ކުޅިވަރު

ހާއްސަ މެޗުގައި ނިޒާމަށް ބޮޑު ޝަރަފެއް!

ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އޭނާގެ ޝަރަފުގައި ކުޅެ ހާއްސަ މެޗުގައި، ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލް އާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ހިމެނޭ އެފްއޭއެމްގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.

ނިޒާމްއަށް ލިބުނު އެ ފުރުސަތާ ގުޅިގެން އޭނާ ބުނީ، އެ މެޗުގައި ކޯޗަކަށް ހަމަޖެއްސިކަން އޭނާއަށް ފުރަތަމަ ނުވެސް އެނގުނު ކަމަށާއި، އޭނާގެ ނަން ކޯޗެއްގެ ގޮތުގައި ޖަހަން ނިންމީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި އޭނާއަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު [އިމްރާން] ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އެ ކުޅުންތެރިޔެއްގެ ޝަރަފުގައި ކުޅޭ މެޗުގައި ބައިވެރިވާން ލިބުނު ފުރުސަތު، އެވަރުގެ ކުޅުންތެރިޔެއްގެ މިކަހަލަ ޝަރަފުވެރި މެޗެއްގައި ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ނިޒާމް ފާހަގަ ކުރި އެވެ.

"އަނެއް ކަމަކީ އިންޓަނޭޝަނަލް ދެތަރިން ހިމެނޭ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހުންނަން ލިބުނު ފުރުސަތު، މިއީ ފްރެންޑްލީ އެއްވިޔަސް އެކަހަލަ ވަރުގަދަ ކުޅުންތެރިންނާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް، ހަގީގަތުގައިވެސް މިއީ ވަރަށް ބޮޑު އުފަލެއް."

އެފްއޭއެމް ޓީމުގައި، ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. އެ ޓީމުގައި ނިޒާމްއާ އެއްކޮށް ކުޅުނު ކުޅުންތެރިންވެސް އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅޭނެ އެވެ. އެގޮތުން ނިޒާމް އާއެކު ކުލަބު ވެލެންސިއާއަށް ކުޅުނު ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް 'ކުޑަހީނާ' އާއި ކުރީގެ މިޑްފީލްޑަރު އަލީ ރަޝީދު 'ސިލާޗީ'، މުހައްމަދު ވިލްދާން އަދި 'ފަންތޮށި' މުހައްމަދު ނާޒިމްގެ އިތުރުން އަބްދުﷲ އާމިރު 'އައްލޯ އާމިރު' މެން ފަދަ ކުޅުންތެރިން ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ އެއް ވަނަ ޑިފެންޑަރު އިސްމާއިލް އަނިލް އާއި ކުރީގެ މިޑްފީލްޑާ މިހާރު ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ހިމެނެ އެވެ. ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަންވަރު އަބްދުލް ގަނީވެސް ހިމެނެ އެވެ. މިހާރުގެ ތަރިންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި އަލީ ފާސިރު 'ސެންޓޭ' އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އަދި އިބްރާހިމް ވަހީދު ހަސަން 'ފެލޭނީ' އިއްބެ' ހިމެނެ އެވެ.

އެ ޓީމުގައި ނިޒާމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހިމަނާފައި ވަނީ ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗް ޝާކިރު އަހްމަދު 'ޝާކިއްޓޭ' އާއި އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑް ޝާޒްލީ މުހައްމަދު އާއި އެފްއޭއެމްގެ ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާ އާލި ނާޝީދު 'އޮގަރު އައްޔަ' އެވެ.

އެ ޓީމުގެ މެނޭޖަރަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް އެވެ. ގޯލްކީޕަރު ޓްރެއިނަރަކީ ގުރީން ސްޓްރީޓްގެ ގޯލްކީޕަރު ޓްރެއިނަރު އިބްރާހިމް ސަލީމް 'މެޓާ ސަލީމް' އެވެ.
އިމްރާންގެ ޝަރަފުވެރި ކަމުގެ މެޗު އޮންނާނީ މިމަހު 30 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. އެ މެޗުގައި ކުޅޭނީ އެފްއޭއެމްގެ ޓީމާއި އިމްރާންގެ ޓީމާ ދެމެދުގަ އެވެ.