ހަބަރު

ނައިބު ރައީސް އެނާޖީ ޑްރިންކް ބުއިން ހުއްޓާލައްވައިފި

އެނާޖީ ޑްރިންކާއި ސިއްހަތަށް ގެއްލުން ހުރި އެކި ބުއިން ބޭނުން ކުރުން މިއަދު ފެށިގެން ހުއްޓޭލެއްވިކަން ނައިބް ރައީސް ފައިސަލް ނަސީމް މިއަދު އިއުލާން ކުރައްވައިފި އެވެ.

ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާއި ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުންނާއި މި ސަރުކާރުންވެސް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އަދި ދުންފަތާއި ސުޕާރީއާ އެނާޖީ ޑްރިންކް އަދި ހަކުރު ގިނަ ބުއިންތަކުން ރައްޔިތުން ދުރުކުރުވަން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑު ހޭދައެއް މި ސަރުކާރުން ކުރަން ނިންމަވާފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވާހަކަދެއްކި ނަމަވެސް އަޅުގަނޑުމެން ކިތަންމެ ޖަލްސާއެއް ބޭއްވި ނަމަވެސް އަޅުގަނޑުމެން ގައުމުގެ ހުރިހާ ދާއިރާތަކަކުން، ސުކޫލްތަކުން ފެށިގެން ގޭބިސީތަކުން، ސަރުކާރު އޮފީސްތަކާއި ހަމައަށް، ކުލަބް ޖަމިއްޔާތަކާއި ކުޅިވަރު ކުޅޭ ތަންތަނުން މިކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ފަސް އަހަރު ފަހުންވެސް އަޅުގަނޑުމެން ދައްކަން ޖެހޭނީ މިވާހަކަ،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ދުންފަތާއި އެނާޖީ ޑްރިންކްސްތަކާއި ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކުން ދުރުހެލިވުމަށް ވާހަކަ ދައްކާއިރު، އެކަންކަން އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު މިއަދު މިވާހަކަ ދައްކާފައި، ގެއަށްގޮސް ޓީވީ ހުޅުވާލާއިރު އަޅުގަނޑަށް ފެންނާނީ ކޮންމެވެސް އެހެން މަންޒަރެއް، އިރާދަ ކުރެއްވިއްޔާ އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑު އަމިއްލަ ނަފްސަށް، އަޅުގަނޑު މިކަންކަމާއި ދުރުހެލިވުމަށްޓަކައި އެނަޖީ ޑްރިންކްސްތަކާއި މިކަންކަމުން މިއަދުން ފެށިގެން ދުރުހެލިވާނަން،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ސަރުކާރުން ކުރިން ނުކުރާފަދަ ބޮޑު ހޭދައެއް ކޮށްގެން މިއަދު ފަށާ ޕްރޮގްރާމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ދިވެހިންނަކީ ނަސޭހަތް އަޑުއަހާބައެއް ކަމަށާއި ނަމަވެސް ބައެއް ފަހަރު ފަރުވާކުޑަ ކުރެވެނީ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ސިއްހީ ކަންކަމަށް ކުރަންޖެހޭ ހަރަދު އެހާ ބޮޑުވެފައިވަނީ ރައްކާތެރިވާންޖެހޭ ވަރަށް ރައްކާތެރި ނުވެވުން ކަމަށެވެ. އަދި މިކަންކަމާއި ގުޅޭގޮތުން ފަންނީ މާހިރުން ދައްކަވާ ވާހަކަތަކާއި ދެއްވާ ނަސޭހަތްތައް ގަބޫލުކުރަންޖެހޭ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ވަރަށް ގިނަ މަަސައްކަތްތައް ކުރަންޖެހޭ ކަމަށާއި އެގޮތުން ޅަފަތުގެ ދައުރުން ފެށިގެން އެކަންކަމުން ދުރުހެލިވާން ޓީޗަރުން މަސައްކަތްކޮށްދޭންޖެހޭ ކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ވަކި މުއައްސަސާއެއް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއިި އެކަން ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.