ރިޕޯޓް

ހެދީ ގޯހެއް، އެއިން ވާނެ ރަނގަޅެއް ނެތް!

ދިވެހިންނަކީ އަބަދުވެސް ކަންކަމަށް "ކެރި ކުޅަދާނަ" ބައެކޭ ބުނެއުޅެ އެވެ. ކަންކަމުގައި "އޯވަ" ވާން ކުޅަދާނަ ބައެކޭ ވެސް ބުނެ އުޅެ އެވެ. އިހަށް މިވާހަކަ އެވެ؛ ހިޔާލު ފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގުތަކެކެވެ. އެ ހައްގުތަކުގެ ބޭނުން ރައްޔިތުންގެ ތެރެއިން ބަޔަކު ކުރަމުން އަންނަތާ އަހަރުތަކެއް ވެެއްޖެ އެވެ. ދެ ދޮރާށި ދޭތެރޭ ކުރާ އިހުތިޖާޖުތަކުން ފަށަައިގެން ގޮސް ދެގޭގެ ދޭތެރެ އާއި، ދެމީހުން ދޭތެރޭ އާއި މުޅި މާލެ އާއި މުޅި ރާއްޖޭގައިކުރި އިހުތިޖާޖުތައް ވެސް ދިވެހިން ދެކެފި އެވެ.

އޭގެ ތެރެއިން ބައެއް އިހުތިޖާޖުތަކުގައި އަޑު އުފުލާފައިވާ ފަރާތްތަކުގެ ބަސްމޮށުންތެރި ކަމާއި، މޮޅު ވާހަކަތަކުގައި ޖެހި ލައްކަ މީހުން ޖަލަށް ވަދެ ޖަލުގެ އަދުބު ވެސް ހޯދައިފި އެވެ. ނުކުތީ ހައްގު ހޯދަން ވަކާލާތު ކުރާށެވެ. ކުރިމަތިލާން ޖެހެނީ ޝަރުއީ ބޮޑު ދައުވާއަކާ އެވެ. އެކަން އެެހެން ވުމުން އާންމުކޮށް ގޯސްވާނީ ސަރުކާރާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ޒިންމާ އުފުލާ ތަންތަނެވެ. އެހެން ނަމަވެސް ގާނޫނީ ދަންތުރައެއްގައި ތިމާ ބެދޭ އިރުވެސް އެކަން އެގޮތަށް ވަމުންދާކަން "ރިއަލައިޒް" ވާ ވަރުގެ ހޭލުންތެރިކަމެއް ހުރި ބަޔަކު އުޅޭކަމެއް ނޭނގެ އެވެ.

އެކަންކަން ރާވާ ހިންގުމުގައި ވެސް ގާނޫނީ ގޮތުން "ފުންނާބު އުސްކޮށް" ބަޔަކު އުޅުއްވައެވެ. އެކަންކަން ރާވާ ހިންގަނީވެސް ގާނޫނީ ގޮތުން ކުރިމަތިވާނެ ކަންކަމަށް ބަލައިގެން ހައްޔަރު ވެއްޖެ ހާލަތެއްގައި ގުޅޭނެ "ހޮޓް ލައިން" އެއްވެސް ކަނޑައަޅައިގެން ގާނޫނީ ޓީމާވެސް އެކު އެވެ. އެ އެއީ ގާނޫނު ރަނގަޅަށް އެނގި ވަޑައިގަންނަވާ ބޭފުޅުންނެވެ.

ގާނޫނާއި، ގަވައިދާއި ހިލާފު ކަމެއް ބަޔަކު ކުރާނަމަ އެބަޔަކާއި ގާނޫނު އަރާ ހަމަ ކުރާނެކަން ރަނަގަޅަށް އެނގޭނެ އެވެ. އެހެން ނަމަވެސް ސިޔާސީ މަގުސަދަކަށްޓަކައި އެ ޓީމަށް ބަރޯސާވެ އެކަމުން ހިތްވަރު ލިބިގެން ނުކުންނަ ރައްޔިތު މީހާ ގުރުބާން ކޮށްލާފަހަރު އާދެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކުށަށް އަރައިގަންނަން ފުރުސަތު ދެނީ އެވެ.

ހައްގުތަށް ހޯދަން އިހުތިޖާޖް ކުރުމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަށް ދިވެހިން ފަހަތަށް ޖައްސާލައިފި އެވެ. ގްރީން ޒޯންގައި މުޒާހަރާކޮށްފި އެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި މުޒާހަރާކޮށް ނޫޅޭ ތަންތަން ކަމަށްވާ ހޮސްޕިޓަލާއި އެއާޕޯޓާއި ޓުއަރިސްޓް ހޮޓާ ތަކުގައި ވެސް މުޒާހަރާކޮށް ދިވެހިން ވަނީ "ވަަރަށް ކުރިޔަށް" ޖެހިލާފަ އެވެ.

ދާދި ފަހުން ފެނިގެންދިޔަ މަންޒަރަކީ މާލޭގެ އެންމެ ބޮޑު ޓުއަރިސްޓް ހޮޓަލަށް ވަދެ އެތާނގެ ލޮބީ ތެރޭގައި ބަޔަކު އިހުތިޖާޖު ކުރި މަންޒަރެވެ. އެތާނަގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ދެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހޯމް މިނިސްޓަރު ތިއްބަވަނިކޮށް އަދި ގިނަ އަދަދަކަށް ޓޫރިސްޓުން ވެސް އެ މަންޒަރު ބަލަން ތިއްބާ އެ އެންމެންގެ ކުރިމަތީގައި ބޭނުން ގޮތަކަށް މުޒާހަރާއެއް ކުރީ އެވެ.

ކިތަންމެ މިިނިވަންކަމަށް ހެދިގެން އުޅުނަސް އެކަމަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރަން ކުރި ކަމެކެވެ. އޭގެ ސަބަބުން ޓޫރިސްޓުންގެ ހިތުގައި ސުވާލުތަކެއް އުފެދޭނެ ކަން ކަށަވަރެވެ. ބަޔަކަށް އެތަނަށް ވަދެ މުޒާހަރާ ކުރެވޭނަމަ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާކަން އެމީހާއަށްވެސް އެނގޭނެ އެވެ. އެ އަަރައިގަނެވުނީ ޓޫރިސްޓުންގެ ހައްގަށެވެ. އެހެން ނަމަވެސް ބަޔަކު ބޭނުންވި ފޮޓޯ އެބަޔަކު ހޯދައިފި އެވެ. އެއީ މޮޅު ކަމަކަށް ހަދައިގެނެވެ.

ސިޔާސީ އެންމެ ބޮޑެތި ލީޑަރުންގެ ކުރިމަތީގައި އެ މީހުން މުަޒާހަރާއެއް ކުރީއެވެ. އެހެން ނަމަވެސް ގައުމަށް ފައިދާ ހޯދަން ކަމަށް ބުނެ ކުރި އިހުތިޖާޖުން ގައުމަށް ވީ ގެއްލުމެވެ. އެ މަންޒަރު ބެލި ޓޫރިސްޓުންގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ. ދެވަނަ ފަހަރަށް އެމީހާ ރާއްޖެ އައުމާމެދު އުފެދުނީ ސުވާލެކެވެ.

ސިޔާސީ ގޮތުން މިފަދަ ކަންކަން ކުރާއިރު، ހަމަޖެހޭ އުސޫލުތަކަށް ކޮންމެވެސް ވަރަކަށް ބަލާނެ އެވެ. އެއާޕޯޓާއި، ޓުއަރިސްޓް ހޮޓާތަކާއި ހޮސްޕިޓަލް އެފަދަ ތަންތަނަކީ އެއްވެ އުޅުމާއި، އިހުތިޖާޖްކޮށް އުޅޭ ތަންތަނެއް ނޫނެވެ.

ހައްގުތައް ލިބޭނީ އިހުތިޖާޖްވެސް ކޮށްގެނެވެ. އިހުތިޖާޖް ކުރުމުގެ ހައްގުވެސް އެބަ އޮތެވެ. އެކަމަކު އެ ހައްގު އޮތީ އިމެއްނެތި ނޫންކަން ދަންނާންވެެއްޖެ އެވެ. މުޒާހަރާ ވެސް ކުރަންވީ އެވެ. އެކަމަކު ގާނޫނުގެ ތެރެއިންނެވެ. ފަތުރުވެރިންނާއި، ދިވެހިންނަށް އުނދަގޫ ނުވާގޮތަށެވެ. ކަން ކުރަން އެންމެ ރަނގަޅު ގޮތް އަބަދުވެސް އޮންނާނެއެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ނިކުންނަ މީހުން ދައްކަންޖެހޭނީ ރިވެތި މިސާލެވެ.