ހަބަރު

"ސަފާރީތައް އަޅާނެ ފަޅެއް ވަރަށް އަވަހަށް މާލެ ކައިރިން ހަމަޖައްސާނަން"

ރައްކާތެރިކަމާއެކު މާލެ ކައިރީގައި ސަފާރީތައް އަޅާނެ ފަޅެއް ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހަތަރު ވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގައި މިރޭ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ލިވަަބޯޑް އެސޯސިއޭޝަން މޯލްޑިވްސް (ލޭމް) އުފެދިގެން އައިއިރުން ފެށިގެން މިއަދާ ހަމަޔަށް އެ ދާއިރާގެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަނީ ސަފާރީތަކަށް މާލެ ކައިރިން ރަނގަޅު ފަޅެއް ދީފައި ނޯންނަ މައްސަލަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ފަޅެއް ހަމަޖެހިގެން ދިޔަ ކަމަށާއި ނަމަވެސް ސަަރުކާރު ބަދަލުވުމާއެކު އަލުން އެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ފުރަތަމަ ގުޅީފަޅު ކައިރީ ބޯޓުތައް އަޅާފައި އޮންނަނީ, ނަަމަވެސް ފަހުން އެކި ސަބަބުތަކަށްޓަކައި އެތަނުން ހުޅުމާލެއަށް ބަަދަލުވީ، އަދި ވެސް އެ އިންޑަސްޓްރީގެ ބޭފުޅުންނަށްވާ އެންމެ ބޮޑު ދައްޗަކީ އެއީ،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފާރީ ބޯޓުތައް އަޅާނެ ބަނދަަރެއް މާލެ ކައިރިން ލިބޭނެ ކަމުގެ ޔަގީންކަން އެ ދާއިރާގެ ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށެވެ. ވަރަށް އަވަހަށް އެކަން ކުރައްވާނެ ކަމަށާއި އެ ކަންބޮޑުވުންތައް ނިމުމަކަށް އަންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ސަފާރީތަކާއި އެފަދަ ބޯޓުތައް އަޅާނެ ފަޅެއް މާލެ ކައިރީ ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.