މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން ލިވަޕޫލަށް ލިބޭނެ ކަމަށް ބުނަން އަދި މާ އަވަސްކަމަށް، އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ކްލޮޕް ބުނީ، ލީގްގައި އަދި އެއްވެސް ޓީމަަކަށް އަދި ސަލާމަތެއް ނެތް ކަމަށާއި އާސެނަލް އާއި ޗެލްސީން ލީގް ނުލިބޭނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ. މާދަމާ ނިއުކާސަލް ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ލިވަޕޫލަށް 50 ޕޮއިންޓް ހަމަ ކުރެވޭނެ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ މެންޗެސްޓާ ސިޓީއަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.
ޕްރިމިއާ ލީގްގައި ވޭތުވެދިޔަ 10 ސީޒަންގައިވެސް، ލީގް ޗެމްޕިއަންކަން ހޯދާފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހުން ފަހުން އެއް ވަނައިގައި އޮންނަ ޓީމެވެ. މިފަހަރު އެފުރުސަތު ލިވަޕޫލަށް އޮތް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ހެއްޔެވެ. މީގެ ކުރިން ދެ ފަހަރެއްގައި ސީޒަންގެ މެދަކާ ހަމައަށް ދާން ވާއިރަަށް ލީގްގެ އެންމެ މަތީގައި ލިވަޕޫލް ހިފަހައްޓާލި އެވެ. ނަމަވެސް އޭގެ ފަހުން އަރިއަޅާލައި އެ ޓީމަށް، އެ ދެފަހަރުވެސް ލީގް ގެއްލުނެވެ. އިނިގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ގަދަ ފަސް ޓީމުގެ ތެރެއިން ޕްރިމިއާ ލީގްގައި އަތް ނުލެވޭ ހަމައެކަނި ޓީމަކީ ލިވަޕޫލެވެ.
ކްލޮޕް މިގޮތަށް ވާހަކަ ދައްކާފައި ވަނީ، ލީގް ހޯދުމުގައި އެންމެ ބޮޑު ފޭވަރިޓަކީ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ކަމަށް ޓޮޓެންހަމްގެ ކޯޗް މައުރީޝިއާ ޕޮޗެޓީނޯ ބުނެފައި ވަނިކޮށެވެ.
އެވަޓަންއާ ދެކޮޅަށް، ޓޮޓެންހަމް ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އެ މެޗަށް ފަހު ޕޮޗެޓިނޯ ބުނީ އެ ގޮތަށް ކުޅެފިނަ ޓޮޓެންހަމްއަށްވެސް ލީގަށް ވާދަ ކުރެވޭނެ ކަމަށެވެ. ކްލޮޕްވެސް ވަނީ ޓޮޓެންހަމް އެ މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
"އަހަންނަށް ޓޮޓެންހަމްވެސް ލީގު ހޯދުމުގެ ރޭހުން ބޭރެއް ނުވޭ، އެ ޓީމު ލީގް ހޯދުމުގެ ރޭހަށް އަތުވެއްޖޭ ބުނީމަ މީހުން ހައިރާންވިޔަސް އަހަރެން ހައިރާންނެއް ނުވޭ، ސަބަބަކީ އެ ޓީމު ލީގް ހޯދުމުގެ ރޭހުން ބޭރެއް ނުވޭ،" ޖަރުމަންގެ ކޯޗް ބުންޏެވެ. "އާސެނަލް އާއި ޗެލްސީއަށް ވެސް ލީގް ހޯދުމުގެ ފުރުސަތު އެބަ އޮތް."