ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަން ހުށަހެޅި ޕާޓީއަށް ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަން، އީސީއިން ނިންމައިފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް "އަވަސް"އަށް ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފޯމް ހުށަހަޅާފައިވަނީ ޕީޕީއެމްގައި ރަޖިސްޓާކޮށްފައިވާ މެންބަރެއް ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އެހެން ޕާޓީއެއްގެ ބޭފުޅަކަށް އާ ޕާޓީއެއް ރަޖިސްޓާ ކުރަން ހުށަނޭޅޭނެ ކަމަށާއި އެހެންކަމުން އެ ފޯމް ބާތިލު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"އަބްދުއްރަހީމް ފޯމް ހުށަހެޅުއްވި އިރު އޭނާ ހުންނެވީ ޕީޕީއެމްގައި، އެހެންވެ އެ ފޯމް ބަލައިނުގަތުމަށް އަޅުގަނޑުމެން ނިންމީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަބްދުރަހީމް ޕީޕީއެމްއިން ވަކިވުމަށް ފަހު، އަލުން ޕީއެންސީ އުފެއްދުމަށާއި އެ ޕާޓީގައި ރަޖިސްޓާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ޕީޕީއެމްގެ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުންނެވެ. އަދި އެމަނިކުފާނުގެ އަތުން ޕީޕީއެމް ބީވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަދިވެސް ބާއްވާފައެއް ނުވެ އެވެ. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައެޅުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.