ކުޅިވަރު

އިމްރާންގެ ޝަރަފުގެ މެޗަށް ސަލްގާޑޯ ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާންގެ ޝަރަފުގައި ކުޅޭ ހާއްސަ މެޗުގައި ބައިވެރި ވުމަށްޓަކައި، ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިމްރާންގެ ޝަރަފުވެރި ކަމުގެ މެޗު ކުޅޭނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އެ މެޗުގައި ސަލްގާޑޯގެ އިތުރުން މެންޗެސްޓާ ޔުނައިޓަޑްގެ ކުރިގެ ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝްމައިކަލްވެސް ކުޅޭނެ އެވެ. ޝްމައިކަލް ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހު އެވެ. ޝްމައިކަލް އާއި ސަލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ. މި މެޗުގެ ކުރިން އަންނަ ހޮނިހިރު ދުވަހު ހަވީރު ބާއްވާ، އެފްއޭއެމް މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފުލާގައިވެސް އެ ދެ ތަރިން ބައިވެރިވާނެ އެވެ.

ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު އޭނާ ފެށީ ސެލްޓެ ޑެ ވިގޯއިންނެވެ. އެ ކުލަބަށް 11 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް މެޑްރިޑުން އޭނާ ގެނައީ 1999 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭގެ ދެ އަހަރު ފަހުން ނުވަ ވަނަ ފަހަރަށް ރެއާލުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެ ޓީމުގައިވެސް އޭނާ މޮޅަށް ކުޅުނެވެ. ރެއާލްއަށް އޭނާ ކުޅުނު 10 އަހަރުގެ ތެރެއިން ފުރަތަމަ ހަތް އަހަރު ގަވައިދުން ފުރަތަމަ 11 ޖާގަ ހޯދި އެވެ.

ސަލްގާޑޯގެ މެސެޖު

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިިރު އޭނާ ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ގައުމީ ޓީމަށް މެޗު ކުޅެފަ އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މުބާރަތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާޓުގައެވެ. ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އިމްރާން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.