ދުނިޔެ

ޓޮބްލެރޯން "ހަލާލު" ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް

Dec 25, 2018
1

ދުނިޔޭގައި މަގުބޫލު ޗޮކްލެޓެއް ކަމުގައިވާ ޓޮބްލެރޯންއަށް ހަލާލު ސެޓްފިކެޓް ލިބުމުން، އެ އުފެއްދުން ބޯއިކޮޓް ކުރުމަށް ޔޫރަޕުގެ ކަނާތުފިޔައިގެ ގްރޫޕުތަކުން ގޮވާލަން ފަށައިފި އެވެ.

ޓޮބްލެރޯނަށް ހަލާލު ސެޓްފިކެޓް ލިބުނީ މިދިޔަ އޭޕްރީލް މަހުގައި ވީ ނަމަވެސް، އެކަން ކަނާތުފިޔައިގެ ސަމާލުކަމަށް އައިސްފައިވަނީ ދާދި ފަހުންނެވެ.

މިކަމަކީ، މުޅި ޔޫރަޕަށް އިސްލާމް ދީން ފެތުރެމުންދާ ކަމުގެ މިސާލެއްގެ ގޮތުގައި އެކަމަށް ފާޑު ކިޔާފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

އެ ޗޮކްލެޓް އުފައްދާ އެމެރިކާ ކުންފުނި، މޮންޑެލޭޒް އިންޓަނޭޝަނަލް އިން ބުނީ، ހަލާލް ސެޓްފިކެޓް ހޯދަން ޓޮބްލެރޯންގެ ރެސިޕީއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.

އަދި އިސްލާމީ މިންގަޑުތަކާއި އެއްގޮތަށް ބަދަލުގެނެސްފައިވަނީ ހަމައެކަނި ޓޮބްލެރޯން އުފެއްދުމުގެ ބައެއް މަރުހަލާތަކަށް ކަމަށް ވެސް އެ ކުންފުނީގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ އެ ނިންމުމަކީ އެމެރިކާގެ ބައެއް މާކެޓުތައް ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޓޮބްލެރޯންގެ އިތުރުން ދުނިޔޭގެ މަޝްހޫރު އުފެއްދުންތައް ކަމުގައިވާ ކޮކާ ކޯލާ އާއި، ފެންޓާ އަދި މެކްޑޮނަލްޑްސް ވެސް ހަލާލު ސެޓިފިކެޓް ހޯދުމަކީ މުޅި ދުނިޔެއަށާއި ޔޫރަޕުގެ ސަގާފަތަށް އިސްލާމް ދީން ފެތުރެމުންދާ ކަމުގެ ނިޝާނެއްކަމަށް، އެ ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.