މާލޭގައި އުޅޭ ބައެއް ބިދޭސީއިން ގެތައް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަމުންދާތީ އެކަން ބަލަމުން އަންނަ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ، އެލްއާރުއޭއިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި ބިދޭސީއިން ގެތައް ކުއްޔަށް ނަގައިގެން އެ ތަންތަނުގައި ވިޔަފާރީ ގޮތުން ކާން ދިނުމާއި ޕާރްސަލް ބެހުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ބައެއް ތަންތަނުގައި ނިދުމަށް ވެސް ރުފިޔާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ހެންވޭރުން އެފަދަ ތިން ގެއެއް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ ގެތަކެއް ކަމަށެވެ. އެ ތަންތަނުން 400 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޮތޯރިޓީއިން މައުލޫމާތުދެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ ވިޔަފާރި ކުރުމުގައި އުޅެނީ ގަވައިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީންނެވެ. އެ ވިޔަފާރި ކުރުމަށް އެއްވެސް ހުއްދައެއް ވެސް ނަގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތަންތަނުގެ ސާފުތާހިރުކަމުގެ ހާލަތު ވަރަށް ދަށް ކަމަށާއި މަގު މައްޗަށް ކާއެއްޗެހި އެޅުމާއި ކުޅު ޖެހުންފަދަ އަމަލުތައް ބޮޑުވެގެން ސަރަހައްދުގައި ދިރިއުޅޭ މީހުން ވެސް ރިޕޯޓް ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހެންވޭރުގެ އެ ތިން ގެއަކީ ޖެހިޖެހިގެން ހުންނަ ބޮޑު ތިން ގެ ކަމަށްވެ އެވެ. އެ ގެތަކުގައި ކާބޯތަކެތި ބެހުމުގެ ވިޔަފާރި ކުރަމުންދާއިރު ބޮޑު ސަރަހައްދެއް ނިދުމަށް ވެސް ހާއްސަކޮށްފައިވެ އެވެ. އެތަނުގައި ފައިސާ ދީގެން ނިދަނީ ވެސް ބިދޭސީންނެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ބަލަމުންދާ ކަމަށާއި އެ ބިދޭސީއިން ރާއްޖެ އެތެރެކުރި ބައެއްގެ ޒިންމާދާރުކަން ވެސް ކުޑަ ކަމަށް ޝަރީފް ވިދާޅުވި އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށާއި ގަވައިދާ ހިލާފަށް ބިދޭސީއިން ލައްވާ މަސައްކަތް ކުރުވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.