ހަބަރު

ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކަށް އެލައިޑް އިންޝުއަރަންސް ހޮވިއްޖެ

މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކަށް އެލައިޑް އިންޝުއަރަންސް ހޮވިއްޖެ އެވެ.

ބްލޭޒަން ޕރޓ ލޓޑ އިން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހުގެ ރޭ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިޔަށްގެންދިޔަ ހަފްލާގައި ޖުމްލަ 3 އެވޯޑަކާއި އެކު އެލައިޑުން އެޝަރަފު ކަށަވަރުކޮށްފައި ވަނީ 2015 އިން 2017ގެ ނިޔަލަށް ވިޔަފާރީގެ ރޮނގުން ހޯދައިފައިވާ ކުރިއެރުންތަކާއި ތައާރަފުކޮށްފައިވާ އައު ހިދުމަތްތައް އަދި ކުންފުނީގެ ކޯރޕަރޭޓް ގަވަރނެންސްގެ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށެވެ.

އެ ހަފްލާގައި އެލައިޑް އިންޝުއަރަންސަށް ލިބިފައިވާ އެވޯޑުތަކަކީ އިނޮވޭޓިވް ބިިޒްނަސް އޮފް ދަ އިޔަރ 2018، އެކްސެލެންސީ އިން ފައިނޭންސް (އިންޝުއަރަންސް) އަދި ބިޒްނަސް އޮފް ދަ އިޔަރ 2018 އެވެ.

އެކުންފުނިން ހޯދި ކާމިޔާބީއާއި ބެހޭގޮތުން ބިޒްނަސް އެވޯޑުގެ ޖަޖުންގެ ޕެނަލްގައި މަސަތްކަތް ކުރެއްވި ބޭފުޅުންގެ ޖުމްލަ ބަސްފުޅެއްގެ ގޮތުގައި ވިދާޅުވީ ރާއްޖޭގެ ގިނަ ކުންފުނިތަކާއި އަޅާ ބަލާއިރު އެލައިޑަކީ ނިސްބަތުން ކުޑަ ކުންފުންޏެއް ކަމުގައިވީ ނަމަވެސް އެލައިޑުގެ މަސައްކަތްތައް ފާހަގަކުރެވެނީ އަބަދުވެސް ވަރަށް އީޖާދީ ކަންކަން ތައާރަފުކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އެވަގުތަކު އެންމެ އެކަށޭނެ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގައި ލިބިގެންދިޔަ އެވޯޑްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމީލް ވިދާޅުވީ އެލަައިޑްގެ 33 އަހަރުގެ ތާރީހުގައި މިއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށާއި، އެގޮތުން ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތްތަކެއް ފޯރުކޮށްދޭ ކާމިޔާބު ކުންފުންޏެއްގެ ޝަރަފު ލިބިގެންދިޔަ ދަނޑިވަޅުގައި އެލައިޑަށް އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ. އެގޮތުން އެލައިޑްގެ ޕޭރެންޓް ކުންފުނި އެސް.ޓީ.އޯ، ރާއްޖޭގެ ފައިނޭންސް ދާއިރާގެ ބެލެނިވެރިޔާ އެމް.އެމް.އޭ އަދި އެލައިޑުގެ ލޮބުވެތި ކަސްޓަމަރުންނާއި ޒުވާން ކުޅަދާނަ ޓީމްގެ ނަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެވޯޑު ހަފުލާއާއި ބެހޭގޮތުން އިވެންޓް އިންތިޒާމްކުރި ފަރާތްކަމުގައިވާ "ބްލޭޒަން ޕރޓ ލޓޑ"އިން ބުނެފައިވަނީ އެހަފުލާގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުން ގައުމުގެ ތަރައްގީއަށާއި އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އަގުވަޒަންކޮށް އެކަމަށް އިތުރަށް ބާރުދޭ ޕްލެޓްފޯމެއް އުފެއްދުން ކަމަށެވެ.