ބާސެލޯނާ

ކުޅުން ހުއްޓާލުމަށްފަހު ބާސާއަށް ކޯޗުކޮށްދޭން ބޭނުން

ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ ކޯޗަކަށް ކަމަށާއި، ބާސާއަށް އިސްކަން ދޭނެ ކަމަށް، އެފްސީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަންޑްރެސް އިނިއެސްޓާ ބުނެފި އެވެ.

ބާސެލޯނާގައި 22 އަހަރު ހޭދަ ކުރުމަށް ފަހު، ޖަޕާންގެ ވިސެލް ކޯބްއަށް މިހާރު ކުޅެމުންދާ އިނިއެސްޓާ ބުނީ، ބާސެލޯނާގައި އޭނާ އަށް ދަސްވި ކަންކަން ކޯޗެއްގެ ގޮތުގައި އެ ކުލަބުގައި ތަންފީޒު ކުރަން ބޭނުންވާ ކަމަށެވެ. ބާސާގެ ލެޖެންޑަރީ މިޑްފީލްޑަރ، ވިސެލް ކޯބްއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މިދިޔަ ޖުލުއި މަހު އެވެ.

"އަހަންނަކަށް ނޭންގެ ކުރިމަގުގައި އޮންނާނެ ގޮތެއް، އަހަރެން ނުބުނާނަން ބާސާއަށް ކޯޗް ކޮށްދޭން ޝައުގުވެރި ނުވަމެކޭ،" ސްޕެއިންގެ މުންޑޯ ޑިޕޯޓިވޯއަށް ދިން އިންޓަވިއުގައި އިނިއެސްޓާ ބުންޏެވެ. "އަދި އަހަރެން ނުބުނަން އަހަރެން އެކަމާ ވިސްނަމެކޭވެސް."


"އެއީ ތެދެއް އަހަރެން ކޯޗެއްގެ ގޮތުގައި ކޮންމެވެސް ދުވަހަކުން ފެންނާނެ، އަދި އެނބުރި މިތަނަށް [ބާސެލޯނާއަށް އަންނާނަން] ނަމަވެސް ކުޅުން ހުއްޓާލުމަށް ފަހު އަހަރެން ބަލާނަން، ކޮން މަގެއްތޯ އަހަރެންގެ ކުރިމަތީގައި އޮތި."

ސްޕެއިންގެ ގައުމީ ޓީމަށް 2010 ވަނަ އަހަރުގެ ވޯލޑް ކަޕު ހޯދައިދިން ކުޅުންތެރިޔާ، ވަނީ މިއަހަރުގެ ވޯލްޑްކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.