ހަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި

ދިވެހިން އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ރ. ދުވާފަރުގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ދިވެހި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށްއެރި ސުނާމީ ހާދިސާއާ ގުޅިގެން އެވެ.

ހޯމް މިނިސްޓްރީން ބުނީ، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގަ އެވެ. ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހުއްމަދު ސޯލިހް ކަމަށާއި އެޖަލްސާގައި އެމަނިކުފާނު ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދުވާފަރަކީ، ސުނާމީއާ ގުޅިގެން ސުންނާފަތިވި ގަދޮޅުދޫ މީހުން އަލަށް އާބާދު ކުރި ރަށެކެވެ. އެ ރަށް ކުރިން އޮތީ ފަޅުރަށެއްގެ ގޮތުގަ އެވެ. ހޯމް މިނިސްޓްރީން ބުނީ، ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވި ފަރާތްތަކަށް އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ވެސް އެ ޖަލްސާގައި ދޭނެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށްއެރި ސުނާމީ ހާދިސާއާ ގުޅިގެން އެދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެދުވަސް އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެވެ.