ކުޅިވަރު

ވީއޭއެމްގެ ނައިބު ރައީސަކަށް ކުރީގެ ކުޅުންތެރިޔާ ޒޯރޯ

ކުރީގެ އެއް ވަނަ ސެންޓަރ ބްލޮކާ އަހްމަދު ނިޒާމް 'ޒޯރޯ' ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ކަމުގެ މަގާމާ ހަވާލުވެއްޖެ އެވެ.

މަޝްހޫރު، މާލޭ އިނގްލިޝް ސުކޫލް (އެމްއީއެސް) ގެ ޕްރިންސިޕަލް އަލީ މުސްތާފާގެ ގެ އިހްރާމްގެ ގޯތިތޭރޭގައި، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ރަޝީދު 'ރޮބަޓް' އާއި ޒޯރޯ ނެޓް ދަމައިގެން ވޮލީ ކުޅެމުން ދިޔަ އެވެ. އޭރު ވޮލީ ކުޅުނީ މަޖަލަކަށް ހަދައިގެންނެވެ. އެ ދެ މީހުން އެހެން އުޅުމުން އެމްއީއެސްގެ ވޯލީ ޓީމު ޕްރެކްޓިސް ކުރަމުން ދިޔަތަނަށް ބޯޅަ ހޮވަން އެ ދެ މީހުން ގެންދިޔައީ މިހާރުގެ މަޝްހޫރު ކޯޗް އިބްރާހިމް ރަޝީދު 'ސަތޯ' އެވެ. އޭރުވެސް ސަތޯއަކީ ވޮލީ ކުޅުންތެރިޔެކެވެ. ބޯޅަހޮވަން ސަތޯ ތަނަވަސް ކޮށްދިން ފުރުސަތުތަކުގެ ތެރެއިން ރޮބަޓް އާއި ޒޯރާއަށް ވޮލީ ކޯޓަށް އެރުމުގެ ފުރުސަތުވެސް ލިބިގެން ދިޔަ އެވެ. ސަތޯ ހުޅުވައިދިން ފުރުސަތުގެ ތެރެއިން ޒޯރޯ އާއި ރޮބަޓް ވޮލީގެ ތެރެއަށް ނިކުތެވެ.

ސްކޫލްގައި ކިޔަވަމުން ދިޔައިރު، ރާއްޖޭގެ އެންމެ ބޮޑެތި ކުލަބުތައް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީން ދައުވަތު ލިބުނެވެ. ފަހުން އެ ދެކުލަބުގައި މޮޅަށް ކުޅެ ގައުމީ ޓީމަށް ފުރުސަތު ލިބުނެވެ. ނަވާވިސް އަހަރު ފަހުން ވިކްޓަރީ ސްޕޯޓްސް ކުލަބުން 1999 ވަނަ އަހަރު ގައުމީ މުބާރާތް މިލުކުކުރި ޒޯރޯ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް ސައްޔިދު އަލީ ކޯޗު ކަމުގެ ދަށުން ކުޅެން ފުރުސަތު ލިބުމުން ބޮޑެތ ކުރިއެރުންތަކެއް އޭނާ ހޯދި އެވެ.

ވީއޭއެމްގެ ނައިބު ރައީސް ކަމާ ހަވާލުވުމަށް ފަހު ނިޒާމް 'ޒޯރޯ' ވިދާޅުވީ، ވީއޭއެމްގެ ނައިބު ރައީސްކަން އޭނާ ގަބޫލު ކުރީ، ވީއޭއެމްގެ ރައިސް މުހައްމަދު ލަތީފުގެ ޕްލޭން އޭނާއަށް ކަމު ދިއުމުން ކަމަށެވެ. ވީއޭއެމްގެ ނައިބު ރައީސް ކަމުގައި އެންމެ ފަހުން ހުރީ މުހައްމަދު ރަނޭޝް، އެ މަގާމުން އިސްތިއުފާ ދިނީ، ވީއޭއެމްގެ ރައީސް ލަތީފް އާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ނިޒާމް މިއަދު ވިދާޅުވީ އޭނާގެ ދައުރު ސާފު ކޮށް އެނގޭ ކަމަށެވެ.

"އަޅުގަނޑާއި ލަތީއާ މީ އެއްކޮށް ކިޔަވަން އުޅެ، އެއްކޮށް ކުޅުނު ދެމީހުން، ގައުމީ ޓީމަށްވެސް އެކުގައި ކުޅުނިން، އޭރުން ފެށިގެން އަޅުގަނޑުމެންގެ މެދުގައި ރަނގަޅު ގުޅުމެއް އޮވޭ، އަޅުގަނޑަށް އުނދަގުލެއް ނުވާނެ ލަތީފުއާ އެކު މަސައްކަތް ކުރާކަށް،" ނިޒާމް ވިދާޅުވި އެވެ. "އަނެއްކާ އަޅުގަނޑަށް އެނގޭ މަސައްކަތް ކުރަންވީ ޕްލޭން، ލަތީ އަތުގައި ރަނގަޅު ޕްލޭނެއް އެބައޮތް، އަޅުގަނޑުގެ ހިޔާލުވެސް އޭގެތެރެއަށް ލައިގެން ކުރިއަށް ދާނީ."

ދޭހާސް ހަތަރު ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، އޭނާ ނިކުތީ ވޮލީ ކޯޗެއްގެ ގޮތުގަ އެވެ. އިންޓަ ރިޒޯޓް މުބާރާތުގައި ނައްޗާ ފުށީ ރިޒޯޓަށާއި ތާޖު އެކްޒޯޓިކް ރިސޯޓަށް މުބާރާތް ކާމިޔާބު ކޮށްދިނެވެ. އަދި އަތޮޅުތަކުގެ ޓީމުގައިވެސް މަސައްކަތް ކޮށް އެ ޓީމުތަކުގައިވެސް އޭނާ ވަނީ ކާމިޔާބު ހޯދާފަ އެވެ. މިހާރު އަމިއްލަ ވިޔަފާރީގައި އުޅުނު ނަމަވެސް ދޭތެރެ ދޭތެރެއިން ކޯޗު ކޮށްދޭން ރަށްރަށަށް ދަތުރު ކުރެ އެވެ.