ހަބަރު

ކޮމިޝަނާ އޮފް ޕްރިޒަންއަށް މުނާޒް އައްޔަން ކުރައްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަނާގެ މަގާމަށް އަބްދުﷲ މުނާޒް އައްޔަން ކުރައްވައިފި އެވެ.

މުނާޒްއަކީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. ނަމަވެސް އޭނާ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މުނާޒް އައްޔަންކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

މުނާޒަކީ އެމްއެންޑީއެފްގައި 24 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. 2011 ވަނަ އަހަރު އޭނާ ވަނީ ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ. އޭރު މުނާޒް ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގަ އެވެ. އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވުމަށށް ފަހު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އުފެއްދެވުމާ ގުޅިގެން އޭނާ ވަނީ ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަން ކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.