އެސްޕަންޔޯލްގެ މައްޗަށް، 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސްޕެނިޝް ލީގްގައި މިހާރު ދަމަހައްޓަމުން އަންނަ ބަލި ނުވުމުގެ ރެކޯޑްގައި އެތުލެޓިކޯ މެޑްރިޑް ރޭސް ކުރިއަށް ގެންގޮސްފި އެވެ.
މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ޑޮމިޏޭޓް ކުރާ ސްޕެނިޝް ލީގްގައި، މި ސީޒަންގައި އެންމެ ރަނގަޅު ޓްރެކެއްގައި ކުރިއަށް ދަނީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމު ލީގްގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ޑޮމެސްޓިކް ސީޒަންގެ ތިން ވަނަ މެޗުގައި ސެލްޓެ ޑެވިގޯ އަތުން 2-0 ންނެވެ. އޭގެ ފަހުން ލިވަޕޫލުން ލީގްގައި ބަލި ނުވެ ރަނަގަޅު ޓްރެކެއްގައި ދަނީ ދަމަހައްޓަމުންނެވެ. އެއީ މި ސީޒަންގައި ސްޕެނިޝް ފުޓްބޯޅައިގައި ދަމަހައްޓަމުން އަންނަ އެންމެ ރަނގަޅު ރޭހެވެ.
އޭގެ ފަހުން ލީގްގައި އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މުހިންމު މެޗުތަކުގައި އެ ޓީމު އަތުން ތިން ޕޮއިންޓް ދޫވެފައި ވަނީ ލީޑް ނަގާފައި ވަނިކޮށް އެންމެ ފަހު މިނެޓްގައި ބައިކޮޅަށް ވަންނަ ލަނޑުންނެވެ.
ބާސެލޯނާގެ ފަހަތުުން، ތިން ޕޮއިންޓްގެ ފަރަގަކާއެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް، ރޭ އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ.
ބާސެލޯނާ، ސެލްޓެ ޑެވިގޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އެ ޓީމު ވަނީ އެއް ވަނައިގައި ހިފަހައްޓާފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އުސްމާން ޑެމްބެލޭ އާއި ލިއޮނަލް މެސީ އެވެ.