ހަބަރު

"އެމްޓީޑީ އުފެއްދީ އަދީބު، މި ޕާޓީ ވެރިކަން ކުރާނެ"

Dec 24, 2018
11

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި ޕާޓީއެއް ކަމަށާއި އެ ޕާޓީ ވެރިކަމާ ހަމައަށް ދާނެ ކަމަށް އެ ޕާޓީގައި ހިމެނިވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޓީޑީ އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އަދީބު ޖަލަށްލައި ވައްޓާލީ އޭނާ ސިޔާސީ ގޮތުން ކުރިއަރައިގެން ދާތީ ކަމަށާއި ސިޔާސީ ލީޑަރުންނަކީ ކޮބައިކަން މިއަދު ފެނިގެންދާނެ ކަމަށެވެ. އެގޮތުން ގޭބަންދުގައި ހުންނަވައިގެން އެންމެ 21 ދުވަހުގެ ތެރޭގައި 3000 މީހުންގެ ތާއީދު ހޯއްދަވާ ޕާޓީއެއް އަދީބު އުފެއްދެވި ކަަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް ޕާޓީ އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"21 ދުވަހުގެ ތެރޭގައި ގޭބަންދުގައި ހުންނަވައިގެން ހައްޔަރުގައި ހުންނަވައިގެން އަދި ހަތަރު ފާރު ވަށައިގެން ފުލުހުން ލާފައި އޮއްވާ ވެސް 21 ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ވެގެން މިއޮތް ދަނީ، މިއީ ނޫންތޯ ލީޑަރުންނަކީ، ތިން އަހަރު ދުވަހު ކުޑަ ގޮޅީގައި ބާއްވާލީމަ ކޮންކްރީޓު އެނދުމަތީގައި ނިންދަވާލީމަ ފަހަތަށް ޖެހިއްޖެތޯ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގައުމުގެ މުސްތަގުބަލަކީ ޒުވާނުން ކަމަށާއި އެހެންކަމުން އަަދީބު ވެސް ވަރަށް އަވަހަށް މިނިވަން ވެގެންދާތަން ފެންނާނެ ކަމަށެވެ. އަދި އެމްޓީޑީ ރާއްޖޭގައި ވެރިކަން ކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމްޓީޑީ އުފެއްދެވި އިސްމާއިލް އާސިފް ވެސް ވާހަކަ ދައްކަވަމުން ވިދާޅުވީ އަދީބުއާ ނުލާ މި ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ހުރިހާ ފަރާތްތަކަށް މިއަދު މެސެޖެއް ދޭން ބޭނުންވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެއަށް ފަހު އަދީބުގެ ފޮޓޮއެއް ބޮޑު ސްކްރީންގައި ދެއްކި އެވެ.

އަދީބަކީ ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެގެން ޖަލު ހުކުމް ތަންފިޒު ކުރަމުން ދިޔަ ބޭފުޅެކެވެ. ނަމަވެސް މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އޭނާގެ މައްޗައް އަދިވެސް ބައެއް ދައުވާތައް ހުރި އިރު މިހާރު ވެސް 33 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.