ހަބަރު

ޕީޕީއެމްގެ ދަރަނި ދެއްކުމުން ނޫނީ ޔާމީނަށް ޕާޓީއެއް ހެދިގެން ނުވާނެ: ނާދިރާ

ޕީޕީއެމްގެ މިހާރު އޮތް ދަރަނިތައް ދައްކާ ހަލާސް ކުރުމުން ނޫނީ ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އާ ޕާޓީއެއް ހަދަން ހުއްދަ ދީގެން ނުވާނެ ކަމަށް ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ފަރާތްޕުޅުން ޕީޕީއެމްގެ ނައިބު ރައީސަކަށް ކުރިން އައްޔަން ކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ ނަމުގައި ބޮޑެތި ދަރަނިތަކެއް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ޕާޓީ ރައީސް ޔާމީންގެ އަތުން ދޫވެދާނެ ކަމަށް ބަަލައި އާ ޕާޓީއެއް ހެދުމަށް ހުށަހަޅާފައިވާ އިރު، އެ ޕާޓީގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން އެ ދަރަނިތަކަށް ޒިންމާވާންޖެހޭނެ ކަމަށެވެ.

ނާދިރާ ވިދާޅުވީ، ރައީސް ޔާމިންގެ ކެމްޕެއިނަށް ކަމަށްބުނެ ކޮށްފައިވާ ދަތުރުތަކަށް އެކަނިވެސް 3.8 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަންއަށް ދައްކަން އެބައޮތް ކަމަށާއި، ޕާޓީ އޭގެ އަސްލު ހައްގުވެރިންނަށް ލިބިގެން ދާއިރު، އެ ދަރަނިތަކަށް އެފަރާތްތަކުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

ޕީޕީއެމް އަނބުރާ ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ނަމަވެސް މެމްބަރުން ނުތިބޭނެ ކަމަށް "އަވަސް ހުކުރު" ޕްރޮގްރާމަށް ޕީޕީއެމްގެ ނައިބްރައީސް އަބުދުއްރަހީމް ވިދާޅުވުމާއި ގުޅިގެން ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރުވެސް ތިއްބެވީ އެ ބޭފުޅުން ކަމަށާއި، އެހެން ނަމަވެސް ފެންނަމުން ދަނީ އެ ޕާޓީގެ މެމްބަރުންތައް އެތައް މިތަނަށް ބެހި ޑީއާރުޕީއަށް ވީ ގޮތަށް ޕާޓީ ހުސްވަމުންދާ މަންޒަރު ކަމަށެވެ.