ރާއްޖޭގެ ލެޖެންޑަރީ ގޯލް ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާގެ ޝަރަފުގައި ކުޅޭ މެޗަށް، އިމްރާންގެ ފަރާތުން އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ހުރާގެ އިސްހާގް އީސާއަށް ހާއްސަ ދައުވަތެއް އަރުވައިފި އެވެ.
އިމްރާން އިއްޔަ ބުނެފައި ވަނީ، އޭނާގެ ޓީމުގައި ކުރީގެ އެއް ވަނަ ކީޕަރު އިސްހާގްގެ ނަންވެސް ހިމަނާފައިވާ ކަމަށެވެ. ފުރަތަމަ އިއުލާން ކުރި ޓީމުގައި އިސްހާގްގެ ނަން ހިމަނާފައި ނުވެ އެވެ. ނަމަވެސް އިއްޔަ އޭނާގެ ޓީމުގައި އިސްާގްގެ ނަން ހިމެނުމުން، އިސްހާގް ބުނީ އިމްރާންގެ ޓީމުގައި އޭނާގެ ނަން ހިމެމުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ.
"އިމްރާން އިއްޔަ ވަކިން އަޅުގަނޑަށް ގުޅާފައި ބުނީ ތިމަންނަ ހަނދާނުން ކައްސާލީއޭ އޭރު އިސްހާގްގެ ނަން،" އުފަން ރަށް ހުރާގެ ޓީމަށާއި އައިއެފްސީއަށް ކުޅުނު ކީޕަރު ބުންޏެވެ. "އެހެންނަމަވެސް އިމްރާން ގުޅާފައި އަޅުގަނޑުގެ ނަން ޖެހި ވާހަކަ ބުނީމަ ވަރަށް ބޮޑަށް އުފާވި."
އިމްރާން ޓީމުގައި ކީޕަރުންގެ ގޮތުގައި މިހާރު ހިމެނޭނީ، އޭނާ އާއި އިސްހާގްގެ އިތުރުން ކުރިގެ ކީޕަރު އަސްލަމް އަބްދުރަހީމް އެވެ. އެ ތިން ކީޕަރުން ވަނީ އެކުގައި ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ.
"މީގައި ވަކިން ބޮޑަށް އުފާ ވަނީވެސް އަޅުގަނޑުމެން ތިން މީހުން [އިމްރާން، އިސްހާގް އަދި އަސްލަމް] އެއްކޮށް އަނެއްކާވެސް ދަނޑުން ބައްދަލުވާން ފުރުސަތު ލިބުނީމަ،" އިސްހާގްގެ އޭނާގެ ޝުއޫރުތައް ހިއްސާ ކުރި އެވެ. "އަޅުގަނޑުމެން ތިން މީހުންނަކީ އެއްކޮށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމުގައި މަސައްކަތް ކުރިން، މި ފުރުސަތު ލިބުނީމަ އޭރުގެ ދުވަސްތައް ވަރަށް ބޮޑަށް ހަދާންވޭ."
އިސްހާގްއަށް ކުރިމަތިވި އަނިޔާއާ ގުޅިގެން އޭނާ ކުޅުން ހުއްޓާލަންދެންވެސް ގައުމީ ޓީމުން އޭނާ ޖާގަ ހޯދި އެވެ. ގައުމީ ޓީމުގައި އޭނާގެ ސްކްސިއާއަކީ އިމްރާން އެވެ. އަސްލަމްގެ ސަކްސިއާއަކީ އިސްހާގް އެވެ. އެގޮތުންވެސް މި ތިން ކީޕަރުންގެ ކޮމްބިނޭޝަން ގައުމީ ޓީމުގައި ގުޅެ އެވެ.
ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މޯނިންގްސަން މޫސާ މަނިކު 'ކުޑަ މޫސަ' ފުޓްބޯޅައަށް ނެރެދިން އިސްހާގްގެ ކުޅުން މޫސައަށް ފާހަގަވީ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގައި ހުރާގެ ސްކޫލް ޓީމުންނެވެ.
"މިއީ ގައުމީ ޓީމުގެ ގޯލްވެސް ބަލަހައްޓާނެ ކީޕަރެއް." އިންޓަ ސްކޫލުގައި އިސްހާގްގެ ކުޅުން ފާހަގަ ވުމުން މޫސަ އޭރު ބުނެފައި ވެއެވެ. ކުޑަ މޫސަގެ އެ ޕްރިޑިކްޝަން 100 ން 100 ދިމާވެ، ދުވާލުގެ އިރުފަދައިން އެންމެންގެ ލޯމައްޗަށް ހާމައަށް ފެނުނެވެ.
ގައުމީ ކީޕަރުގެ ގޮތުގައި، އިސްހާގްގެ އެންމެ ހާއްސަ މުބާރަތަކަށްވީ، 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެމުބާރާތުން ރާއްޖެއަށް ތިން ވަނަ ލިބުމުގައި އިސްހާގް މުހިންމު ދައުރެއް އަދާ ކުރި އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެ މުބާރާތުގެ ފައިނަލަށް ރާއްޖެއަށް ދެވުނީހެވެ. ނަމަވެސް ނަސީބުގެ އެހީ ރާއްޖެކޮޅަށް ނަގައެއް ނުދިނެވެ.
"ވަކިވަކި މެޗުތަކެއް ހުންނާނެ، ފާހަގަ ކުރެވޭ މެޗުތަކެއް، ނަމަވެސް މުބާރަތަކަށް ބަލަންޏާ، ގޯއާ ސާފް ޗެމްޕިއަންޝިޕަކީ، ވަރަށް ފާހަގަ ކުރެވޭ މުބާރާތެއް، ވަރަށް ރަނގަޅު ކުޅެވުނު." ކުރިން އަވަސްއަށް ދީފައިވާ އިންޓަވިއުއެއްގައި އިސްހާގް ބުނެފައި ވެއެވެ.
އުފަން ރަށް ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކުލަބު ދޫކޮށް، އައިލެންޑް ފުޓްބޯޅަ ކުލަބު (އައިއެފްސީ) އަށް، އޭނާ ބަދަލުވީ 100000 ރުފިޔާ ގާތް ކުރާ އަދަދެއްގަ އެވެ. އެއީ ކުޅުންތެރިޔަކު ކުލަބު ބަދަލު ކުރަން އޭރުގެ ނިސްބަތުން އޭރުގެ އެންމެ ބޮޑު އަގެވެ. އަދި އެއީ އެހާތަނަށް ރާއްޖޭގައި ކީޕަރެއް ކުލަބު ބަދަލު ކުރި އެންމެ ބޮޑު އަގުވެސް މެއެވެ.
އިމްރާން ރިޓަޔާ ކުރުމުގެ ޝަރަފުގައި ކުޅޭ މެޗުގައި ފުޓްބޯޅައިގެ ދެ ލެޖެންޑުން ކަމަށްވާ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ލެޖެންޑް ޕީޓާ ޝްމައިކަލް އާއި ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވެސް ކުޅޭނެ އެވެ.
ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ، 2016 ވަނަ އަހަރު އެވެ. އިމްރާންގެ ރިޓަޔަމެންޓާ ގުޅިގެން ކުޅޭ ޝަރަފުވެރި މެޗު ކުޅެނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. މި މެޗު ކުޅޭނީ އިމްރާންގެ ޓީމާއި އެފްއޭއެމް ޓީމާ ދެމެދު އެވެ. ޕީޓާ ޝްމައިކަލް އާއި ސެލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ.