ހަބަރު

ތިން އަހަރު ފަހުން ޝުމްބާ ބަންދުން މިނިވަންކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ފެނުނު އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) ތިން އަހަރު ދުވަސް ފަހުން ގޭބަންދުން މިނިވަންކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރައްވަނިކޮށް ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގޮއްވާލި ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް ކޮށް ޝުމްބާ ހައްޔަރު ކުރީ ނޮވެމްބަރު 1، 2015 ގައި ސްރީލަންކާއިންނެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް އެ މައްސަލައާއި ގުޅިގެން އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ޝުމްބާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ޝުމްބާގެ ޝަރީއަތް މެދުކެނޑިފައިވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އޭނާއަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ ހުކުމަށްވުރެ ވެސް ގިނަ ދުވަހަށް ޝުމްބާ ބަންދުގައި ބަހައްޓާފައިވާއިރު މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. ގޭބަންދުން ދޫކޮށްލަން ނިންމި ނަމަވެސް އެ މައްސަލައިގައި މިއަދުގެ އަަޑުއެހުމުގައި ވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ޝުމްބާ ގޭ ބަންދުން ދޫކޮށްލާފައިވާއިރު، އޭނާ ވަނީ މި ފަހުން އުފައްދަން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފައްދަން ފޯމްތައް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެފަ އެވެ. އަދި އާންމުކޮށް ނުކުމެ މީހުންގެ ތެރޭގައި އޭނާ އުޅެ އެވެ.