކަށް ތެޅިގަނެ ދާއިންގެ އަތުގެ ތެރޭން ދެމިގަންނަން މަސައްކަތްކުރަންފެށިއެވެ.

"ޕްލީޒް.....ދާން........ޕްލީޒް ދާން......ދާން......ގިލިގިލި ނުކޮއްޓަބަލަ......އައުޗް ބަނޑަށްވެސް އެބަތަދުވޭ މިހާރު........" ދާއިންގެ އަތުގެތެރޭ ހުރެ ހެމުން ނަށަމުންދިޔަ ޒާރާ ބުނަމުންދިޔައެވެ. ފަޒާގައި އެދެމަފިރިންގެ ހުނުމުގެ އަޑު ހަރުލަމުންދިޔައެވެ.

"އައި ލަވް ޔޫ......ސޯ މަޗް....." ދާއިން އާއި ދިމާލަށް ޒާރާ އަނބުރާލަމުން އޭނަގެ އުނަގަނޑުގެ ދެފަރާތުން ބެލްކަނީގައި ހިފަހައްޓާލަމުން ދާއިން ބުނެލިއެވެ. އޭރު ޒާރާގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ލޯތްބާ ކުލުނުން ފުރިގެންވި ދާއިންގެ ލޮލާ ލޯ އަމާޒުކޮއްލާކަށް ޒާރާއަކަށް ނުކެރުނެވެ. އެތުންފަތަށް ވެރިވެގެން ދިޔަ ރަކި ހިނިތުންވުމާއިއެކު ވަރަށް ލޯބިވެޔޭ ބުނެލިއެވެ.

"އަހަންނަށް އެނގޭ ޒާއަށް އަހަރެންދެކެ ރުޅިއައިސް ހިތްހަމަނުޖެހިގެން މާގިނައިރަކު ނުހުރެވޭނެކަން.......އެހެންނޫނަސް އަހަރެން ޒާ ބޭނުންވާކަމެއް ނުކޮއްދީއެއް ނުހުންނަމެއްނު....." ދާއިންގެ ޖުމްލަ ނުނިމެނިސް ޒާރާ ވާހަކަދެއްކިއެވެ.

"ސޯ، ތިބުނީ މަންމަމެން ކައިރިއަށް މެލޭޝިޔާއަށް ދާއިން ދާނަމޭ ދޯ" ޒާރާ އަވަސް އަވަހަށް ދާއިންއަށް ބަލާލަމުން އަހާލިއެވެ. ހިނިތުންވެލި ދާއިން ދެލޯމަރާލަމުން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

"އޯ.....ދާން........ހާދަ ރަނގަޅޭ........ވަރަށް އުފާވެއްޖެ......ލަވް ޔޫ" ޒާރާ އުފަލުންގޮސް ދާއިންގެ ގައިގާ އޮޅުލައިގަތެވެ. އަދި އެތަނަވަސް މޭގައި ބޮސްދޭންފެށިއެވެ.

"ޒާ.......މްމްމްމް.......އައިމް ފީލިންގ ދެޓް.......ޒާ.......ތިގޮތަށް މާބައިވަރު އުމްމަތައް ދެންޏާ ވާނެ ގޮތް އެނގެއެއްނު........" ދާއިން ލާނެތް ރާގަކަށް ޒާރާ ވަކިން ކައިރިކޮއްލަމުން ބުނެލިއެވެ.

"ވަރިހަމަ.........ޔޫ އަރ މައި ލަވިންގ ހަޒްބަންޑު އެއްނު.......ވާނެގޮތެއް ވެދާނެ އެއްނު.......ހެ ހެ ހެ ހެ ހެ...." ޒާރާވެސް ލާނެތް ގޮތަކަށް ޖަވާބު ދާރީވިއެވެ. (ނުނިމޭ)