އެފްއޭއެމް

އޭއެފްސީ ތާއީދު އެބަ އޮތް، ރާއްޖެއަށް ފިޔަވަޅެއް ނާޅާނެ: މިނިސްޓަރު މަހުލޫފް

"ފެކްޓް ފައިންޑިން ކޮމިޓީ" އަށް އޭއެފްސީގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި، އެ މަސައްކަތުގެ ސަބަބުން ފީފާ އާއި އޭއެފްސީގެ ފިޔަވަޅެއް ރާއްޖެއާ ދެކޮޅަށް ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރު އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން މަހްލޫފް ކޮމިޓީއެއް އެކުލަވާލުމުން، އެފްއޭއެމްގެ ފަރާތުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނެ އެވެ. އެފްއޭއެމުން އެކަމަށް ރިއާޔަތް ކުރުމުން އޭއެފްސީން ވަނީ ރާއްޖޭގެ ހާލަތާ މެދު ކައިރިން ފާރަވެރިވާނެ ކަމަށް ބުނެފަ އެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި އުފެދުނު މައްސަލަތަކާއެކު މަހްލޫފް ވަނީ އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީއާ އިއްޔަ ބައްދަލު ކުރައްވާފަ އެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި ބައްދަލުވުމަށް ފަހު، މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފަށާފައިވާ މަސައްކަތް ފީފާ އާއި އޭއެފްސީގެ އުސޫލުތަކާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސްއަށް އަރުވާފައިވާނެ ކަމަށެވެ. އެ ޓްވީޓާ ގުޅިގެން އަވަސް އިން އިތުރަށް ސުވާލު ކުރުމުން ވަޒީރު ވިދާޅުވީ، މަސައްކަތާ މެދު އޭއެފްސީގެ ރައީސް ޝައިހް ސަލްމާންގެ ފަރާތުން އިޖާބީ ޖާވާބެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު ފަށާފައިވާ މަސައްކަތުގެ ވާހަކަ ވިދާޅުވީމަ، އޭއެފްސީގެ ރައީސްވެސް އެކަން ނެންގެވީ ވަރަށް ޕޮޒެޓިވްކޮށް، އަޅުގަނޑު ދެންނެވިން އެފްއޭއެމްގެ ތެރެއަށް އަތްބާނައި ވަކިގޮތަކަށް ހަދަން މަސައްކަތް ނުކުރާ ކަމަށް، އަދި އަޅުގަނޑުގެ މަސައްކަތް ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ލިމިޓޭޝަން ތެރޭގައި ކަމަށް ދެންނެވިން،" އަވަސްއިން ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ. "އެފްއޭއެމް އާއި ފުޓްބޯޅައަށް މިދިޔަ އަހަރުވެސް ދައުލަތުން 100 މިލިއަނާ ގާތް ކުރާ އަދަދަކަށް ވަނީ ހަރަދު ކޮށްފަ، އެފްއޭއެމްގެ އެންމެ ބޮޑު ސްޕޮންސާއަކީ ސަރުކާރު، ސަރުކާރުން މިހާބައިވަރު ހޭދަ ކުރާއިރު ފުޓްބޯޅަ ދަނީ ކުރިއަށްތޯ ނުވަތަ ފަހަތަށް ތޯ ދެނެގަތުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވޭ، އޭގެތެރެއިން އެއްކަންތައް އެއީ ރާއްޖޭގެ ކުލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުން."

"އަޅުގަނޑުވެސް ގަބޫލު ކުރަން، އެފްއޭއެމްގެ ވަކިކަމެއް ވަކިގޮތަކަށް ގެންދިއުމަށް ސަރުކާރު ބޭނުންވާ ގޮތަކަށް ގެންދާން ސަރުކާރުން އަންގަންޏާ، ފީފާއިން އޭއެފްސީން ފިޔަވަޅު އަޅާނެ، އެއީ އޭއެފްސީ އާއި ފީފާގެ ލިމިޓޭޝަނުން ބޭރުވީ، މި މަސައްކަތުގައި އެހިސާބަށް ނުދާނެ."

މަހްލޫފް ވިދާޅުވީ މިއަދުވެސް، އޭއެފްސީގެ ރައީސް އާ ބައްދަލު ކުރައްވާނެ ކަަމަށެވެ. މިދިޔަ ހުކުރު ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ އާ ބައްދަލު ކޮށްފަ އެވެ.

ބައްސާމް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވެފައި ވަނީ އިންފެންޓިނޯ އާއެކު ގިނަ ވަގުތަތަކަށް ދެމިގެން ދިޔަ ކާމިޔާބު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. މިނިސްޓަރު މަހްލޫފް މިއަދު އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފީފާގެ ރައީސް އާއެކު، ބޭއްވި ބައްދަލުވުމުގައި، ބައްސާމް ވަނީ، އިންފެންޓިނޯ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރެއްވުމަށް ދައުވަތު ދީފަ އެވެ. އަދި އިންފެންޓިނޯވެސް ވަނީ ބައްސާމް ދެއްވި ދައުވަތު ގަބޫލު ކުރައްވާފަ އެވެ. ނަމަވެސް، ފީފާގެ ރައީސް މާލެ ވަޑައިގަންނަވާނެ ވަގުތެއް ހާމަކޮށްފައެއް ނުވެ އެވެ. އޭގެ އިތުރުން ފީފާގެ ކައުންސިލަށް ހޮވުމަށް އެފްއޭއެމްއިން އޭއެފްސީގެ ކޮންގްރެސްއަށް ނަން ފޮނުވާފައިވާ މަރްޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އިންފެންޓިނޯގެ އެއްބާރުލުން ދެއްވުމަށް އެދިފައި ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ލަފާ ކުރެވޭ ގޮތުގައި، މިހާރު އެފްއޭއެމް އާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ އާ ދެމެދު އުފެދިފައިވާ ކޯޅުންތަކުގެ މައުލޫމާތު ބައްސާމް، އިންފެޓިނޯ އާ ހިއްސާ ކުރައްވާނެ އެވެ. އެދި އެކަމުގައި އެފްއޭއެމްގެ ހިމާޔަތުގައި ފީފާ އޮތުމަށްވެސް އެދިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ފެންނަ މަންޒަރަށް ބަލާއިރު، އޭއެފްސީގެ ރައީސް އާ ރާއްޖޭގެ ފުޓްބޯޅަ އިދާރާއާ ދެމެދު މިހާރު އޮތް ގުޅުން ކުޑަ އެވެ. އެއީ ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި އޭޝިއާގެ ހުޅަނގާއި ދެކުނުގެ ފުޓްބޯޅަ ޖަމްއިއްޔާ 'ސުވާފް' ގައި ރާއްޖެ ބައިވެރި ވުމުންނެވެ. ސުވާފުގައި ބައިވެރިވި ގައުމުތަކަށް ފުރަތަމަ ސަލްމާން ރުހުން ދެއްވި އެވެ. އެހެންނަމަވެސް މައްސަލަ ގޯސްވީ އަންނަ އަހަރު ބާއްވާ އޭއެފްސީގެ އިންތިހާބުގައި ސަލްމާން އާ ވާދަ ކުރައްވާނެ ކަމަށް ސުވާފުގެ ރައީސް ސައުދީ އަރަބިއްޔާގެ އަދީލް ބިން އިއްޒަތު އިއުލާން ކުރުމުން، ސަލްމާން އަށް އަތުވެދާނެ ޗެލެންޖަކަށް ވުމުންނެވެ.

ސުވާފުގެ ހަރަކާތް ހުއްޓުނީ، އެ ފެޑްރޭޝަންގައި ބައިވެރިވި ދެކުނު އޭޝިއާގެ ބޮޑެތި ގައުމުތަކުން ފެޑްރޭޝަނުން ވަކިވާން އިއުލާން ކުރުމުންނެވެ. އިންޑިއާ އާއި ޕާކިސްތާނުން އެގޮތަށް ނިންމި ނަމަވެސް ރާއްޖެއިން ވަނީ ސުވާފުން ވަކި ނުވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެހެންވެ އޭއެފްސީގެ ރައީސް އާ އެފްއޭއެމް އާ ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.