ކުޅިވަރު

މިލާނަށް އެނބުރިދާން ދެ ފަހަރު ފުރުސަތު ލިބުނު: އަންޗެލޯޓީ

އޭނާގެ ކުރީގެ ކުލަބު އޭސީ މިލާންގެ ކޯޗު ކަމަށް އެނބުރިދާން ދެފަހަރު ފުރުސަތު ލިބުނު ކަމަށް، ނަޕޯލީގެ މިހާރުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

އިޓަލީގެ ކޮރިއޭރޯ ޑެލޯ ސެރާއަށް ދިން އިންޓަވިއުގައި، މިލާން އަށް އެބުރިދާން ފުރުސަތު ލިބުނތޯ ސުވާލު ކުރުމުން އަންޗެލޯޓީ ބުނީ ދެ ފަހަރަށް ފުރުސަތު ލިބުނު ކަމަށެވެ.

"ދެފަހަރަށް ލިބުނު،" އަންޗެލޯޓީ ބުންޏެވެ. "އަހަރެން ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން [މިލާންގެ ސީއީއޯ އެޑްރިއާނޯ] ޖިއަލިނީ އަހަރެންގެ ކައިރިއަށް އައި، އެކަމަކު އަހަރެންގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަންވެގެން އަހަރެން މަޑުކުރީ، ފަހުން ބަޔާން ދޫކޮށްލި ފަހުން [މިލާންގެ މެނޭޖިން ޑިރެކްޓަރު މާކޯ] ފަސޯނޭ އަހަންނަށް އިޝާރާތެއް ދިން."

މިދިޔަ ސީޒަންގެ މެދަކާ ހަމައަށް ދިއުމުގެ ކުރިން ބަޔާން ހޯދަމުން ދިޔަ ދަށް ނަތީޖާ ތަކުގެ ސަބަބުން އެ ކުލަބުން ވަނީ އަންޗެލޯޓީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ސީޒަން ނިމެންދެން އޭނާ ހުރީ ކޯޗިންގެ އެއްވެސް ވަޒީފާއެއް އަދާނުކޮށެވެ. ނަޕޯލީގެ ކޯޗު ކަމާ އެނާ ހަވާލުވީ، މި ސީޒަން ފެށުމުގެ ކުރިންނެވެ.

މިލާނަށް އޭނާ ކޯޗް ކޮށްދިން ނުވަ އަހަރު އެ ޓީމަށް ދެ ފަހަރަށް ޗެމްޕިއަންސް ލީގް ހޯދައިދިނެވެ.

ނަޕޯލީގެ އޭރުގެ ކޯޗް މައުރީޒިއޯ ސާރީ ޗެލްސީއަށް ދާން ތައްޔާރަށް ހުރުމުން، އެ ޓީމުން ސާރީ ދޫކުރުމުގެ ކުރިން އަންޗެލޯޓީ ކޯޗު ކަމަށް ހަމަޖެއްސި އެވެ. މި ސީޒަންގައިވެސް ނަޕޯލީ ދަނީ ޔުވެންޓަސްގެ ފަހަތުން ދެ ވަނައިގައި ވިއްދަމުންނެވެ. އޭނާ ބުނީ އޭނާގެ ޓަގެޓަކީ ސީޒަން ފެށިގެން ނިމެންދެންވެސް ވަރުގަދައަށް މަސައްކަތް ކުރާ ޓީމަކަށް ނަޕޯލީ ހެދުން ކަމަށެވެ.