ޓްރާންސްޕޯޓް އޮތޯރިޓީ

ޓެކްސީ އަގުތައް ރިވިއު ކުރަން، ފިޔަވަޅު އެޅުން ހުއްޓާލައިފި

ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގައި ނަގާ ފީތަކަކީ ކުރީގެ ސަރުކާރުން ދިރާސާ ކުރުމާ ނުލައި ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަދާފައި އަގުތަކަކަށްވާތީ އެ އަގުތައް ބަލައި ރިވިއުކޮށް ގޮތެއް ކަނޑައެޅެންދެން ޓްރާންސްޕޯޓުން މިހާރު އަޅަމުންދާ ފިޔަވަޅުތައް އެޅުން ހުއްޓާލައިފި އެވެ.

މިނިސްޓްރީން މިއަދު ބުނީ އެގޮތަށް ނިންމީ މިއަދު ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ސާޅީހަށްވުރެ ގިނަ ޑްރައިވަރުންނާއެކު މިނިސްޓަރު އައިޝަތު ނަހުލާ ބޭއްވި ބައްދަލުވުމެއްގައި ޑްރައިވަރުންނާއި ސެންޓަރުތަކުގެ ކަންބޮޑުވުންތައް އަޑު އެހުމަށްފަހުގައި ކަމަށެވެ.

ބްރިޖް ހުރަސްކޮށް ހުޅުލެ އަށާއި ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގާ ގުޅިގެނާއި ޕާކު ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު ޓެކްސީ ޑްރައިވަރުން މިއަދު ވަނީ އިހްތިތާޖެއްކޮށްފަ އެވެ.

ހުރަވީ ބިލްޑިންގުގެ ދެވަނަ ބުރީގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭރުގައި އިހްތިޖާޖުގެ ތެރެއިން ޑްރައިވަރުންވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކޮށްފަ އެވެ. އަދި އެކަމަނާ ވަނީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ.

މި ކަން ބޮޑުވުންތަކާއި އިހުތިޖާޖުގެ ޝުއޫރުތައް އެއްސެވުމަށްފަހު މިނިސްޓަރު ނަހުލާގެ ނިންމަވާފައި ވަނީ ކުރިން ހުރި އަގުތައް ރިވިއު ކޮށް ރަސްމީ އަގުތަކެއް ނެރެވެންދެން ދަތުރުތަކާ ގުޅިގެން މިހާރު އަޅަން ފަށާފައިވާ ފިޔަވަޅުތައް އެޅުން މަޑު ޖައްސާލުމަށެވެ.

ޓެކްސީތަށް ދަތުރު ކުރަމުންދާއިރު ހުއްޓުވާ ނަގާ އަަގު ބަލާ ޗެކް ކުރަން ފެށީ މިދިއަ ހޮނިހިރު ދުވަހުން ފެށިގެނެވެ.

ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ. ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަ އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ އެވެ.