ހަބަރު

މައާފު ނުދޭ ގައިދީއަކު ދޫކޮށްލި މައްސަލައެއް ބަލަނީ

ރައީސުލްޖުމްހޫރިއްޔާ މައާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލައެއް ހޯމް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

‏ހޯމް މިނިސްޓްރީން މިއަދު ބުނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް މައާފު ދެއްވި ފަރާތްތައް މިނިވަން ކުރަން އުޅުމުގެ ތެރޭގައި، މައާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ހޯމް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގާފަ އެވެ. އަދި އެ ކަން ހިނގާ ދިޔަ ގޮތް ބަލައި، އަޅަން ޖެހޭ އިދާރީ ފިޔަވަޅުތައް އަޅަން ހޯމް މިނިސްޓްރީން ވަނީ ކަރެކްޝަންސް ސާވިސްއަށް އަންގާފަ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، ރައީސް މައާފު ނުދެއްވާ ކަމަށް ބެލެވޭ ގައިދީ މިހާރު ހުރީ ތަހުގީގުގެ ބޭނުމަށް ބަންދުކޮށްފަ އެެވެ.