މިދިޔަ ސީޒަނަށް ވުރެ، މި ސީޒަންގައި ހުރިހާ ގޮތަކުންވެސް އޭނާގެ ޓީމު ރަނގަޅު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލޯ ބުނެފި އެވެ.
މިދިޔަ ސީޒަންގައި، ލީގްގައި ސިޓީ ބަލިވީ ދެ މެޗުންނެވެ. އެއީ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓަޑް އަތުންނެވެ. މިސީޒަންގެ މި މަހު އެކަނި ދެ މެޗުން ބަލިވެ މިދިޔަ ސީޒަނާއެއް އެއްވަރަށް ވަނީ ބަލިވެފަ އެވެ. ފުރަތަމަ ޗެލްސީ އަތުން ބަލިވި އިރު އެންމެ ފަހުން ބަލިވީ މިޑް ޓޭބަލްގެ ޓީމެއް ކަމަށް ކްރިސްޓަލް ޕެލަސް އަތުންނެވެ. ސިޓީ އޮތީ ލިވަޕޫލްގެ ފަހަތުން ހަތަރު ޕޮއިންޓްގެ ފަރަގަކާއެކު ތާވަލުގެ ދެ ވަނައިގަ އެވެ.
އެހެންނަމަވެސް، ގާޑިއޯލާ ގަބޫލު ކުރާ ގޮތުގައި މިދިޔަ ސީޒަނަށް ވުރެ މި ސީޒަން ސިޓީއަށް ރަނގަޅެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މި ސީޒަންގެ ލީގްވެސް ސީޓީއަށް ކާމިޔާބު ކުރެވޭނެ އެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރު ލީގް ކާމިޔާބު ކުރުމަކީ ސިޓީގެ ތާރީހްގައި ކުރެވުނު ކަމެއް ނޫނެވެ.
"ޓައިޓަލް ރޭހުގައި މިދިޔަ ސީޒަނަށްވުރެ މިސީޒަންގައި އަހަރެމެންގެ ޓީމު މާ ރަނގަޅު، އެކަން ވާނީވެސް އެހެން، މި ޓީމުގައި މި ކުޅުންތެރިން އެކުގައި ގިނަ ދުވަސްތަކެއް އަހަރެމެން ހޭދަ ކޮށްފިން،" ސްކައި ސުޕޯޓްސް އަށް ދިން އިންޓަވިއުގައި ކަޓާލާންގެ ކޯޗް ބުންޏެވެ. "އަހަރެމެންގެ ކުރިއެރުން ރަނގަޅު، އަހަރެމެންގެ ހަމަލާ އުފެއްދުން، އަހަރެމެން ގަދައަށް ވިއްދައިގެން ކުޅުން، އަހަރެމެން ތަފާތު ގޮތްގޮތަށް މޫވްކޮށްގެން ކުޅެވޭ، ޑިފެންސް ކުރެވޭނެ އެކިގޮތްތަށް އަހަރެމްނެގެ އެބަހުރި، ފަހަތަށް ފައިބައިގެން ޑިފެންސު ކުރާއިރު އަހަރެމެންގެ ޓީމު މިހާރު މާ ވަރުގަދަ."
މިދިޔަ ސީޒަންގައި ލީގްގައި ހޯދި 100 ޕޮއިންޓްގެ ރެކޯޑާއެކު އޭނާ އެންމެ ހިތްހަމަޖެހޭ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން، ކުރިން ބާސެލޯނާ އާއި ބަޔާން މިޔުނިކަށް ކާމިޔާބު ހޯދައިދީފައިވާ ކޯޗު ބުނީ ސިޓީން މުޅި ސީޒަންގައި އެއްވަރެއްގައި ހިފެހެއްޓުން ކަމަށެވެ.
އޭނާ ބުނީ ސިޓީ އަތުން ޕޮއިންޓް ގެއްލުނު ނަމަވެސް ނިމިގެން ދާއިރު އެ ޓީމު އެއް ވަނައިގައި އޮވެއްޖެނަމަ އޭނާގެ މަގުސަދު ހާސިލުވީ ކަމަށެވެ. ޕޮއިންޓް ގެއްލުނަސް ފާހަގަ ކުރަން ޖެހޭނީ އެ ކާމިޔާބު ކަމަށް ގާޑިއޯލާ ބުންޏެވެ.
"ޗެމްޕިއަންސް ލީގް ނުވަތަ މުބާރާތް ކާމިޔާބު ކުރަންޏާ ޖެހޭނީ ހައެއް ނުވަތަ ހަތް މެޗުގައި ރަނގަޅަށް ކުޅެން، އެހެންނަމަވެސް ޕްރިމިއާ ލީގް އެއާ ތަފާތު، ކޮންމެ ތިން ދުވަހަކުން މެޗެއް އޮންނާނެ، އެއްވަރެއްގައި ޓީމު ހިފެހެއްޓެން ޖެހޭނެ، އެހެންވެ ލީގް ކާމިޔާބު ކުރެވުނީމަ އަހަންނަށް މާ ބޮޑަށް ކަމުދޭ."