ހަބަރު

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާގައި ބަހައްޓަން ނިންމައިފި

Dec 25, 2018
10

ކަޅުވަކަރާއި ހިރިގާ ބޭނުންކޮށްގެން ހަދާފައިވާ ކަޅުވަކަރު މިސްކިތް ކުރީގެ ސަލްޓަން ޕާކު، މިހާރުގެ ރަސްރަނި ބަގީޗާ ތެރޭގައި ބަހައްޓަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރަސްރަނި ބަގީޗާ ސަރަހައްދުގެ ތެރޭގައި ބެހެއްޓެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

ވަޒީރުންގެ މަޖިލީހުގެ މީގެ ކުރިން ބޭއްވި ކެބިނެޓްގެ މަސައްކަތު ބައްދަލުވުމުގައި ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ފަންނީ ބޭފުޅުން ކެބިނެޓާ ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން މިސްކިތް އަލުން ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ފަރާތްތަކުން ދެއްވި މަޝްވަރާއާއި، ކަމާބެހޭ ފަންނީ ތަޖުރިބާކާރުންނާއި ޢާންމުންގެ ހިޔާލު ހުރި ގޮތް ކެބިނެޓަށް ކިޔާ ދެއްވި ކަމަށެވެ.

އެގޮތުން ކަޅުވަކަރު މިސްކިތް ގައި ބަހައްޓަން ނިންމީ ހެރިޓޭޖް މިނިސްޓްރީ އިން ކުރެއްވި މަސައްކަތްތަކާއި ކެބިނެޓުގެ ވަޒީރުންނާ ހިއްސަ ކުރެއްވި މައުލޫމާތުތަކުގެ މައްޗަށާއި އަދި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާޅުކުރެއްވި ހިޔާލުފުޅުތަކާއި ރައީސަށް އެރުވި ލަފާފުޅުތަކުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން ކަމަށާއި މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްވެސްކުރެވޭ ތަނެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށް ހަދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ. ކަޅުވަކަރު މިސްކިތަކީ އެތައް ހާއްސަ ވަނީ މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރުމާއި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތުމުންނެވެ.

ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ. އެގޮތުން މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 90 ދުވަސް ތެރޭގައި ކަޅުވަކަރު މިސްކިތް ރޭވުމަށެވެ.

ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ ކުޑަކުޑަ ކަޅުވަކަރު މިސްކިތް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިސޯޓަކަށް ނީލަން ކިޔައި އެ މިސްކިތް ހުރީ އެ ރިސޯޓްގަ އެވެ. އެހެން ނަމަވެސް މައުމޫންގެ ވެރިކަމުގައި 1979 ގައި އެ މިސްކިތް މާލެ ގެނެސް އަލުން ރާވައި ވަނީ ހުޅުވައިފަ އެވެ. އޭގެ ކުރިން ވެސް އެ މިސްކިތް މާލޭގެ އެކި ސަރަހައްދުތަކަށް އެކި ޒަމާންތަކުގައި ބަދަލުކޮށްފައިވެ އެވެ.

އެ މިސްކިތް މިހާރު ހުރީ ގދ. ތިނަދޫއަށް ގެންދިޔުމަށް ރޫޅާލި ގޮތަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގަ އެވެ.