ދުނިޔެ

އިންޑިއާގައި ކޮމްޕިޔުޓަރުތައް މޮނިޓާ ކުރަން ބާރުދިނުމުން މޯދީއަށް ފާޑުކިޔުން

Dec 23, 2018
1

ނިއުދިއްލީ (ޑިސެމްބަރު 23) - އިންޑިއާގައި ބޭނުންކުރާ ހުރިހާ ކޮމްޕިޔުޓަރުތައް، މޮނިޓާކޮށް މައުލޫމާތު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ދޭން ނިންމުމުން، ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ދައުލަތުގެ 10 އިދާރާއަކަށް، ގައުމުގައި ބޭނުންކުރާ ހުރިހާ ކޮމްޕިޔުޓަރުތަކާއި ނެޓްވާކުތައް މޮނިޓަރުކޮށް، ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު އެއްކުރުމުގެ ބޮޑެތި ބާރުތަކެއް ދީފަ އެވެ.

އެކަމާއި ގުޅިގެން، އިންޑިއާގައި "ޕޮލިސް ސްޓޭޓެއް" ގާއިމުކުރަން މޯދީ މަސައްކަތް ކުރައްވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަދި މޯދީއަކީ "ޑިކްޓޭޓަރެއް" ގެ ގޮތުގައި، ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ ސިފަކުރައްވައިފަ އެވެ.

ނަމަވެސް، އެކަމުގެ ދިފާއުގައި ސަރުކާރުން ބުނީ، އެ ބާރުތަކުގެ ސަބަބުން، ޓެރަރިސްޓުން ހުއްޓުވުމުގެ މަސައްކަތަށް ބޮޑެތި ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ހައްގުތަކަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކުންވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ބާރުތަކާއެކު، އާންމުންގެ މިނިވަންކަން ގެއްލޭއިރު، ސަރުކާރަށް ފާޑުކިޔާ މީހުންނާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ދޮރު ހުޅުވިގެންދާނެކަމަށް ވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.