ހަބަރު

"ޔާމީންގެ ތާއީދު ދެއްވީ އަޅުގަނޑުގެ ހިދުމަތުގެ ސަބަބުން"

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒު ރަޝީދަށް ރައީސް އަބްދުﷲ ޔަމީން ތާއީދު ކުރައްވަން ނިންމެވީ އޭނާގެ ގައުމީ ހިދުމަތަށް ބެއްލެވުމަށްފަހު ކަމަށް ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ، އޭނާއަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާ، އަދި ގައުމީ މަސްލަހަތު އިސްކޮަށްގެން މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް ރައްޔިތުންގެ މަސްލަހަތާއި އެއްގޮތަށް ނޫނީ މަސައްކަތް ކޮށްފައިނުވާ ކަމަށާއި، ޕާޓީން ވިޕްލައިނެއް ނެރެފިނަމަ މަޖުބޫރުން ވޯޓް ދިން ކަމުގައިވީ ނަމަވެސް އެކަމަކާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން މަޖިލީހުގައި މަސައްކަތް ކޮށްފައިވާ އިރު، މިނިވަންކަމާއެކު ރައްޔިތުންނަށް މަންފާވާ ގޮތަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އެންމެ ގިނަ ބިލް ހުށަހަޅާފައިވާނީ ވެސް އޭނާ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވާނެ ވަރަށް މުހިންމު ބިލްތަކާއި، އިސްލާހުތަށް މަޖިލީހަށް ހުށަހަޅާފައި. ނުކުޅެދޭ ފަރާތްތަކަށް އިނާޔަތް ލިބޭ ގޮތަށާއި، ހެލްތު އިންޝުއަރެންސްއާއި، އެނޫންވެސް ބައިވަރު ކަންކަން. ޖޭއެސްސީ އެގޮތަށް ނުބާއްވަން ވެސް ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅިން. މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެމްބަަރަކާއި، އެފަދަ ބޭބޭފުޅުން ލައިގެން އެތަން މިނިވަންކޮށް ނުހިގާނެ ކަމަށް ހުށަހެޅިން. އެހެން ނަމަވެސް އެކަމެއް ފާހެއް ނުވި. އެކަމަކު މިއަދު އެބޭފުޅުން އެ ވާހަކަ އެބަ ދައްކަވާ" ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާޒު ވިދާޅުވީ، އެމްޑީޕީން ވެސް ސަރުކާރު ޖަވާބުދާރީ ކުރަން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި، އެހެން ނަމަވެސް ބަލައި ނުގަނެވޭ ކަންކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމް އުފެއްދުމަށް އެކުލަވާލި 10 މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވާ ކަމަށާއި، ގާސިމް އިބްރާހިމްއަކީ އަބަދުވެސް ރިޔާޒްގެ ވަރަށް ގާތްބޭފުޅެއް ކަމަށެވެ.

"ކޮންމެ ޕާޓީއެއްގައި ހުއްޓަސް މީހުން ވަރަށް ބުނޭ އަޅުގަނޑަކީ ގާސިމްގެ މީހެކޭ. އެހާ ގާތް ގުޅުމެއް އޮވޭ އަބަދުވެސް. ޖޭޕީއަށް ބަދަލުވީވެސް ރައިސް ޔާމީނާއި، ޕާޓީގެ ލީޑާޝިޕާއި، ޕާލިމެންޓް މެމްބަރުންނާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައި. އެކަން ކުރަން އޮންނަ އެންމެ ރީތި ގޮތަށް،" ރިޔާޒު ވިދާޅުވި އެވެ.

ޖޭޕީއަށް ބަދަލުވުމަށް ރައީސް ޔާމީނާއި 21 ދުވަސް ވަންދެން ވާހަކަ ދެއްކި ކަމަށާއި، އެހެން ނަމަވެސް އިންތިހާބުގައި ތާއީދު ކުރުމަށް އެދި ވަޑައިގެންފައި ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ގާސިމް އިބްރާހިމް މިސާލަކަށް ނަގަންޖެހޭ ކަމަށާއި، ގާސިމް ދުވަހަކު ވެސް މީހަކާއި ޒާތީވެ، މީހެއްގެ މައްޗަށް ހަސަދަވެރިވެފައި ނުވާ ކަމަށެވެ. ގާސިމްގެ ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުން އެ ޕާޓީދޫކޮށް ވަޑައިގަތުމަށްފަހު އެބުރި އައުމުންވެސް ގާސިމް އަމަލު ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށާއި ސިޔާސީ މީހުން ގާސިމްގެ ކިބައިން މިސާލު ނަންގަވަންޖެހޭ ކަމަށެވެ.