ހަބަރު

ސަރުކާރު ވައްޓާލުމުގެ މަސައްކަތް އެތެރޭން ފަށައިފި: ޝަހީދު

Dec 23, 2018
4

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކޯލިޝަންގެ ތެރެއިން ވެސް ފަށާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޝަހީދު މިހެން ވިދާޅުވީ، ޕީޕީއެމްއިން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށައިފި ކަމަށް މުޒާހަރާގައި އިއުލާން ކުރި ހަބަރެއް ރިޓްވީޓް ކުރައްވަމުންނެވެ.

ސަރުކާރު ކޯލިޝަންގެ ތެރެއިން ވެސް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝަހީދު ވިދާޅުވިއިރު، ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މި ދުވަސްވަރު ހިޔާލު ތަފާތުވުން ބޮޑެވެ. ހިޔާލު ތަފާތު ވެފައިވަނީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާމެދު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޯލިޝަންގެ ހަތަރު ލީޑަރުން ބައްދަލު ކުރައްވާފައިވާއިރު އެ ބައްދަލުވުމުގައި ވެސް އެއް ގަލަކަށް އާދެވޭ ގޮތެއް ނުވި އެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ލީޑަރުން ބައްދަލު ކުރެއްވި ވަގުތު މުޒާހަރާ ކުރުމުން ވެސް މައްސަލަ ވަނީ ހޫނުވެފަ އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވަނީ އެއީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ ނިޝާން ކަމަށް ވިދާޅުވެފަ އެވެ.