ފައްޔާޒް އިސްމާއީލް

މީރާއަކީ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް: މިނިސްޓަރު

Dec 23, 2018
44

މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން މިހާރު އަމަލު ކުރަމުން އަންނަނީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައްވާ ގޮތަށް ކަމަށާއި އެއީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް އާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބޯޓިން އެވޯޑްސް ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ވިޔަފާރިތަކަށް ފަސޭހަ ފަހި މާހައުލެއް ގާއިމްކޮށް ދިނުން ކަމަށެވެ.

އެގޮތުން މީރާ މިހާރު ހިނގާ އުސޫލު ބަދަލު ކުރަން ރާވާފައިވާ ކަމަށާއި އެ އޮތޯރިޓީ މިހާރު ހިނގަނީ ވިޔަފާރިވެރިންނަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

"މީރާއަކީ މިވަގުތު ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް، މީރާ އުފެދިގެން އައީ އެ ނިޔަތުގައެއް ނޫން، މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ޓެކްސް ނުނަގާ ގައުމެއް ކުރިއެއް ނާރާނެ ކަމަށާއި ނަމަވެސް "މީރާއިން މިހާރު ކުރަމުން އަންނަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް" ކަމަށެވެ. އަދި އެ އޮތޯރިޓީ އިން އިން މަސައްކަތް ކުރީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަ ކޮށްގެން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނާއި ގަވައިދުތައް މީރާ އަމިއްލަަ ގޮތަކަށް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެގެން ދިޔަަތަން ލޯމަތިން ފެނިއްޖެ ތަޖުރިބާ ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޓެކްސްގެ ގާނޫނުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަން ފައްޓަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ފަހަށް ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއްވެ، އޭގެ މަންފާ ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމަށް ރާވާފައިވާ ބައެއް އެހެނިހެން ކަންކަމުގެ މައްޗައް ވެސް މިނިސްޓަރު ވަނީ އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން އިމްޕޯޓް ލައިސެންސް ބާތިލު ކުރަން ނިންމާފައިވާ ކަމަށާއި އުވާ ނުލެވި އެތަށް އަހަރުތަކެއް ވެފައިވާ 7500 އެއްހާ ކުންފުނި އުވާލުމުގެ މަސައްކަތް ވެސް ހަފްތާއެއްގެ ތެރޭގައި ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭގެ އިތުރުން އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވިޔަފާރިވެރިންނާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ ހުރި ގޮންޖެހުންތައް ހޯދާ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ހުރިހާ ފަސޭހަތަކާއެކު ވިޔަފާރިވެރިންގެ ޒިންމާތަކެއް ވެސް އޮންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފަސޭހަތަކުގެ ނާޖާއިޒް ފައިދާ ނެގުމުގެ ހުރިހާ ދޮރުތައް ބަންދު ކުރައްވާނެ ކަމަށާއި އެފަދަ ކަމެއް ހިނގައިފި ނަމަ ބޮޑެތި އަދަބުތައް ކަނޑައެޅިގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.