(23 ޑިސެމްބަރ 2018 އާ ގުޅޭ)
"ކަންބޮޑުނުވޭ ޒިޔަޒެލް، އަހަރެން އެވަރުގެ މޮޔަކަމެއްނުކުރާނަން، އަދި އެ މީހުންގެ ތެރެއަށް ދިއުމުގެ ޝައުގެއްނެތް" އީޝަލް ބުންޏެވެ.
އީޝަލްއަށް އަދިވެސް ވިސްނެނީ އޭނާގެ މަންމައާ މެދުއެވެ. ޒިޔަޒެލް ކިޔައިދިން ވާހަކަތަކުން އީޝަލްގެ މަންމައަކީ އިންސާނަކަށްވިޔަސް އެއީ ހިތްވަރުގަދަ އިންސާނެއްކަން އޭނާއަށް ޔަގީންވެއްޖެއެވެ. ޖިންނީންގެ ތެރޭގައި ވެސް ބާރުގަދަ މީހާ ގަދަވުމަށް ޓަކައި އެހެން ޖިންނިއެއްގެ ފުރާނަ ދުއްވާލުމަކީ އޮންނަކަމެކެވެ. އެފަދަ ކަމެއް އީޝަލްގެ ލޮލަށް އަދި ނުފެނެއެވެ. ޖިންނީންގެ ގޮތްދޫނުކުރާކަމާއި އެ މީހުން އެ ނޫން ވެސް އުނި ސިފަތަކުގެ ވާހަކަ އީޝަލް ހަމައެކަނި އަޑުއިވެނީއެވެ.
ޒިޔަޒެލް ނިދަން ވަނީ އީޝަލް ކޮޓަރިއަށް ވަންފަހުންނެވެ. އޭނާ ދަމުން އެ ކޮޓަރި ބަލާލިއެވެ. ކޮޓަރީ އޮޅިބުޑުގައި ކަހަލަ ގޮތަކަށް ލުގަލްބަންދާ އޮތެވެ. ހަށިގަނޑު ކުރިއަށް ދަމާލައި ހުރަސްކޮށްލެވިފައި އޮތް ދެއަތް މަތީ ބޯ ބާއްވާލައިގެންނެވެ. ޒިޔަޒެލްގެ ހިލަމެއް ވުމުން އޭތި ލޯ ހުޅުވައި ޒިޔަޒެލްއަށް ބަލާލިއެވެ. އެއާއެކު ޒިޔަޒެލް އިޝާރާތްކުރީ ނުތެދުވުމަށެވެ.
ޒިޔަޒެލް ކިޔަން ބުނެފައި އޮތް ފޮތް އީޝަލް ހުޅުވާލީ އޭނާގެ ލޮލުގައި ނިދީގެ އަސަރެއް ނެތުމުންނެވެ. ފޮތުގައި ހުރީ އިރުޝާދުތަކެކެވެ. ޖިންނީންގެ ތެރޭގައި އަމިއްލަ ސިފަ ފާޅުނުކޮށް އުޅޭނޭ ގޮތާއި އަދި ފޮރުވިގެން ތިބޭ ޖިންނީން ދެނެގަންނާނޭ ގޮތެވެ. އޭގައި އެ މީހުންގެ ތެރޭގައި އުޅޭ އެކިކަންކަމަށް ކުޅަދާނަ ބައެއް ޖިންނީންގެ މަޢުލޫމާތު ވެސް ހުއްޓެވެ. އެ ޖިންނީންގެ ސިފަ ކިޔައިދީފައެވެ. ފާޅުކަން ބޮޑުކޮށް ފާހަގާވާނޭ ނިޝާންތައް ވެސް ހުއްޓެވެ. މަޑުމަޑުން ފޮތުގެ ތެރެއަށް އީޝަލްއަށް ވަދެވުނެވެ.
މަސައްކަތުގައި އިންނަތާ ވީ ކިހާ އިރެއްކަމެއް އީޝަލްއަކަށް ނޭނގެއެވެ. އޭނާގެ ސަމާލުކަން އެހެން ދިމާއަކަށް ދިޔައީ މީހަކު އޭނާއަށް ގޮވާލިހެން ހީވެގެންނެވެ. ދުރުގައި ހުރެކަން އެ މީހަކު އެ ގޮވަނީ އީޝަލް ދެނެގަތީ ދެވަނަ ފަހަރަށް އޭނާގެ ނަމުން ގޮވާލުމުންނެވެ. އެ އަޑާމެދު އީޝަލް ވިސްނަން އިނެވެ. އެހެން އިންދާ ތިންވަނަ ފަހަރަށް ވެސް އެ މީހަކު ގޮވާލައިފިއެވެ. މަޑުމަޑުން އެނދުން ފައިބައިގެން އީޝަލް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދޮރުމަތީ ލުގަލްބަންދާއެއްނެތެވެ.
"އެއީ ލުގަލްގެ އަޑެއްނޫން" އީޝަލްއަށް ވަގުތުން ބުނެލެވުނެވެ. ފެންޑާއަށް ނުކުމެވުމުން ގެއާ ތަންކޮޅެއް ދުރުގައި މީހަކު ހުރިކަމުގެ އިޙްސާސް އީޝަލްއަށް ކުރެވެން ފެށުނެވެ. ހަމައެވަގުތު ޖަނަވާރެއްގެ އަޑު އިވުނެވެ. އީޝަލް ހަލުވިކޮށް އައިސް ފެންޑާގެ އުތުރުފަރާތުން ގަހުގެ އޮފިގަނޑަށް ފުންމައިގެން އެރިއެވެ. އޭނާއަށް ގެއިން ބޭރަށް ނުކުމެގެން ދިޔަ ލުގަލްބަންދާ ސާފުކޮށް ފެނުނެވެ. އަދި ލުގަލްބަންދާގެ މިސްރާބު އެ ހުރީ ކޮންދިމާއަކަށްކަން ވެސް އީޝަލްއަށް ފެނުނެވެ.
"ރައުލް..." އީޝަލްއަށް އެ ނަން ދުލުން ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"އީޝަލް" ހަމަ އެވަގުތު ރައުލް ގޮވާލައިފިއެވެ. އަދި އޭނާ މައްޗަށް ބަލަން ހުރިއިރު އޭނާއަށް އީޝަލް ފެންނަކަން އެނގެއެވެ. ލުގަލްބަންދާގެ ފިޔަވަޅު މަޑުނުޖެހި ކުރިއަށް އަޅަމުން ދިޔައީ ރައުލްއާ ދިމާއަށެވެ. މިފަހަރު ރައުލް ވެސް ފަހަތަށް ޖެހެން ގަސްދުކުރާހެން ހިޔެއްނުވެއެވެ.
"ލުގަލް" އީޝަލް ގޮވާލިއެވެ. އެއާއެކު ވަގުތުން ލުގަލްބަންދާ ހުއްޓުނެވެ. ނަމަވެސް އީޝަލްއާ ދިމާއަށް ބަލައެއްނުލިއެވެ.
"ލުގަލް... ގޭތެރެއަށް ވަދޭ... ހަމަމިހާރު" އީޝަލްގެ އަޑު ލުގަލްބަންދާއާ ހަމައަށް ފޯރާނޭކަން ޔަގީންވާތީ އޭނާ ވާހަކަދެއްކީ މަޑުންނެވެ. އެހެންނަމަވެސް ހަރުކަށިކޮށެވެ. އެ އަމުރަށް ލުގަލްބަންދާ ދެކޮޅެއް ނުހެދިއެވެ. ހަލުވިކަމާއެކު ފަހަތަށް އެނބުރިލުމާއެކު ލުގަލްބަންދާ ގެއްލިއްޖެއެވެ. ދެން ފެނުނީ އީޝަލް ފެންނަ ހިސާބުގައި ފެންޑާގައި އޭނާ އިންތަނެވެ. އީޝަލް އޮފިގަނޑުން ފައިގެން އައިސް ފެންޑާގައި މަޑުކޮށްލިއެވެ. އެއާއެކު ރައުލް ހުރިތަނުން ކުރިއަށް ޖެހިލައި އީޝަލްއާ ކުރިމަތިވާނޭހެން މަޑުކޮށްލިއެވެ.
"މިތާ ކީއްކުރަނީ، ބުނީމެންނު ރަށުތެރޭގެ ކަންކަމަކާ ނުބެހެމޭ... ދެން ކީއްވެ މިހިސާބަށް ތި އައީ، ކީއްކުރަން އަހަންނަށް ތި ގޮވަނީ" އީޝަލް ސުވާލުކުރިއެވެ.
"އީޝަލްއާ ވާހަކަދައްކާލަން" ރައުލް ބުންޏެވެ. ހައިރާންކަމެއް ލިބިގެންދިޔަ އީޝަލްއަށް އިރުކޮޅަކު ރައުލްއާ ދިމާއަށް ބަލަން ހުރެވުނީއެވެ. އެހިނދު ލުގަލްބަންދާ އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލައިފިއެވެ.
"އަހަންނާ ދައްކާނެ ވާހަކައެއް ނޯންނާނެ، މި ގޭ މީހުން ހޭލުމުގެ ކުރިން ދިޔައްޔާ ރަނގަޅުވާނީ، އަހަރެން ބޭނުމެއްނޫން ކަލެއާ ވާހަކަދައްކާކަށް" ނުރުހިފައި ހުރި ގޮތް އީޝަލް ދައްކާލިއެވެ.
"ދާރިއުސް އާ ބައްދަލުކުރާކަށް ބޭނުމެއްނޫންތަ؟" ރައުލް އަހާލިއެވެ. އެއާއެކު ދާރިއުސްއާ ބައްދަލުކުރަން ބުނެފައި އޮތް ހަނދާން އީޝަލް ވިއެވެ.
"އަހަރެމެން ބައްދަލުނުވިއްޔާ އެންމެ ރަނގަޅުވާނީ، އެހެންނޫނަސް އަހަންނާއި ދާރިއުސް އެކަށީގެންނެއްނުވެއެއްނު، އެހެންވީމަ މި ހިސާބުގައި އުޅޭ ޖިންނީން އެއްނުވަނީސް ކަލޭ ވެސް ދިޔައްޔާ އެންމެ ރަނގަޅުވާނީ، އަހަރެން އޮޅުވާލައި ދޮގެއް ނުހަދަން، ކަލޭމެން އެ ސަރަޙައްދުގައި އުޅޭހާ ދުވަހަކު އެ ހިސާބަކަށް އަހަރެން ނުދާނަން، ކަލޭ ކަންބޮޑުވާކަށް ނުޖެހޭނެ" އީޝަލް ބުންޏެވެ. އަދި މަޑުނުކޮށް އެތެރެއަށް ވަންނަން އޭނާ އައެވެ.
"އީޝަލް" ރައުލް ގޮވާލީ ވަރަށް މަޑުންނެވެ. އީޝަލްއަށް އެ އަޑު އިވުނެއްކަމަކު އޭނާ ބަލައިނުލާ އެތެރެއަށް ވަދެގެންދިޔައީއެވެ. އޭނާއާއެކު ލުގަލްބަންދާ ވަދެގެން ދިޔައެވެ. ދުރުގައި ރައުލް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. މާޙައުލުގެ އެހެން އަޑުތައް ފަނޑުވުމުން ފަނިފަކްސާގެ ގޮވުމުގެ އަޑު ގަދަވިއެވެ.
* * * * *
"ކޮންތާކުން؟" ރަށުތެރެއިން އަތިރި މައްޗަށް ނުކުތް ރައުލް ފެނި ރާވިން އެއްސެވެ. އޭނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ރައުލް އައިސް ވެލިގަނޑު މަތީ ދެފައި ކުރުކޮށްގެން އިށީނދެއްޖެއެވެ. އަދި ދެ ކަކުލުގައި ދެއަތް އަޅުވާލައިގެން ދެއަތްތިލަ ޖޯޑުކޮށްލައިގެން ދުރަށް ފެތުރިފައި އޮތް މޫދަށް ނަޒަރު ހުއްޓާލިއެވެ.
"އަހަންނަށް އެނގޭ ތި އައީ ރަށުތެރޭންކަން، ރައުލް... ހާދަ ފާޑަކަށް ތިއުޅެނީ، ކަލޭ މި ދަތުރާ ގަޔާނުވަނީތަ؟ ނޫނީ އިހަށްރޭ ދިމާވި ކަންތަކުން ކަލޭގެ ޠާބީޢަތް ގޯސްވީތަ؟" ރާވިން އައިސް ރައުލްގެ ދާދި ގާތުގައި އިށީނދެ މަޑުމަޑުން ވާހަކަދެއްކިއެވެ.
"ދާރިއުސް ކޮބާ؟" ރައުލް އެއްސެވެ.
"އޭނާ ވެއްޖެ އެކޮޅުގައި، ސޭމެސް އެބަހުރި އޭނާ ފެންނަ ހިސާބުގައި، ރައުލް... ދާރިއުސްއާ މެދު ކުޑަކުއްޖަކާ ދޭތެރޭ ކަންތައްކުރާ ގޮތަށް ޢަމަލުތައް ނުބަހައްޓަބަލަ، އޭނާއަކީ ފުރާވަރުގެ ޒުވާނެކޭ... އެ އަންހެންކުއްޖާ އަންނާނޭ ކިޔާ ފަރުބޭރުން މިއަދު ބޮއްޔެއް ވެސް ނަގައިގެން އުޅޭ، އެހެންވެ އެކޮޅަށް ގޮސްގެން އެ އުޅެނީ" ރާވިން ބުންޏެވެ.
"އޭނައެއް ނާންނާނެ" ރައުލް ދުރަށް ނަޒަރު ދޫކޮށްލައިގެން އިނދެ ބުންޏެވެ.
"ކިހިނެއް ރައުލްއަށް އެނގެނީ، ދާރިއުސްއާ ދެ މީހުން ވާހަކަދައްކަން ތިބިއިރު އެއީ ދެ ބީރައްޓެހިންހެނެއް ހިޔެއްނުވޭ، އަހަންނަށް ހީވޭ އޭނާ ދާރިއުސްއާ ބައްދަލުކުރަން އަންނާނޭހެން، އަހަރެން ވެސް މި އިންނަނީ އެވަގުތައް މަޑުކޮށްގެން، އެކުއްޖާއާ ވާހަކަދައްކާލަން އަހަރެން ވެސް ބޭނުން، މިކަހަލަ ރަށެއްގައި އޭނާ ކުރަނީ ކީއްތޯ އެނގެން ބޭނުން" ރާވިން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންހެން ވާހަކަދެއްކިއެވެ.
"އޭނާ ނާންނާނެ، އަހަރެންގެ ސަބަބުން ނާންނާނީ" އިރުކޮޅަކު އިނދެފައި ރައުލް ބުންޏެވެ.
"ރައުލް... ކަލޭ... އަހަންނަށް ޤަބޫލެއްނުކުރެވޭ، ކަލޭ އެ އަންހެންކުއްޖާއަށް ގޮތެއް ހެދީތަ؟" ރާވިން ބަލާލީ ޤަބޫލުނުކުރެވިފައި އިން ފަދައިންނެވެ.
"އަހަރެން... ރާވިން... އަހަރެންނަށް އޭނާގެ ގައިން އިންސިއެއްގެ ވަސް ދުވީ، އޭނާ އުޅޭ އުޅުމުގައި ވެސް އިންސިއަކާ ވައްތަރެއްނޫންތަ" ވިސްނުމުގެ ތެރެއަށް ގެއްލިފައި އިނދެ ރައުލް ވާހަކަދެއްކިއެވެ.
"އޭނާއަށް ކީއްކުރީ، އިންސިއަކާ އޭނާ ވައްތަރުވާނަމަ އެކަން ބުނެދެވޭނީ އޭނާއަށް، ރައުލް، އެކުއްޖާއަށް ކަލޭ އަނެއްކާ ކިހިނެއް ހަދައިގެން ތިއުޅެނީ" ރާވިން ހާސްވެފައި އެއްސެވެ.
"އަހަރެން ކަމެއްނުކުރަމޭ، ސާބަސް ރާވިން، އަހަރެން މީ އެހާ ނުބައި މީހެއްތަ؟" ރައުލް ފާޑަކަށް ބަލާލިއެވެ. އަދި އިން ތަނުން ތެދުވެގެން މޫދާ ދިމާއަށް އައެވެ. އޭނާ މަޑުކޮށްލީ ރާޅުފަށުގައެވެ. ގޮނޑިދޮށަށް ބީއްސާލި ރާޅުގެ ތެތްކަން ފަޔަށް އިޙްސާސް ކުރެވިމުން ރައުލް ދެ ލޯ މަރާލިއެވެ.
"އަހަރެމެން މީގެ ކުރީން ދުށް އަންހެންކުއްދީންނާ އޭނާ މުޅިން ތަފާތު، އަނެއްކާ އެ ދެ ލޮލަކީ ރައުލް އެއްވެސް ވަރަކަށް ގަޔާވާނޭ ލޮލެއްނޫންކަން އެނގޭ، އެހެންވީމަ ބުނާކަށް ނޭނގޭ" ރާވިން ވެސް ތެދުވެގެން އައިސް ރައުލް ގާތުގައި މަޑުކޮށްލިއެވެ.
"އަހަރެން ކަމެއް ނުކުރަން، އެކަމަކު އަހަންނަށް ހީވަނީ އަހަރެންނަށް ބުނެވުނު އެއްޗަކުން އޭނާ ހިތުގައި ޖެހިއްޖެހެން، އޭނާއަށް ބަދަލުތަކެއް އައި... ރާވިން، އަހަރެން... އަހަރެން ބޭނުން އޭނާއާ ވާހަކަދައްކަން" ރައުލް ބުނެލިއެވެ. އިރުކޮޅަކު އޭނާއަށް ބަލަން ރާވިން ހުއްޓެވެ. އަދި ހޭންފެށިއެވެ.
"އަހަންނަށް ކިޔައިދީބަލަ ތި ހުރިހާކަމެއް ހިނގައިދިޔަ ގޮތެއް، ކޮންއިރަކު އޭނާ ރައުލްއާ ބައްދަލުކުރީ" ހިނިއައިސްފައި ހުރެ ރާވިން ވާހަކަދެއްކިއެވެ. ރައުލް ކިޔައިދޭން ބޭނުންނުވެ ހުރެ ވެސް އީޝަލްގެ ބައްދަލުވުން ރާވިންއަށް ހާމަކުރިއެވެ.
* * * * *
އެހެން ދުވަސްތަކެކޭ އެއްގޮތަށް އީޝަލްގެ މަސައްކަތްތަކައިގެން އޭނާ އުޅެއެވެ. ފޮތުން ކިޔުނު ހިސާބުގައި ބުނެފައި އޮތް ކަންތައްތަކާމެދު އޭނާ ޒިޔަޒެލްއާ ސުވާލުކުރިއެވެ. އީޝަލްގެ އުޅުން އިހު ހުރި ގޮތަށް ބަދަލުވެއްޖެކަން އެނގުމުން ޒިޔަޒެލް ވެސް ހުރީ ހިތްހަމަޖެހިފައެވެ.
މެންދުރުފަސްވީ ފަހުން ޒިޔަޒެލް ހޯދަން ޖިންނިއަކު އައެވެ. އީޝަލް ގާތު ހަރުގަނޑަށް ލާންވީ ފޮތްތައް ބުނެފައި ފުޅާ ކަބަޑުން ހުޅުވާފައި ހުރި ވަތްގަނޑުތައް ސާފުކުރުމަށް ބުނެފައި ޒިޔަޒެލް ކުތުބު ޙާނާއިން ނުކުތެވެ. އެވަގުތަކީ ޒިޔަޒެލް އާންމު ޖިންނީންނާ ބައްދަލު ކުރާ ވަގުތައް ނުވާތީ އެފަދަ ވަގުތެއްގައި އަންނާނީ ޒިޔަޒެލްގެ ގާތް ޖިންނިއެއްކަން އީޝަލްއަށް އެނގެއެވެ. އީޝަލް މަސައްކަތްތައް ނިންމާލާފައި ޒިޔަޒެލް ވީ ހިސާބެއް ބެލުމުގެ ބަދަލުގައި އޭނާ އައީ ފެންވަރައި ހެދުން ބަދަލުކޮށްލާށެވެ. އޭރު ލުގަލްބަންދާ ވެސް ވީ ޒިޔަޒެލް ބުނެގެން އެއްޗެއް ހޯދަން ގޮހެވެ.
ބަލްޤިސް ގެނެސްދިން އަތަރުތަކުގެ ތެރެއިން އީޝަލްއަށް އެންމެ މީރުވަސް ދުވާ އަތަރުލުމުގައި އޭނާ އިންދާ ޒިޔަޒެލް ގޮވާލި އަޑު އިވުނެވެ. ދިގު އިސްތަށިގަނޑުގައި ފުނާ އަޅައި ނުނިމޭތީ ނިކަން އަވަހަށް އިސްތަށިގަނޑު އޮޅާލައި ހުޅިއެއް ޖަހާލިއެވެ. އަދި ހަލުވިކޮށް ޒިޔަޒެލްގެ ގާތަށް އީޝަލްއައެވެ.
"މެހެމާނުންނަށް ދޭނޭ އެއްޗެއް ގެނެސްދީބަލަ" ޒިޔަޒެލް ބުންޏެވެ. ނަމަވެސް އީޝަލްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޒިޔަޒެލްއާ ބައްދަލުކުރަން އައިސް ތިބި މީހުން ފެނިފައެވެ. އެ މީހުންގެ ކުރިމަތީ ލަކުޑީގެ ފޮށްޓެއް ބަހައްޓާފައި ހުއްޓެވެ.
"ރައުލް..." އީޝަލްއަށް ހިތާ ހިތުން ބުނެލެވުނެވެ.
"އީޝަލް" ޒިޔަޒެލް އަނެއްކާ ވެސް ގޮވާލިއެވެ. އެއާއެކު ނިކަން އަވަހަށް ބޯޖަހާލަމުން އީޝަލް އެތެރެއަށް ވަދެގެން ދިޔައީއެވެ.
ބަދިގެ ތެރޭގައި ހުރި އީޝަލްއަށް ވިސްނެމުންދިޔައީ ޒިޔަޒެލްގެ ގާތުގައި ތިބި ރައުލްއާއި އޭނާގެ ޢާއިލާ މީހުންނާ މެދުއެވެ. ރައުލްގެ ބޭނުމަކީ ކޮބައިކަން ނޭނގޭ އީޝަލްގެ ހިތުގައި އެތައް ސުވާލެއް ވިއެވެ. އެ މީހުންގެ ތެރޭގައި އިން އިރު ވެސް ދާރިއުސްއަށް އީޝަލް ފެނުމުން އެ ދެ ލޯ ވިދައިގަތްތަން އޭނާ ދުށްޓެވެ.
"ޒިޔަޒެލްއާ ހަމައަށް ރައުލް އައުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން އެ މީހުންގެ ތެރެއަށް ދިޔަ ވާހަކަ ބުނަންވެގެންތަ؟ އަހަރެން އެ މީހުންނަށް އުނދަގުލެއް ނުކުރަން" އީޝަލް ހިތަށް އަރަމުންދިޔައެވެ.
(ނުނިމޭ)