ދިރާގު

ދިރާގު ހައި ސްޕީޑް އިންޓަނެޓާއި ޓީވީ ރ. މީދޫއަށް

މުއާސަލާތީ ކުންފުނި، ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ރ. މީދޫއަށް ތައާރަފު ކޮށްފި އެވެ.

ދިރާގުގެ ޑިޖިޓަލް ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ގެ ހިދުމަތް މީދޫގައި ރަސްމީކޮށް އިފްތިތާހު ކުރީ ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް ހިމަނައިގެނެވެ.

ދިރާގުން ދަނީ ފައިބާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން ފަންސާހަށްވުރެ ގިނަ ރަށުގައި މި ހިދުމަތް މިހާރު ގެންދަނީ ފޯރުކޮށްދެމުންނެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓް ގެ ހިދުމަތް ދީފައި ވެއެވެ.

ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. މިއީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް 1ޓީބީގެ ޕެކޭޖް އެކުލެވޭ ޚިދުމަތެވެ. މިހާރު މީދޫގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މި ހިދުމަތް ލިބެމުންދާނެ އެވެ.

ދިރާގުން މިދިޔަ ނޮވެމްބަރު މަހު ފެށި ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނުގައި، ފައިބަ ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަގާ ކޮންމެ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ދެއެވެ.