އެޗްޕީއޭ

ސިއްހަތަށް ގެއްލުންދޭ ބުއިންތަކަށް އެވެއާ ކުރަން 21 މިލިއަން ރުފިޔާ

އެނާޖީ ޑްރިންކާއި ސިއްހަތަށް ގެއްލުންހުރި ބުޔުންތަކުން އާންމުން ދުރުކުރަން ހިންގާ ޕްރޮގްރާމްތަކަށް ކުރާ ހޭދަ މި ސަރުކާރުން 21 މިލިއަން ރުފިޔާއަށް ބޮޑު ކުރަން ނިންމައި އެކަމަށް ޕްރޮގްރާމެއް މިއަދު ލޯންޗްކޮށްފި އެވެ.

އެ ޕްރޮގްރާމް ލޯންޗް ކުރުމަށް، ނައިބު ރައީސް ބައިވެރިވެގެން ހޮޓަލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމާ ބެހޭ ޕްރޮޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަމުން އެޗްޕީއޭ ގެ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ރާއްޖޭގައި ހޭލުންތެރިކަމަށް ކުރެވޭ ހޭދަ، މިހާރު ވެސް އެއް މިލިއަން ރުފިޔާއަށް ވުރެ ދަށް ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި ސިއްހަތަށް ގެއްލުންވާ ބުޔުންތަކާއި ކެއުންތަކުގެ ސަބަބުން ޖެހޭ ބަލިތަކުގެ އިންސައްތަ ރާއްޖޭގައި ހުރީ 84 ޕަސެންޓްގައި ކަމަށެވެ. އެހެން ކަމުން މިފަދަ ތަކެތިން މީހުން ދުރުކުރަން ކުރާ ހޭދަ އިތުރު ކުރަން ޖެހޭ ކަމަށް ވެސް ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

"ބިލް ބޯޑްގައި މިފަދަ ބުޔުންތައް އިޝްތިހާރު ކުރާއިރު ސައިކަލުގައި ޖަހާ ބަމްޕާ ސްޓިކާއަކުން މީހުން ހޭލުންތެރިއެއް ނުކުރެވޭނެ. އެއަށް ވުރެ އަޅުގަނޑުމެން އެބަ ޖެހޭ ހޭލުންތެރި ކަމަށް ކުރާ ހޭދަ އިތުރުކުރަން. މި ފެށޭ ޕްރޮގްރާމްތަކާ އެކު އެ ހޭދަ އިތުރުވެގެން ދާނެ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން 30 ކަމެއް ކުރުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި، ސްކޫލްތަކުގައި ބާއްވާ ހަފްލާތައް ފަދަ ކަންކަމުގައި ސިއްހަތަށް ގެއްލުންދޭ ބުއިންތަކާއި ކެއުންތައް ނުހިމެނުމާއި ސަރުކާރުގެ ހަފްލާތަކާއި ޕްރޮގްރާމްތަކުގެ ސްޕޮންސަޝިޕްގެ ގޮތުގައި ސިއްހަތަށް ގެއްލުންދޭ ބުއިންތަކާއި ކާނާގެ ބާވަތްތައް ނުހިމެނުމެވެ. އަދި ޓްރޭނިން ޕްރޮގްރާމްތައް ހިންގުމާއި ކެންސަރު ބަލީގެ ދަފްތަރެއް އެކުލަވާލައި އެއް ވިއުގައަކުން ގުޅާލުން ފަދަ ކަންކަން ހިމެނެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރައްޔިތުން ހޭލުންތެރި ކުރުމުގެ ސިޔާސަތު ކަނޑައަަޅަނީ އެކަމަށް ވަރަށް އިސްކަންދީގެން ކަމަށެވެ. އެހެން ނަމަވެސް ދުޅަހެޔޮ ޖީލެއް ބިނާ ކުރެވޭނީ ކުރާ ހޭދާ އިތުރު ކޮށްގެން ނޫންކަމަަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

"މި މައްސަލައަކީ އަކީ މިކަމާ ސިޔާސަތު ކަނޑައަޅަ ފަރާތްތަކުން ވަރަށް އިސްކަމެއްދީގެން ކުރާ ކަމެއް، އެހެން ނަމަވެސް މިއަކީ ހަމައެކަނި ކުރާ ހޭދަ އިތުރު ކޮށްގެން ހައްލުވާނެ ކަމެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކާ، ހޭލުންތެރި ކުރަން ކުރާ ހޭދަ އިތުރުކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 30 ޕްރޮގްރާމް އެއް ފަށަން ޖެހެ އެވެ. ހެލްތް މިނިސްޓިރީ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ކުރާ މި މަސައްކަތުގެ ނަތިއްޖާ ބޮނޑު ތަނުން ފެންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، ގައުމެއް އޮންނާނީ ރަނގަޅު ސިއްހަތެއްގައި ރައްޔިތުން ތިބެގެންކަމަ ށެވެ. އެހެން ކަމުން ގައުމު މަސްކުޅިވެ، މަރުވާން ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިި އެވެ

"ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކާ ހޭލުންތެރިކަން ކުރުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެކަން އެންމެ ގަބޫލު ކުރާނެ، ގައުމު
މުސްކުޅިވެ މަރުވެ ނުދިނުމަށް އިގްތިސާދު ދެމެހެއްޓުމަށް ބޭނުންވާ ހަކަތަށް އުފައްދައިދޭ މީހުން ދުޅަހެޔޮ ވާންޖެހޭނެ ކަމަށެވެ" މިނިސްޓަރު ވިދާޅުވި އެވެ.