ހަބަރު

ޔާމީންގެ ދިފާއުގައި ރިޔާޒު ރަޝީދު މަގު މައްޗަށް

މީގެ ދުވަސްކޮޅެއް ކުރިން ޕީޕީއެމްއިން ވަކިވެވަޑައިގަތް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ޕީޕީއެމްއިން މިއަދު ކުރި މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދުު ފުލުހަށް ހާޒިރުކޮށްފައިވާއިރު ސަޕޯޓަރުން ވަނީ މަގުމަތީގައި އަޑު އުފުލާފަ އެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ފުލުހުންގެ އިދާރާއާ ހަމައަށް ސަޕޯޓަރުން އަޑު އުފުލަމުން ހިނގާލާފައިވެ އެވެ.

އެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމަށް ރިޔާޒު ރަޝީދު ޕީޕީއެމް އޮފީހަށް ވަޑައިގެންނެވީ އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާ އެވެ. އެއަށްފަހު މަގުމަތީގައި ރައީސް ޔާމީންގެ ދިފާއުގައި އަޑު އުފުއްލަވާފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ބައްޔާއެކު ރިޔާޒު ރަޝީދު ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ޕާޓީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައިވެ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވެފައިވަނީ އެ ޕާޓީގެ މުސްތަގުބަލު އޮވެފައި އޭނާގެ ދާއިރާގެ ރައްޔިތުންގެ އުއްމީދުތައް ވެސް އެގޮތަށް ހުރުމުން ކަމަށެވެ. ރިޔާޒު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވުމަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް އުއްމީދު ކުރެއްވި ކަމެއް ކަމަށް ވަނީ އޭނާ ވަނީ ވިދާޅުވެފަ އެވެ.