ކުޅިވަރު

އެންމެ ޓޮޕްގައި ރައި ފިޔަޖަހަނީ މަންމަގެ ހިތްވަރުން!

ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާން ގައުމީ އަންހެން ބާސެކްޓްބޯޅަ ޓީމު ތައްޔާރު ވަމުން ދިޔަ އެވެ. މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ރާއްޖޭގެ އަންހެން ޓީމަށް ނެތް ކަން އެނގުނީ މުބާރާތް ފެށެން ކުޑަތަން ވެފައި ވަނިކޮށެވެ. މުބާރާތަށް ފޯރީގައި ތައްޔާރު ވަމުން ދިޔަ ކުދިންގެ ހިތްމަރުވެގެން ދިޔަ އެވެ. ބާސެކްޓް ކުޅުން ހުއްޓާލައި އެނބުރި ކޯޓަށް ނާންނާނަމޭ ހިތައް އެރި ކިތަންމެ ކުޅުންތެރިންނެއް ޓީމުގައި ތިއްބެވެ. ސައިކްލޯން ބާސްކެޓްބޯޅަ ކުލަބުގެ ރައިފާ އިބްރާހިމް 'ރައި' ވެސް އިންޑޯ ހޯލުން ނިކުމެގެން ދިޔައީ ދެން ދުވަހަކުވެސް ބާސްކެޓް ނުކުޅޭނެކަމަށް ހިތުލައިގެންނެވެ.

ލިބުނު މާޔޫސް ކަމާއި، ކުރި އުންމިދުތައް ފުނޑުފުނޑު ވުމުން ހިތައް ކުރި އަސަރުންނެވެ. ބާސެކްޓްގެ އަންހެން ޓީމަށް އަބަދުވެސް ލިބެނީ އެ ލަނޑެވެ.
މުބާރާތަށް ދާން ފޯރީގައި ކުޅުންތެރިން ޕްރެކްޓިސް ކުރި ނަމަވެސް އެންމެ ފަހު ނަތީޖާއަކަށް ވަނީ ކަރު އެލުވާލައިގެން ގެއަށް ދާން ޖެހުމެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައިވެސް އަންހެން ޓީމަށް ޖެހުނީ އެ ހާލެވެ. ބާސެކްޓްގައި އަންހެން ޓީމަށް ލިބޭ ފުރުސަތު ހަނިވުމާއި އެކްސްޕޯޝާ ކުޑަކަމުން ބާސެކްޓް ކުޅެން ފަށާ އަންހެން ކުޅުންތެރިން އެހެން ކުޅިވަރުތަކަށް ބަދަލު ވެއެވެ. ކުރިން ބާސްކެޓް ކުޅުނު ކުޅުންތެރިން ހޭންޑްބޯލް ޓީމުގައި މިހާރު ކުޅެ އެވެ.

ރައިގެ ކެރިއާގައި އޭނާއަށްވެސް އެ ދައުވަތު ލިބުނެވެ. އޭނާ ހުރި ނިންމާނެ ވަކި ގޮތެއް ނޭންގި ދެ ފެން ދޭތެރޭގަ އެވެ. އެހެންނަމަވެސް ރައި އަތުގައި ހިފީ، އޭނާގެ މަންމަ ޝަރީފާ ޔޫސުފް އެވެ. ހިތްމަރުވެފައިވާ ރައިއަށް މަންމަ ދިން ތަސްލީއާ އެކު އޭނާއަށް ދިރުމެއް ލިބިގެން ދިޔަ އެވެ. އޭނާއަށް މުސްތަގުބަލު އޮތީ ބާސެކެޓްބޯޅަގައި ކަން ކެތްތެރި ކަމާއެކު މަންމަ ވިސްނައި ދިނެވެ. ކުޅުން ހުއްޓަލަން ނިންމައިގައި ހިތުގައި ގަންބައިގެން ހުރި އެ ހިޔާލު ނެރެ އެއްލާލައި އާ އަޒުމަކާ އެކު ބޯޅަ ހިފައިގެން އަލުން ބާސެކްޓް ކޯޓަށް އޭނާ ވަނެވެ.

ކޯޓަން އެ އެރި ގޮތަށް ރައިގެ ނަން ގަދަ ފަހަކުން ކައްސައެއް ނުލަ އެވެ. ބޭއްވި ކޮންމެ މުބާރާތެއްގައި ގަދަ ފަހެއްގައި އޭނާގެ ނަން ހިމެނެ އެވެ. ގަދަ ފަހަކުން ރައިގެ ނަން ކައްސާލައިގެން ނުދެ އެވެ. އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މަންމަ އެވެ.

"ހަގީގަތުގައި މަންމަގެ ހިތްވަރު ނުލިބުނު ނަމަ އަޅުގަނޑު އަލުން ބާސްކެޓްބޯލް ކޯޓުން ނުވެސް ފެންނާނެ،" ރައި ކިޔައި ދިނެވެ. "ބޮޑު މެޗެއް ކުޅެންޏާ މަންމަ އަބަދުވެސް ހުންނާނެ އައިސް ސަޕޯޓް ދޭން."

މި އިންޓަވިއު ނަގަން ހަވީރު ތިނަކަށް މޫވް އިންކް ރެސްޓޯރެންޓުން ދިމާވާން ގަޑި ކިޔާފައި، އަހަރެން އެތަނަށް ދިޔައީ 3:03 ހާއިރު އެވެ. އަހަންނަށް ވުރެ ކުރިއަކުން އޭނާ ނާންނާނޭ ހިތައި އެތެރެއަށް ވަދެގެން ދިޔައީމެވެ. ކަން ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ވަދެގެން ދިޔައިރު، އޭނާ ހުރީ މޭޒެއްގެ ކައިރިގައި އިށީންދެ ލައިގެންނެވެ. ގަޑިއަށް ފަރުވާެތި ވުމަކީ އެތުލީޓެއްގެ އެންމެ މުހިންމު ސިފަ އެވެ. ރައިގެ މުޅި ކެރިއާ އޭނާ ބިނާކޮށްގެން ހުރީ ބާސެކްޓްބޯޅަ އަށެވެ. އެކަމަށް ދޭން ޖެހޭ ކޮންމެ ކޮމިޓްމެންޓެއް އޭނާ ނެރޭނެ އެވެ. ހަގީގީ އެތުލީޓަކަށް ވުމަށް އޭނާގެ މަންމަގެ ރީތި އަހްލާގުން އޭނާއަށް ދަސްވި އެވެ.

މިދިޔަ އަހަރަކީ، ރައިގެ ބާސްކެޓް ހަޔާތުގައި ކާމިޔާބު އަހަރެކެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ މުބާރާތެއްގެ ޗެމްޕިއަން މެޑަލް އޭނާގެ ކަރުގައި އަޅުވާލި އެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ އުންމިދީ ކުޅުންތެރިޔާގެ އެވޯޑް އޭނާ ހޯދި އެވެ.

މި އަހަރުގެ ބާސްކެޓް ސީޒަންގައި ރައި އާއި ސައިކްލޯންއަށް އޮތް ޗެލެންޖު ބޮޑެވެ. މިދިޔަ އަހަރުގެ ކާމިޔާބު ދެމެއްހެއްޓުމާއި، އޭނާގެ ޕާސަނަލް ރެކޯޑްގައި ހިފެހެއްޓުމެވެ. އަބަދު އެއްވަރެއްގައި ހިފެހެއްޓުމަކީ ކޮންމެ ކުޅުންތެރިޔަކަށްވެސް އޮތް ޗެލެންޖެކެވެ. އެ ލެވަލްގައި ހިފެހެއްޓުމަށް އޭނާއަށް އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސައިކްލޯންގެ ފެމެލީ އެވެ.

"ސައިކްލޯން އަކީ ޓީމެއް ނޫން، ބޮޑު އެއް ފެމިލީ، ކިންގްސް ބާސްކެޓް ބޯޅަކުލަބުގެ އިބްރާހިމް އަންފާލު އާ ކައިވެނިކޮށްގެން އުޅޭ ރައި ވާހަކަ ދެއްކި އެވެ. "މި ޓީމު ވަރަށް ޒުވާން، ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށްވެސް އެނގޭނެ، ޓޮޕް ލެވަލްގައި ހިފެހެއްޓޭނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންކަން، ކޮންމެ ކުޅުންތެރިޔެއްވެސް މެކްސިމަމް ދޭނެ، ރައި އަށް ވަރަށް ފަސޭހަ މި ފެމިލީއާ އެކު މަސައްކަތް ކުރަން."

ރައިގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ އެވެ. އެއަށް ފަހު ފިރިމީހާ އަންފާލް އެވެ. އެންމެ ފަހުން ކުޅުނު ގައުމީ މުބާރާތުގެ ފައިނަލުގައި ޖިބްލީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރައިއަށް ސަޕޯޓް ދޭން އޭނާގެ މަންމަ އައިސް ހުރި މަންޒަރު އަޅުގަނޑުވެސް ދުށީމެވެ. މުބާރާތުގެ އެންމެ އުންމިދި ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ރައި ސްޓޭޖުން ފައިބައިގެން އައިރު އޭނާގެ މަންމަގެ މޫނަށް ވެރިވެފައިވާ އުފާވެރި ކަމުގެ ޝުއޫރު ފާޅުވެވެ ހުއްޓެވެ.