ކުޅިވަރު

ގައުމީ ވޮލީ ޓީމަށް ކުޅެން ބޭނުންތަ، ފުރުސަތު ހުޅުވިފައި

ގައުމީ އަންހެން އަދި ފިރިހެން، ސީނިއާ، ޖޫނިއާ ޓީމުތަކަށް ކުޅެން ޝައުގުވެރިވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީއޭއެމުން، ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ އަހަރު ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކަށް ތައްޔާރު ވުމަށް މުހިންމު މަސައްކަތްތަކެއް އެ އެސޯސިއޭޝަނުން ކުރަމުން ދާ ކަމަށާއި އެގޮތުން އަންހެން އަދި ފިރިހެން ޖޫނިއާ، ސީނިއާ ޓީމުތަކަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ވީއޭއެމުން ހުޅުވާލި އެ ފުރުސަތުގައި، އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހު 12 ވަނަ ދުވަހެވެ. ވީއޭއެމުން ބުނީ ހެންވޭރު ބޯޅަ ދަނޑުގެ ބޯޅަގޭގައި ހުންނަ ވީއޭއެމްގެ އޮފީހުންނާއި އެ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުން ފޯމު ލިބެން ހުންނާނެ ކަމަށެވެ.

ގައުމީ ޓީމަށް ކުޅެން ކޯޑް އޮފް ކޮންޑެކްޓްގައި ސޮއި ކޮށްފައިވާ ކުޅުންތެރިން، އަލުން ހުށަހަޅަން ނުޖެހޭނެ އެވެ.

ވީއޭއެމުން އާންމު ކުރި ބަޔާނާ ގުޅިގެން އިތުރަށް މައުލޫމާތު ހޯދަން، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މި ގޮތަށް އިއުލާން ކުރީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް އޮތްކަން ހާމަ ކުރުމަށް ކަމަށެވެ.

"ހުރެދާނެ ވޮލީ ކުޅެން ބޭނުންވާ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއްވެސް ފަހަރެއްގައި އެ ކުޅުންތެރިޔަކު އަޅުގަނޑުމެންނަށް ނޭންގި އޮވެދާނެ، އެހެންވެ އެހެންތިބި ކުޅުންތެރިންނަށްވެސް ގައުމީ ޓީމަށް ކުޅެން ފުރުސަތު އޮތްކަން ހާމަ ކުރަން އަޅުގަނޑުމެން ބޭނުންވޭ،" ލަތީފު ވިދާޅުވި އެވެ. "ދެން ހުރެދާނެ އިސްކޮޅުން ދިގު ވޮލީ ކުޅެން ޝައުގުވެރިވާ އެހެންނަމަވެސް ހުނަރުގެ ގޮތުން އެހާ މޮޅު ނޫން ކުއްޖަކުވެސް އެހެން ހުރި ކުއްޖަކަށްވެސް އަޅުގަނޑުމެން މިދެނީ ގެރެންޓީ، އެ ކުޅުންތެރިޔަކު ޑިވްލަޕް ކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުން އެހީވެދޭނެޔޭ، މިފުރުސަތަށް އެދިލައްވާށޭ."

އޭނާ ވިދާޅުވީ، ކުލަބު ކެރިއާގައި ނުކުޅޭ ވަރަށް ހުނަރުވެރި ކުޅުންތެރިން ވީއޭއެމްއަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިންވެސް މި ޕްރޮގްރާމްގެ ތެރެއަށް އައުމަށް ދައުވަތު ދޭނެ ކަމަށެވެ.

"މިގެ ކުރިންވެސް އަޅުގަނޑުމެން މިގޮތަށް ޕްރޮގްރާމެއް ހިންގިން އޭރުވެސް 100 އަށް ވުރެ ގިނަ ކުޅުންތެރިން އައި،" ކުރިން ގައުމީ ޓީމަށް ކުޅުނު ލަތީފު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ގައުމީ ޓީމަށް ކުޅޭ ހިތުން ގައުމީ ދިދައަށްޓަކައި ކުޅޭ ކުޅުންތެރިން، ގައުމީ ޓީމުގެ ފުރުސަތަށްޓަކައި އެފަދަ ބައިވަރު ހުނަރުވެރި ކުޅުންތެރިން ގުޅޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން."

ވީއޭމުން ބުނީ ފޯމު ހުށަހަޅާ ކުޅުންތެރިންނަށް ހާއްސަކޮށްގެން ވަކި ވަކި ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަަމަށެވެ.